ޚަބަރު

ފަތުރުވެރިކަމަށް ދޫކުރި 49 ރަށުން 4 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބެންޖެހޭ - އެސެޓް ރިކަވަރީ ކޮމިޝަން


މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޚިޔާނާތަށް މަގުފަހިވާކަމަށް ތުހުމަތުވާގޮތަށް ދޫކޮށްފައިވާ 49 ރަށަކުން 210 މިލިއަނެއްހައި އެމެރިކާ ޑޮލަރު ދަައުލަތަށް ލިބެންޖެހޭ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުގެ ތަހްގީގަށް ހާމަވެފައިވާކަމަށް އެކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަޙްމަދު އައްސަދު ވިދާޅުވީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ކޮރަޕްޝަނަށް މަގުފަހިވާކަމަށް ތުހުމަތުވާގޮތަށް 37 ރަށާއި އަދި 12 ފަޅު ދޫކޮށްފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި އެތަންތަނުން މިހާތަނަށް ދައުލަތަށް ލިބެންޖެހި ނުލިބިވަނީ 77 މިލިއަން ރުފިޔާކަމަށް ކުރިން ވާހަދެކެވެމުން ދިޔަކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކޮށްފައި ހުރި ފަޅުތައް ނުހިމަނައި ހަމައެކަނި ރަށްތަކުގެ އަގަށް އެކަނި ބެލިޔަސް 210 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 3.2 ބިލިއަން ރުފިޔާ ދައުލަތަށް ލިބެންޖެހޭކަން އެސެޓް ރިކަވަރީ ކޮމިޝަނުގެ ތަހްގީގަށް ފާހަގަކުރެވިފައިވާކަމަށް އައްސަދު ވިދާޅުވިއެވެ. އަދި ފަޅުތައް އަގުމަގު ކުރެވޭނެ އުސޫލެއް ދައުލަތުގައި ނެތތްކަމަށާއި، އެފަޅުތައް ހިމަނައިގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ޢަދަދު 4 ބިލިއަނަށްވުރެ މައްޗަށް އަރާނެކަމަށް އަސްޢަދު ވިދާލުވިއެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައަކީ މާޒީން ތަޖުރިބާ ލިބިގެން ރާވައިގެން ހިންގާފައިވާ ބޮޑު ޖަރީމާއެއްކަން ސިފަކުރައްވަމުން ރިކަވަރީ ކޮމިޝަންގެ ރައީސް އަސްޢަދު ވިދާޅުވީ، މިއީ ރައްޖޭގެ އެންމެ މުއްސަނދިގޮތުގައިހުރި އެންމެ ބޮޑު ވަސީލަތްކަމަށްވާ ފަޅުތައް ބަޔަކަށް ދީގެން ހިންގާފައިވާ ޚިޔާނާތެއްކަމަށެވެ.

އަސްޢަދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ފައިސާ ހޯދިކަމަށް ކުރިން ތުހުމަތުކުރެވުނީ 267 މީހެއްކަމަށް ބެލެވުނުނަމަވެސް، މިހާރު އެކަމުގައި ބައިވެރިވި މީހުންގެ ޢަދަދު 300އަށްވުރެ މަތިކަން ހާމަވެފައިވާކަމަށެވެ. އޭނާ ވިދާޅުވީ، މި ތަޙްޤީޤްގެ އެންމެ އުނދަގޫ މަރުހަލާއަކީ ނަގުދު ފައިސާއިންކޮށްފައިވާ މުޢާމަލާތްތަކުގައި ބައިވެރިވި މީހުން ހޯދުންކަމަށާއި، ވަކި ހިސާބަކުން ކުރިއަށް ގެންދަން ވަރަށް ދަތިވާކަމަށެވެ. ނަމަވެސް އެއްވެސް މައްސަލައެއް "ކޮޅުބެދިގެން" ހުއްޓާލާފައި ނުބާއްވާނެކަމުގެ ޔަޤީންކަން އަރުވަމުން އަސްޢަދު ވިދާޅުވީ، މިމައްސަލާގައި ޝައްކުވާމީހެއް ހުރިނަމަވެސް އެމީހެއްގެ މައްސަލަވެސް ބަލާނެ ކަމަށެވެ.

"ނަގުދު ފައިސާ އެމީހެއްގެ އަތްމައްޗަށް އަރައިފިކަމަށަވަންޔާ އަޅުގަނޑުމެން ތަޙްޤީޤް އެބަފުޅަކުރަން.މިއިން ކޮންމެ މީހެއްގެ އަތްމައްޗަށް ފައިސާ ގޮއްސް ނުވަތަ އެމީހަކީ ޝައްކުކުރެވޭ މީހެއްކަމަށްވަންޔާ އެމީހެއް އަޅުގަނޑުމެން މައްސަލަ އެއްކޮށް ހުއްޓައެއްނުލަމޭ. އަޅުގަނޑުމެން އެބަފުޅާކުރަމޭ އެމީހާގެ އާއިލާއަށް އޭނާގެ ގާތްމީހުންނަށް، އޭނާ ބައިވެރިވާ ވިޔަފާރިތަކަށް މިލެވެލްއަށް ފުޅާކޮށްގެންނޭ އަޅުގަނޑުމެން ބަލަން ބޭނުންވަނީ." އައްސަދު ވިދާޅުވިއެވެ.

އަސްޢަދު ވިދާޅުވީ އެމްއެމްޕިއާރުސީގެ މައްސަލަ ނިންމުން ލަސްވިނަމަވެސް ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ. އަދި، މިކޮރަޕްޝަންގައި ހިމެނޭކަމަށް ބެލެވޭ 300އެއްހައި މީހުންގެ ތެރެއިން ހެކިލިބޭ މިންވަރަކުން ދައުވާކުރަށް ފޮނުވަމުން ގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ދައުވާކުރަން ފޮނުވާނީ ހުރިހާ އެންމެން އެއްކޮށް ނޫންކަމަށާއި، ބައިބަޔަށް ދައުވާކުރަން ފޮނުވަން ނިންމާފައިވާކަމަށް އަސްޢަދު ވިދާޅުވިއެވެ. އެގޮތުން ދައުވާކުރަން ފޮނުވާއިރު އިސްކަންދޭނީ އެމީހަކަށް ލިބިފައިވާ ފައިސާއާއި މުދަލާއި އެނޫންވެސް ގިނަކަންކަމަށް ރިޔާއަތްކުރާނެކަމަށް އަސްޢަދު ފަހަގަކުރެއްވިއެވެ.