ސިޔާސީ

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ބިލް ފާސްކޮށްފި


ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި ތައްޔާރުވެ ތިބުމަށާއި، ކާރިސާތަކުން އިޔާދަވުމާއިބެހޭ ނިންމުންތައް ނިންމުމަށް، ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އުފެއްދުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.ސަރުކާރުގެ ފަރާތުން ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ފާރިސް މައުމޫން ހުށައެޅުއްވި މިބިލަކީ ގުދުރަތީގޮތުން ދިމާވާ ކާރިސާތަކުގައި، ދިވެހި ރައްޔިތުންގެ ގެދޮރާއި، މުދަލާއި، ރާއްޖޭގެ ތިމާވެއްޓާއި، އަދި އެނޫންވެސް ގުދުރަތީ ކާރިސާތަކަށް ރާއްޖޭގެ ސަރަހައްދާއި، ރައްޔިތުން ހުށައެޅިފައިވާތީ، ކާރިސާތައް ހިނގުމުގެ ކުރިން ދުރާލާތައްޔާރުވުމުގެ ގޮތުން ޤައުމީ ސިޔާސަތުތައް ކަނޑައެޅުމަށް ހުށައަޅަފައިވާ ބިލެކެވެ.މީގެ އިތުރުން މިދިޔަ ޖުލައި 16 އިން ފެށިގެން އަމަލުކުރަމުން އަންނަ ޤާނޫނުލް އުޤޫބާތަށް ފުރަތަމަ ފަހަރަށް ސަރުކާރުގެ ފަރާތުން ހުށައެޅި އިސްލާހުވެސް ވަނީ ފާސްކޮށްފައެވެ.މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިގް ހުށައަޅުއްވާފައިވަނީ، އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައަޅާފައިވާ ކުށެއް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވެއްޖެނަމަ އިސްލާމީ ޝަރީއަތުގައި އެ ކުށަށް އޮންނަ އަދަބު ދިނުމަށެވެ. އަދި  އިސްލާމީ ޝަރީއަތުގައި ބުނާ ހައްދުގެ އަދަބު ތަންފީޒު ކުރަން ޖެހޭނީ އެ މައްސަލައެއްގެ ޝަރުއީ ހުރިހާ މަރުހަލާއެއް ނިމުމަށް ފަހު އެ އަދަބު ދޭން ސުޕްރީމް ކޯޓުން ހުކުމްކޮށްފި ނަމަކަމަށްވެސް ބުނެފައިވެއެވެ. އަދި ހައްދުގެ އަދަބަކާއި މެދު ގޮތެއް ނިންމުމަށް އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ އިމުގެ ތެރެއިން ރައީސުލް ޖުމްހޫރިިއްޔާ އަށް ލިބިދޭ އިހްތިޔާރު ބޭނުންކުރެވޭނެ ކަމަށްވެސް މިއަދު ފާސްކުރި އިސްލާހުގައި ބުނެފައިވެއެވެ.