ޚަބަރު

އެސެޓް ރިކަވަރީ ކޮމިޝަނުގެ ރިޕޯޓާއި ގުޅިގެން ކުރަންޖެހޭ ކަންކަން ރައީސުލްޖުމްހޫރިއްޔާ ފައްޓަވައިފި


ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަން، “ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ"އިން ތައްޔާރުކުރި ރިޕޯޓާއި ގުޅިގެން ކުރަންޖެހޭ ކަންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ފައްޓަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ކުރެއްވި ޓުވީޓެއްގައި ވައްކަމުގެ ބޮޑެތި މައްސަލަތައް ބެލުމަށް ޤާއިމުކުރި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު އެކޮމިޝަނުން އެމަނިކުފާނަށް އެރުވިކަން ވަނީ ހާމަކުރައްވާފައެވެ. އަދިި އެ ރިޕޯޓާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރަންފައްޓަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ޓުވީޓް

ދައުލަތުގެ ތެރޭގައި ކުރިން ހިނގާގޮސްފައިބާ ކަރަޕްޝަނާއި ފަސާދައިގެ އަމަލުތައް ތަހުޤީޤުކޮށް އިންސާފު ޤާއިމްކޮށްދެއްވުމަށްޓަކައި “ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިޙް، ރިޔާސީ ކޮމިޝަނެއް އުފެއްދެވީ، 17 ނޮވެންބަރު 2018 ވީ ހޮނިހިރު ދުވަހުގައެވެ. އަދި ކޮމިޝަނަށް މެމްބަރުން އައްޔަނު ކުރައްވައި ލިޔުން ހަވާލުކުރައްވާފައި ވަނީ 04 ޑިސެމްބަރު 2018 ގައެވެ.

މި ކޮމިޝަން އުފެއްދުވުމުގެ މަޤުޞަދަކީ، 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިނގާފައިވާ ޚިޔާނާތާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތައް މެދުވެރި ވެގެން، އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރެވި އިންސާފު ޤާއިމު ކުރެވިފައި ނުވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ކޮމިޝަން އުފައްދަވައި ނެރުއްވި ޤަރާރުގައި ވިދާޅުވެފައިވެއެވެ. އަދި، އެ ފަދަ މައްސަލަތައް އެކަށީގެންވާ މިންވަރަށް ތަޙުޤީޤު ކުރެވި އިންސާފު ޤާއިމު ކުރެވިފައި ނުވަނީ، އެފަދަ މައްސަލަތައް ތަޙުޤީޤުކޮށް އިންސާފު ޤާއިމުކުރުމަށް އުފައްދާފައިވާ މުއައްސަސާތަކާއި، ދައުލަތުގެ އިދާރާތަކުން އެފަރާތްތަކާ މަތިކުރެވިފައިވާ ޤާނޫނީ ޒިންމާ އެކަށީގެންވާ ގޮތެއްގައި އަދާކޮށްފައި ނުވާތީކަމަށްވެސް، "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އުފެއްދެވި ޤަރާރުގައި ވެއެވެ.

ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާއިރު، ރާއްޖޭގެ ތާރީޚުގައި ހިނގާދިޔަ އެންމެ ބޮޑު ޚިޔާނާތް ކަމުގައިވާ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތުހުމަތުކުރެވޭ މީހުންގެ ޢަދަދު އަދިވެސް އިތުރުވުން އެކަށީގެންވާކަމަށް އޭސީސީއިން ވަނީ ހާމަކުރައްވާފައެވެ.