ވިޔަފާރި

ލިޔެކިޔުންތައް ހުށަނާޅާ ޖަމުޢިއްޔާތައް މީރާގެ ލިސްޓުން އުނިކުރަނީ


މީރާއިން ހުއްދަ ދީފައިވާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމުއިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ޖަމުއިއްޔާތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އަންނަ މަހުގެ ނިޔަލަށް ހުށަނާޅާނަމަ އެ ޖަމުޢިއްޔާއެއް މީރާގެ ލިސްޓުން އުނިކުރާނެކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

މީރާ ޓެކްސް ރޫލިން ޤާނޫނުގައިވާ ގޮތުން މީރާއިން ހުއްދަދީފައިވާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން ކޮންމެ އަހަރެއްގެވެސް 30 ޖޫންގެ ކުރިން ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓާއި އެހީގެ ތަފްސީލީ މައުލޫމާތު ހުށައަޅަންޖެހެއެވެ. ނަމަވެސް މިދިޔަ އަހަރުގެ ލިޔެކިޔުންތައް މިއަހަރުގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ކުރިން ހުށަހެޅޭ ގޮތަށް މީރާއިން ވަނީ މުއްދަތު އިތުރުކޮށްފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ލިޔެކިޔުންތައް ހުށަނާޅާ ޖަމިއްޔާތައް މީރާއިން ހުއްދަދީފައިވާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުގެ ލިސްޓުން އުނިކުރެވޭނެކަމަށް މީރާއިން ބުނެއެވެ.

މީރާގެ ޓެކްސް ރޫލިންގގައިވާ ގޮތުން މީރާއިން ހުއްދަ ދީފައިވާ ޖަމާއަތް، ޖަމިއްޔާ އަދި އާންމު އިދާރާތަކުން ކޮންމެ އަހަރެއްގެ އަހަރީ ރިޕޯޓާއި އެ އަހަރެއްގައި ލިބުނު ހަދިޔާއާއި ގުޅޭ މައުލޫމާތުތައް ހިމަނަންޖެހެއެވެ. އޭގެތެރޭގައި ހަދިޔާ ލިބުނު ތާރީހާއި، ހަދިޔާ ލިބުނު ގޮތް އަދި ހަދިޔާއެއްގެ ގޮތުގައި ލިބުނު މިންވަރު ބަޔާންކުރަންޖެހެއެވެ.

ޓެކްސް ދައްކާ ފަރާތަކުން ޖަމާއަތަކަށް ނުވަތަ އާންމު އިދާރާއަކަށް ދީފައިވާ ހަދިޔާއެއް އެފަރާތެއްގެ ބީޕީޓީން އުނިކުރެވޭނީ ބީޕީޓީ ބަޔާން ހުށައަޅަންޖެހޭ ތާރީހުގައި ނުވަތަ އޭގެކުރިން އެހީ ދިން ޖަމުޢިއްޔާ ނުވަތަ އާންމު އިދާރާ މީރާއިން ޤަބޫލުކޮށްފައިވާނަމައެވެ.