ޚަބަރު

މިނިވަން ދުވަހުގެ މުނާސަބަތުގައި ޚާއްސަ ދަރެހެއް ބާއްވަނީ


ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޚާއްސަ ދަރެސްއެއް ބާއްވަން ނެޝަނަލް ސެންޓަރ ފޯރ ކަލްޗަރަލް ހެރިޓޭޖުން ނިންމައިފިއެވެ.

ނެޝަނަލް ސެންޓަރ ފޯރ ކަލްޗަރަލް ހެރިޓޭޖުން ކުރި ޓުވީޓެއްގައި ވިދާޅުވީ، މި ދަރެސްގެ މަޢުޟޫއަކީ "މިނިވަންކަމާއި އަޅުވެތިކަން" ކަމަށެވެ. ނެޝަނަލް ސެންޓަރ ފޯރ ކަލްޗަރަލް ހެރިޓޭޖްއާއި މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ގުޅިގެން ބާއްވާ ދަރެސް އޮންނާނީ މިމަހުގެ 25 ވަނަ ދުވަހުގެ ރޭގަނޑު 08:30ގައެވެ. ނެޝަނަލް ސެންޓަރ ފޯރ ކަލްޗަރަލް ހެރިޓޭޖްގެ ފޭސްބުކުން ލައިވްކުރާ މި ދަރެސް ދެއްވަނީ މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ރިސަރޗް އެނަލިސްޓުންކަމަށްވާ އަޙުމަދު އަލާއާއި، މުހައްމަދު ނާޖިހުއެވެ.

ހެރިޓެޖް މިނިސްޓްރީއިން ކުރި ޓުވީޓް

ރާއްޖޭގެ ތާރީޚުން ފެންނަން އޮތީ ފެށުނީއްސުރެ މި ރާއްޖެއަކީ މިނިވަން، ޤައުމެއް ކަމުގައެވެ. މިނިވަން ދުވަހުގެ ގޮތުގައި އަޅުގަނޑުމެން ފާހަގަކުރަމުން ދަނީ، 1887 ވަނަ އަހަރު ޑިސެމްބަރުން، 1965 ވަނަ އަހަރުގެޖުލައި މަހުގެ 26 ވަނަ ދުވަހާހަމައަށް އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތުމަށްފަހު ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނު ދުވަހެވެ.

ރާއްޖޭގެ މިނިވަންކަމުގެ ތާރީޚީ އެގްރީމެންޓްގައި ސޮއި ކުރެވުނީ، 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26ވީ ދުވަހު ހެނދުނު ރާއްޖޭ ގަޑިން ހެނދުނު ދިހައެއް ޖެހިއިރު، ސިލޯނުގެ، ކޮޅުނބުގައި ހުންނަ އިނގިރޭސިދައުލަތު ހައިކޮމިޝަންގައެވެ.

ރާއްޖޭގެ ފަރާތުން މިއެގްރީމެންޓްގައިސޮއިކުރެއްވީ އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާޞިރެވެ. އިނގިރޭސިސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސިލޯނުގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރ ސަރ މައިކަލް ވޯކަރ އެވެ. ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުމާގުޅިގެން ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 26 ވަނަ ދުވަސް ފާހަގަ ކުރަމުންދަނީ ރާއްޖޭ މިނިވަންދުވަހުގެ ގޮތުގައެވެ.