ކުޅިވަރު

ޗެމްޕިއަންސް ލީގަށް ކޮލިފައިވުމާ ފިޔަވަޅަކާ ގާތަށް ޔުނައިޓެޑް ޖެހިލައިފި


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާ ވެސްޓްހޭމް ވާދަކުރި މެޗު 1-1 ލަނޑުން އެއްވަރުވެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމާ ފިޔަވަޅަކާ ގާތަށް ޔުނައިޓެޑް ޖެހިލައިފިއެވެ.

މެޗުގެ ފުރަތަމަ ހާފް އެންމެ ފަހުވަގުތުގައި ލިބުނު ޕެނެލްޓީއަކުން ވެސްޓްހަމަށް ލީޑު ނަގައިދިނީ އެންޓޯނީޔޯއެވެ. ދެވަނަ ހާފް ފަށައިގެން މާގިނައިރުތަކެއް ނުވެ ޔުނައިޓެޑުން ނަތީޖާ ހަމަހަމަކުރީ ގްރީންވޫޑްގެ ގޯލުންނެވެ.

މިނަތީޖާއެކު ޔުނައިޓެޑް ވަނީ ތާވަލުގައި ތިންވަނައި ކުރިޔަށް ޖެހިލާފައެވެ. ހަތަރުވަނައިގަ އޮތް ޗެލްސީއަށް 63 ޕޮއިންޓް ލިބިފަވާއިރު ޔުނައިޓެޑަށް ކުރި ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. މި ދެޓީމަށް ވުރެ އެއްޕޮއިންޓް ފަހަތުން ލެސްޓާ ސިޓީ އޮތީ ފަސްވަނައިގައެވެ.

ލީގުގެ ފަހު މެޗުގައި އަންނަ އާދިއްތަ ދުވަހުގެ ރޭ ޗެލްސީ އަމިއްލަ ދަނޑުގައި ވުލްވްސްއާއި ދެކޮޅަށް ނުކުންނައިރު ޔުނައިޓެޑް ރަށުންބޭރުގައި ނުކުންނާނީ ލެސްޓާ ސިޓީ އާއި ދެކޮޅަށެވެ.