ކުޅިވަރު

ޒުވާން 3 ކްރިކެޓް ކުޅުންތެރިން ތަމްރީން ހޯދަން ލަންކާއަށް


ރާއްޖޭގެ ޒުވާން ތިން ކްރިކެޓް ކުޅުންތެރިން ސްރީލަންކާގައި ތަމްރީން ހޯދުމަށް ފުރައިފިއެވެ. މިއަދު ފުރި މިތިން ކުޅުންތެރިންނަކީ ޔާސީން އަހުމަދު، އަލީ ސުނާން، އަދި އާދަމް ނާސިފްއެވެ. މީގެތެރެއިން ދެ ކުޅުންތެރިންނަކީ ޤައުމީ ކްރިކެޓް ޓީމް އެންމެފަހުން ކުޅުނު މުބާރާތުގައި ކުޅުނު ދެކުޅުންތެރިންނެވެ. މިދެކުޅުންތެރިން ސްރީލަންކާގައި ހަ ހަފްތާ ވަންދެން ތަމްރީން ހޯދާނެއެވެ. އެގޮތުން އެޤައުމުގެ ތޭވީސް އަހަރުން ދަށުގެ ލީގުގައި ވާދަކުރާ ދެޓީމެއްގައި ހިމެނި މެޗު ކުޅުމުގެ ފުރުޞަތު ލިބޭނެކަމަށް ކްރިކެޓްބޯޑް އޮފް މޯލްޑިވްސްއިން މައުލޫމާތުދެއްވައެވެ. މެޗުތައް ނޯންނަ ދުވަސްތަކުގައި އެކުޅުންތެރިން ޕްރެކްޓިސް ކުރާނީވެސް ތޭވީސް އަހަރުން ދަށުގެ ޓީމާއެކުގައެވެ.ކްރިކެޓްބޯޑްގެ ރައީސް އަހުމަދު ހަސަން ދީދީ ވިދާޅުވީ މިއީ ރާއްޖެއަށް ލިބުނު ވަރަށް ރަނގަޅު ފުރުޞަތެއްކަމަށެވެ. "އެއީ ސްރީލަންކާގެ ތޭވީސް އަހަރުން ދަށުގެ ނެޝަނަލް މުބާރާތުގައި ރާއްޖޭގެ ތިން ކުޅުންތެރިއަކަށް މިވަނީ ކުޅުމުގެ ފުރުޞަތު ލިބިފައި. ދެން މޮރުޝްވާގެ ދެކުލަބެއްގައި މިކުދިން ކުޅޭނީ. މީގެތެރޭގައި އެބަހިމެނޭ ދެދުވަހުގެ މެޗާއި ތިން ދުވަހުގެ މެޗުވެސް. މިއީ އަޅުގަނޑުމެން ކްރިކެޓް ބޯޑުން މަސައްކަތްކޮށްގެން މޮރުޝުވާގެ ކްރިކެޓް އެސޯސިއޭޝަނާއި ގުޅިގެން، ދެން މިކޮޅުގަ ހުންނަ ސްރީލަންކާގެ ކޯޗާއި ވާހަކަދައްކައިގެން އަޅުގަނޑުމެން ހޯދި ފުރުޞަތެއް. ހުޅުވާލި ފުރުޞަތުގައި ވޮލަންޓިއަރ ކުރި އެވެއިލަބަލް ތިން ކުއްޖަކު މި ފޮނުވަނީ." އަހުމަދު ހަސަން ދީދީ ވިދާޅުވިއެވެ.މިދަތުރުގައި ބައިވެރިވާ ޔާސީން އަހުމަދު ބުނީ އެކޮޅުން ތަޖުރިބާއާއި އާކަންތައްތައް ދަސްކޮށްގެން އެނބުރި އައިސް މޮޅަށް، ކުޅެ ރާއްޖޭގެ ކްރިކެޓަށް ކުރިއެރުން ހޯދައިދޭން މަސައްކަތްކުރާނޭކަމަށެވެ."އެކޮޅަށް ގޮސްސަ އެކްސްޕީރިއެންސް ކޯޗުން ކައިރިން އެއްޗިހިތައް ދަސްކޮށްގެން އައިސް އިތުރަށް މޮޅަށް ކުޅެވޭތޯ ބަލާނަން. އަލަށް އަންނަ ޔަންގް ކުދިންތަކަކަށް ބޮޑަތި ފުރުޞަތުތައް ލިބިގެން ރަނގަޅުވާނެ." ފުރުމުގެ ޔާސީން ބުންޏެވެ.