ސިޔާސީ

ހައިކޯޓުގެ ދެގޮފި ހިންގާނެ ފައިސާ މަޖިލީހުން ހަމަޖައްސައިދީފި


ރާއްޖޭގެ ދެސަރަހައްދެއްގައި ގާއިމްކުރާ ހައިކޯޓުގެ ދެގޮފީގައި ފަނޑިޔާރުން ތިއްބެވުމަށް ބޭނުންވާ އިމާރާތާއި އެލަވަންސް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.ހައި ކޯޓުގެ ދެ ގޮފި ގާއިމްކުރުމަށް ނިންމާފައިވާ ދެ ސަރަހައްދަކީ ރާއްޖޭގެ ދެކުނުން އައްޑޫ ސިޓީ ހުޅުމީދޫ އަދި އުތުރުން ހދ. ކުޅުދުއްފުށީގައެވެ. ހައިކޯޓުގެ ދެ ގޮފީގެ ފަނޑިޔާރުންނަށް ތިއްބެވޭނެ ފެންވަރުގެ ޢިމާރާތްތަކެއް ކުއްޔަށް ހިފުމަށް ބޭނުންވާ ފައިސާ ހަމަޖައްސަވައިދެއްވުންއެދި އުއްތަމަފަނޑިޔާރު ފޮނުއްވި މައްސަލާގައި މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ، ހުޅުދޫގައި ފަނޑިޔާރުން ތިއްބަވާ އިމާރާތަށް މަހަކު 75،000 ރުފިޔާ ޚަރަދުވާނެކަމަށް ލަފާކޮށްފައެވެ. އަދި އުތުރުން ކުޅުދުއްފުށީގައި ހުންނަ ހައިކޯޓު  އިމާރާތް ހިންގުމަށް މަހަކު 60،000 ރުފިޔާ ޚަރަދުވާނެކަމަށްވެސް ލަފާކޮށްފައިވެއެވެ. ކުޅުދުއްފުށީގައި ފަނޑިޔާރުން ތިއްބަވާ އިމާރާތުގެ ކަރަންޓާއި ފެނާއި އަދި އެހެނިހެން ހަރަދުތަކަށް މަހަކު 45،000 ރުފިޔާ ހަމަޖެއްސުމަށް ފާސްކޮށްފައިވާއިރު، އައްޑޫ ހުޅުމީދޫގައި ފަނޑިޔާރުން ތިއްބަވާ އިމާރާތުގެ ކަރަންޓާއި ފެނާއި އަދި އެހެނިހެން ހަރަދުތަކަށް މަހަކު 60،000 ރުފިޔާ ހަމަޖެއްސުމަށްވެސް މިއަދު ވަނީ ފާސްކޮށްފައެވެ. އަދި މީގެ އިތުރުން މި ފައިސާ ޚަރަދުކުރާނީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.