ވިޔަފާރި

އިޤްތިޞާދަށް ހީނަރުކަން އަޔަސް، ޓެސްލާއަށް ފައިދާ


ކޯވިޑް19އާ ގުޅިގެން ދުނިޔޭގެ އިޤްތިޞާދު ހީނަރުކަމުގައި އޮތަސް، އިލެކްޓްރިކް ކާރު އުފައްދާ ޓެސްލާ ކުންފުންޏަށް މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު ލިބުނު ފައިދާ އިތުރުވެއްޖެއެވެ.

އެމެރިކާގެ ބިލިއަނަރު އިލޯން މަސްކުގެ ޓެސްލާ ކުންފުނިން ބުނާގޮތުން ނިމިގެންދިޔަ މިއަހަރުގެ 2 ވަނަ ކުއާޓަރުގައި އެކުންފުންޏަށް ލިބުނު އާމްދަނީއަކީ އަންދާޒާކުރި ވަރަށްވުރެ ބޮޑު އާމްދަނީއެއްކަމަށެވެ.

އިޔާދަކުރަނިވި ހަކަތައާއި އިލެކްޓްރިކް ވެހިކަލް އުފައްދާ ޕަބްލިކް ކުންފުންޏެއްކަމަށްވާ ޓެސްލާގެ މާލީ ހިސާބުތައް ދައްކާގޮތުން އެކުންފުންޏަށް ނިމުނު 2 ވަނަ ކުއާޓަރުގައި 6.04 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ. އަދި ފައިދާގެ ގޮތުގައި އެކުންފުންޏަށް 104 މިލިއަން ޑޮލަރު ލިބިފައިވެއެވެ. ނިމުނު ކުއާޓަރުގައި އެކުންފުންޏަށް ލިބުނު އާމްދަނީއާއި ފާއިދާއަކީ، އެކުންފުނިން އަންދާޒާކުރި އާމްދަނީއާއި ފައިދާއަށްވުރެ އިތުރު އަދަދެކެވެ.

މާލީ ހިސާބުތައް ދައްކާގޮތުން ތިމާވެއްޓާ ރަށްޓެހި ވެހިކަލްތައް އުފައްދައިގެން ޓެސްލާއަށް ލިބޭ ރެގިއުލެޓަރީ ކްރެޑިޓްގެ އާމްދަނީވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެކުންފުންޏަށް ރެގިއުލެޓަރީ ކްރެޑިޓްގެ ގޮތުގައި 111.2 މިލިއަން ޑޮލަރު ލިބުނުއިރު، މިއަހަރުގެ 2 ވަނަ ކުއާޓަރުގައި އެކުންފުންޏަށް ލިބުނު އާމްދަނީ އުޅެނީ 428 މިލިއަން ޑޮލަރުގައެވެ.

ޓެސްލާގެ މާލީ ހިސާބުތައް ދައްކާގޮތުން މިއަހަރު ފުރަތަމަ 2 ކުއާޓަރުގައިވެސް އެކުންފުނީގެ ވިޔަފާރި ރަނގަޅުއިރު، މިދިޔަ އަހަރުގެ ފަހު 2 ކުއާޓަރުގައިވެސް އެކުންފުންޏަށް ވަނީ ފައިދާވެފައެވެ.

ޓެސްލާގެ ވިޔަފާރި ރަނގަޅުވަމުންދާއިރު، އެކުންފުނީގެ ހިއްސާގެ އަގުވެސް ދަނީ އުފުލެމުންނެވެ. މިއަހަރު ފެށުނުއިރު އެކުންފުނީގެ ހިއްސާއެއްގެ އަގު އުޅުނީ 430 ޑޮލަރުގައެވެ. ނަމަވެސް މިހާރު އެ އަގު އުޅެނީ 1550 ޑޮލަރުގައެވެ. އަނެއްކޮޅުން ޓޮޔޯޓާ ފަހަތަށް ޖައްސާލުމަށްފަހު ޓެސްލާއަކީ މިއަދު ކާރު އުފައްދާ ދުނިޔޭގެ އެންމެ މުއްސަނދި ކުންފުންނެވެ. އެކުންފުނީގެ އަގު އުޅެނީ 300 ބިލިއަން ޑޮލަރުގައެވެ.