ޚަބަރު

ސޯޝަލް ސެންޓަރުގައި އައިސް ބާތު ފެސިލިޓީއެއް ޤާއިމުކޮށްފި


މާލޭ ސޯޝަލް ސެންޓަރުގައި އައިސް ބާތު ފެސިލިޓީއެއް ޤާއިމުކޮށްފިއެވެ.

މިކަމާއިގުޅުގެން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއީ ވަރަށް ގިނަ އެތުލީޓުންގެ ދިގު އިންތިޒާރެއް ކަމަށެވެ. އަދި އެކަމަށް ނިމުމެއް ގެނެވުމަކީ ވަރަށް އުފާވާކަމެއް ކަމަށާއި، މިއީ އެތުލީޓުންގެ ރިކަވަރީއަށް އެޅުނު ވަރަށް ރަނގަޅު ފިޔަވަޅެއްކަމަށް މިނިސްޓަރ މަޙްލޫފް ވަނީ ފާހަގަކުރައްވާފައެވެ.

ސޯޝަލް ސެންޓަރުގައި އައިސް ބާތު ފެސިލިޓީއެއް ޤާއިމުކުރުމުގެ މަސައްކަތް ޔޫތު މިނިސްޓްރީން ފަށާފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. މިމަސައްކަތް ކޮށްފައި ވަނީ އީލިންކް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކާއި ހަވާލުކޮށްގެންނެވެ، މި މަޝްރޫއަށް 650،000ރ ވަނީ ޚަރަދުވެފައެވެ.

މި ފެސިލިޓީގައި އެއް ފަހަރާ 6 މީހުންނަށް ވަކިވަކީން އައިސް ބާތު ރިކަވަރީނެގޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. މިއީ ރާއްޖޭގައި އެތިލީޓުންނަށް ޚާއްސަކޮށްގެން ޤާއިމުކުރި މިފަދަ މިފަދަ ފުރަތަމަ ފެސިލިޓީއެވެ.

އައިސް ބާތަކީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި ތަމްރީންތަކަށްފަހު ހަށިގަނޑުގެ ރިކަވަރީއަށް އެތުލީޓުން ކުރާކަމެކެވެ. އައިސް ބާތުގެ ސަބަބުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްކޮށްދީ، ރިކަރަވަރީ ރޭޓު އަވަސްކޮށްދޭ ކަމެކެވެ. އަދި ހަށިގަނޑަށް ތާޒާކަން ލިއްބައިދީ، ވަރުބަލިކަން ފިލުވުމަށާއި، ނިދުމަށް ފަސޭހަވާކަމެއްވެސް މެއެވެ.