ޚަބަރު

ޙައްޖުމަހުގެ ފުރަތަމަ 10 ދުވަހުގެ ބޭނުން ހެޔޮގޮތުގައި ހިފަންޖެހޭ - ހުކުރު ޚުތުބާ


ޙައްޖުމަހުގެ ފުރަތަމަ 10 ދުވަހުގެ ދަރުމައާއި ޘަވާބު ހޯދުމަށް ގަދައަޅާ މަސައްކަތްކުރުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ. އެގޮތުން މިދުވަސްތަކަކީ މާތްﷲ ލެއްވި އެންމެ މާތް ދުވަސްތައްކަން ބަޔާންކޮށްދެއްވާ ޚުޠުބާގައިވަނީ މިދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ނަސޭޙަތްތެރިވެފައެވެ.

ހައްޖުމަހަކީ ދީނީ އަޅުކަމުގައި މުހިންމު މައްސަރެއްކަން ފާހަގަކުރައްވާ ޚުޠުބާގައިވަނީ މިހާރު އޮތް ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ޙާލަތުގައިވެސް އެމީހަކަށް ވީވަރަކުން އަޅުކަމުގައި ޝާމިލުވުމަށް ބާރުއަޅުއްވާފައެވެ. އަދި މިއަހަރު ޙައްޖަށް ދިޔުމަށް ނިޔަތްގަނެ އެކަމަށް މަސައްކަތްކުރަމުން އައި މީހުންނަށް މާތްﷲގެ ރަޙުމަތުން އެކަމުގެ ދަރުމައާއި ޘަވާބު ލިބޭނެކަމަށް ޚުޠުބާގައިވަނީ ބަޔާންކޮށްފައެވެ. އަދި ޙައްޖުގެ އަޅުކަމުގައި އެކަލާނގެ މާތްކުރެއްވި ބިމަށް ނުދެވުނުނަމަވެސް އަމިއްލަ ޤައުމުގައި ތިބެގެންވެސް މިދުވަސްތަކުގެ ދަރުމަ ހޯދުމުގެ ފުރުސަތު ފަހިވެފައިވާކަން ޚުޠުބާގައިވަނީ ބަޔާންކޮށްފައިވެއެވެ.

ޙައްޖުމަހުގެ މިދުވަސްތަކުގައި އަޅުކަމުގައި ހޭދަކުރާ ވަގުތު އިތުރުކޮށް އަޅުކަމުގައި އިތުރަށް ޝާމިލުވުމަށްވެސްވަނީ މިައދުގެ ހުކުރު ޚުޠުބާގައިވަނީ ގޮވާލައްވާފައެވެ. ޙައްޖުމަހުގެ ފުރަތަމަ ދިހަދުވަހު ކުރުމަށް ސުންނަތުން ސާބިތުވާ އެއް އަޅުކަމަކީ ރޯދައަށް ހުރުންކަން ބަޔާންކުރައްވަމުން މިއުއްމަތުގެ ރަސޫލާ މުޙައްމަދުގެފާނު ހައްޖުމަހުގެ ފުރަތަމަ ދިހަދުވަހު ރޯދަ ހިއްޕެވިކަމަށް ޚުޠުބާގައިވަނީ ފާހަގަކުރައްވާފައެވެ. އަދި ޛިކުރުކުރުން އިތުރުކުރުމަށްވެސްވަނީ ނަސޭޙަތްތެރިވެފައެވެ.

މިއަދުގެ ހުކުރު ޚުޠުބާގައިވަނީ އަޅުކަންކުރުމުގައި ތެދުވެރިވުމާއި އިޚްލާސްތެރިވުމުގެ މުހިއްމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އަޅުކަންކުރުމުގައި ތެދުވެރިވެ އިޚްލާސްތެރިނުވާ މީހާގެ ޢަމަލަކުން ނޫނީ އާޚިރަތުގައި އޭގެ ފައިދާއެއް ނުކުރާނެކަމަށް ޚުޠުބާގައިވަނީ ބަޔާންކޮށްފައެވެ.

ޙައްޖުމަހުގެ ފުރަތަމަ 10 ދުވަހަކީ މާތްﷲގެ ހަޟްރަތުގައި އެންމެ މަތިވެރިވެގެންވާ ދުވަސްތަކެވެ. މިދުވަސްތަކުގައި އަޅުކަން ކުރުން އިތުރުކޮށް ޛިކުރުކުރުމާއި ދީނީ ޝިޢާރުތައް ކުރިއެރުވުމުގައި ޝާމިލުވުމަށް އިސްލާމްދީން ބާރުއަޅުއްވައެވެ.