ޚަބަރު

86 އަހަރަށްފަހު އަޔާ ސޮފިޔާގައި ފުރަތަމަ ފަހަރަށް ހުކުރުކުރަނީ


އާސާރީ ތަރިކައިގެ ލިސްޓުގައި ހިމެނޭ މަޝްހޫރު ބިނާއެއްކަމަށްވާ އަޔާ ސޮފިޔާއަކީ މިސްކިތެއްގެ ގޮތުގައި ތުރުކީވިލާތުގެ ސަރުކާރުން ކަނޑައެޅުމަށްފަހު ފުރަތަމަ ފަހަރަށް އެ މިސްކިތުގައި ހުކުރު ކުރުމަށް ތައްޔާރުވެއްޖެއެވެ. މިއީ 1934ވަނަ އަހަރުގެ ފަހުން އަޔާ ސޮފިޔާފައި ހުކުރުކުރާ ފުރަތަމަ ފަހަރެވެ.

1934 ވަނަ އަހަރު ތުރުކީވިލާތުގެ ސަރުކާރުން ނެރުނު ޤަރާރެއްގެ ދަށުން ފާއިތުވި އަހަރުތަކުގައި އަޔާ ސޮފިޔާ ބޭނުންކޮށްފައިވަނީ ދާރުލްއާސާރެއްގެ ގޮތުގައެވެ. ނަމަވެސް އެ ޤަރާރުވަނީ އެ ޤައުމުގެ އެންމެ މަތީ ކޯޓުން ބާޠިލުކޮށްފައެވެ. އެއާއެކު އެ ބިނާއަކީ މިސްކިތެއްކަމުގައި ތުރުކީވިލާތުގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާންވަނީ ކަނޑައަޅުއްވައިފައެވެ.

86 އަހަރަށްފަހު އަޔާ ސޮފިޔާގައި ކުރާ ފުރަތަމަ ހުކުރު ނަމާދުގައި ބައިވެރިވުމަށް އެތައް ހާސް ބަޔަކުވަނީ މިސްކިތް ކައިރިއަށް ޖަމާވެފައެވެ. ގިނަ ޢަދަދެއްގެ މީހުންވަނީ އެއް ދުވަސް ކުރިން މިސްކިތަށް ވަނުމަށް ޢާއިލާއާއެކު މިސްކިތުގެ ބޭރުގައި ސަފު ހަދައިފައެވެ. އެ ސަރަޙައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް 21،000އަށްވުރެ ގިނަ ފުލުހުން ދަނީ ޙަރަކާތްތެރިވަމުންނެވެ.

ތުރުކީވިލާތުގެ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު އަލީ އެރުބާޝް ވިދާޅުވީ އެއްފަހަރާ 1،000 މީހުންނަށް އަޔާ ސޮފިޔާގައި ނަމާދުކުރެވޭނެކަމަށެވެ. ޖަމާޢަތުގައި އަޔާ ސޮފިއާގައި ނަމާދުކުރާ ވަގުތު ކޯވިޑް-19ން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއްވަނީ އަޅައިފައެވެ. މިސްކިތުގެ އިތުރުން ވަށައިގެން ހިމެނޭ ސަރަޙައްދުގައި މާސްކު ބޭނުންކޮށް އިޖުތިމާޢީ ގައިދުރުކަން ބެހެއްޓުމަށް ކަމާބެހޭ ފަރާތްތަކުންވަނީ ބާރު އަޅައިފައެވެ. އަދި އަމިއްލަ މުޞައްލަފަދަ ތަކެތި ބޭނުންކުރުމަށްވެސްވަނީ ބާރު އަޅައިފައެވެ.

އަޔާ ސޮފިޔާގައި ނަމާދުކުރުމަށް ތައްޔާރުވުމުގެ ގޮތުން އެ ބިނާގައި ހުރި ނަޞާރާ ދީނުގެ ބައެއް ތަރިކަތައްވަނީ ނުފެންނަގޮތަށް ފޮރުވައިފައެވެ. ތުރުކީވިލާތުގެ ސަރުކާރުންވަނީ ތިން އިމާމުންނާއި ފަސް މުޢައްޒިނުންވެސް އެ މިސްކިތަށް ޢައްޔަނުކޮށްފައެވެ. ހުކުރު ނަމާދުގެ ޖަމާޢަތުގައި ތުރުކީވިލާތުގެ ރައީސް ރަޖަބު ޠައްތިބު އުރުދުޣާން ބައިވެރިވެވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.