ވިޔަފާރި

ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ އިންޝުއަރަންސް ކުންފުނިތަކަށް މާބޮޑު އަސަރެއް ނުކުރޭ


އެހެން ޤައުމުތަކާ އަޅާބަލާއިރު ބަލާއިރު ރާއްޖޭގެ އިންޝުއަރަންސް ސިނާޢަތަށް ކޯވިޑް-19ގެ ސަބަބުން ކުރި އަސަރު ކުޑަކަމަށް އިންޝުއަރެންސް ކުންފުނިތަކުން ބުނެފިއެވެ.

ނޭޝަނަލް ފެޑަރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާޒް އިން ބޭއްވި"ސަ މޯލްޑިވްސް އިންޝުއަރަންސް އިންޑަސްޓްރީ އެންޑް އިނޮވޭޓިވް އިންޝުއަރަންސް ޕްރޮޑަކްސްޓް ފޮރ ދަ ނިއު ބިސްނަސް އެންވަޔަރަމަންޓް" ގައި ވަނީ ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިންޝުއަރަންސް ދާއިރާއަށް ކުރި އަސަރުތަކާބެހޭ ގޮތުން މަޝްވަރާކޮށްފައެވެ.

ވެބިނާގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިންޝުއަަރަންސް ޑިވިޝަންގެ އެގްޒެކެޓިވް ޑިރެކްޓަރ ހަސަން ފަޔާޒް ވިދާޅުވީ ރާއްޖޭގެ އިންޝުއަރަންސް ކުންފުނިތައް ރެގިއުލޭޓް ކުރާ ފަރާތެއްގެ ގޮތުން ކޯވިޑްގެ ކަންތައްތައް ފެށުނީސުުރެން މިދާއިރާގެ ކަންތައްތައް ދާގޮތް ވަރަށް ގާތުން ބަލަމުން ދާކަމަށެވެ.

ފަޔާޒު ވިދާޅުވިީ ރާއްޖޭގައި ޕެންޑަމިކް އަދި ކޯވިޑް-19ގެ އިންޝުއަރަންސްތަކަކީ މާ އާންމު ކަމެއް ނޫން ކަމަށެވެ. އެހެންކަމުން ބޭރު ޤައުމުތަކާ އަޅާ ކިޔާއިރު ކޯވިޑް-19އާ ގުޅިގެން ރާއްޖޭގައި ހަރަކާތްތެރިވާ އިންޝުއަރަންސް ކުންފުނިތަކަށް މާބޮޑު އަސަރެއް ނުކުރާކަމަށެވެ. ނަަމަވެސް ދުވަސްކޮޅެއް ފަހުން އެހެނިހެން ބާވަތުގެ ޕޮލިސީތައް ނަގާފައިވާ ފަރާތްތަކުން ބަދަލުގެ ފައިސާ އެދެން ފެށުމުން ކުންފުނިތަކަށް ކުރާ އަސަރު ބޮޑުވެދާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިވެބިނާގައި ވާހަކަ ދައްކަވަމުން ދިވެހި އިންޝުއަރަންސްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު އަމީލް ވިދާޅުވީ ޔޫރަޕްގެ ޤައުމުތަކަށްވުރެ ރާއްޖޭގެ މިދާއިރާއަށް ކޯވިޑް-19ގެ ސަބަބުން ކުރި އަސަރު ކުޑަވީ ރާއްޖޭގައި މިހިދުމަތްދޭ ފަރާތްތަކުން މިކަމާ ގުޅޭ ޕޮލިސީތައް ދޫކޮށްފައި ނުވާތީކަމަށެވެ. ނަމަވެސް ކުރިޔަށް އޮތްތާނގައި ރާއްޖޭގައި އިންޝުއަރަންސްގެ ހިދުމަތްދޭ ފަރާތްތަކުން ޕެންޑަމިކްތަކާ ގުޅޭ ޕޮލިސީތައް ތައާރަފްކުރުމަށް ވިސްނާނެކަމަށެވެ.

ވެބިނާގައި ބައިވެރިވި އިންޝުއަރަންސް ކުންފުނިތަކުގެ ބޭފުޅުންވެސް ވަނީ ކޯވިޑް-19އާ ގުޅިގެން އެހެން އިންޝުއަރަން ޕޮލިސީތައް ނަގާފައިވާ ފަރާތްތަކުން ބަދަލުގެ ފައިސާ ހޯދަން އެދެމުންދާކަން ފާހަގަކޮށްފައެވެ. އަދި އިޤްތިސާދީ ގޮތުން ލިބޭ ގެއްލުންތަކާއި އެހެން ކަންތައްތައް ޔަޤީންވުމުން ކުރިއަށް އޮތްތާނގައި ޕޮލިސީތަކަށް ބަދަލުގެ ފައިސާ ނަގާ މިންވަރު އިތުރުވެ، ކުންފުނިތަކަށް ކުރާ އަސަރު ބޮޑުވުން އެކަށީގެންވާކަމަށް ކުންފުނިތަކުން ފާހަގަކުރިއެވެ.

ވެބިނާގައި އެމްއެމްއޭ، ދިވެހި އިންޝުއަރަންސް، ސީލިންކޯ އިންޝުއަރަންސް، ސޮލަރެލް އިންޝުއަރަންސް، އަމާނަތަކަފުލް މޯލްޑިވްސްގެ އިސް ބޭފުޅުން ބައިވެރިވިއެވެ.