ވިޔަފާރި

އިނގިރޭސިވިލާތުގެ ޓްރެވަލް ވީކްލީ މަޖައްލާގައި ރާއްޖެ އިޝްތިހާރުކުރަނީ


ރާއްޖެ އިސްތިހާރުކުރަން އިނގިރޭސިވިލާތުގެ "ޓްރެވަލް ވީކްލީ" މަޖައްލާއާއެކު މޯލްޑިވްސް މާކެޓިން އެންޑް ފަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރްސީން ކެމްޕޭނެއް ފަށައިފިއެވެ.

މިކެމްޕެއިންގެ ދަށުން ރާއްޖެއަކީ އިނގިރޭސި ފަތުރުވެރިން ޗުއްޓީ ހޭދަކުރަން އެންމެ ރަނގަޅު މަންޒިލްގެ ގޮތުގައި ޕްރޮމޯޓްކުރާނެކަމަށް އެމްއެމްޕީއާރުސީން މައުލޫމާތުދެއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ފަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރްސީން ބުނީ ރާއްޖޭގެ ބޯޑަރު މި މަހުގެ 15 ވަނަ ދުވަހު ހުޅުވުމާއެކު، އިނގިރޭސިންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް އެޤައުމުގެ މަޖައްލާއެއްކަމަށްވާ "ޓްރެވަލް ވީކްލީ"އާއެކު ހާއްސަ ކެމްޕެއިނެއް ވަނީ ފަށާފައެވެ. އަދި މިކެމްޕެއިން އޯގަސްޓް މަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

އެކޯޕަރޭޝަނުން ބުނީ މިކެމްޕެއިންގެ ދަށުން އިނގިރޭސިވިލާތުގައި ހަރަކާތްތެރިވާ ޓޫރިޒަމް ސިނާއަތުގެ ފަރާތްތަކަށް ރާއްޖޭގެ ފަތުރުވެރިކަން އަލުން ފަށާފައިވާކަމާއި، މީހާރު ހިދުމަތްތައް ބައްޓަންވެފައިވާ ގޮތުގެ މައުލޫމާތު ދޭނެކަމަށެވެ. މިގޮތުން ރާއްޖެ އަކީ ޖަޒީރާ ޤައުމެއް ކަމުން، ރާއްޖެ އުފެދިފައިވަނީ ގުދުރަތީ ގޮތުން ވަކިވަކި ރަށްތަކެއްގެ ގޮތުގައިކަން ފަތުރުވެރިންނަށް އަންގައިދޭނެއެވެ.

އެމްއެމްޕީއާރުސީން ބުނީ ކެންޕެއިންގެ ތެރެއިން ރާއްޖޭގެ ރިޒޯޓުތަކަކީ "ވަން އައިލެންޑް ވަން ރިޒޯޓު"ގެ ކޮންސެޕްޓަށް ތަރައްޤީކޮށްފައިވާ ވަކިވަކި ރިސޯޓުތައް އޮންނަ ޤައުމެއްކަމުން ފަތުރުވެރިންނަށް މިއީ ރައްކާތެރި ތަނެއްކަން އަންގައިދޭނެކަމަށެވެ. އަދި ކޯވިޑް-19 އަށް ފަހު ރާއްޖެއަކީ އިނގިރޭސި ފަތުރުވެރިން ޗުއްޓީ ހޭދަކުރަން އެންމެ ރަނގަޅު މަންޒިލްގެ ގޮތުގައި މި ކެމްޕެއިންގެ ތެރެއިން ޕްރޮމޯޓްކުރާނެކަމަށްވެސް އެމްއެމްޕީއާރުސީން ބުނެއެވެ.

ޓްރެވަލް ވީކްލީ މަޖައްލާގެ ޕްރިންޓް އަދި ޑިޖިޓަލް ޕްލެޓްފޯމުގައި ރާއްޖޭގެ ފޮޓޯތަކާއި، އާޓިކަލްތައް މިކެމްޕެއިންގެ ދަށުން އިޝްތިހާރުކުރާނެއެވެ. އަދި ފަތުރުވެރިންނަށް ރާއްޖެއިން ލިބެން ހުންނަ އެކި ހިދުމަތްތައްވެސް މިކެމްޕެއިންގެ ދަށުން ޕްރޮމޯޓްކުރާނެއެވެ.

1969 ވަނަ އަހަރު ނެރެފައިވާ އިނގިރޭސިވިލާތުގެ ޓްރެވަލް ވީކްލީ މެގަޒިންއަކީ ފަތުރުވެރިކަމަށް ހާއްސަ މަޖައްލާއެކެވެ. މިމަޖައްލާގައި ފަތުވެރިކަމަށް ހާއްސަ ދުނިޔެގެ އެކިއެކި މަންޒިލްތަކާއި، ރިސޯޓު، ހޮޓާތަކުގެ މަޢުލޫމާތު ހުރެއެވެ.

އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ޤައުމެވެ. 2019 ވަނަ އަހަރު އިނގިރޭސިވިލާތުން ރާއްޖެއަށް 128199 މީހުން ޒިޔާރަތް ކޮށްފައިވެއެވެ. އަދި މި އަހަރު ލޮކްޑައުންނާ ހަމައަށް ރާއްޖެ އަށް 7288 މީހުން އައިސްފައިވެއެވެ. އަދި ކޮވިޑް-19 އަށްފަހު ބޯޑަރު ހުޅުވުމާއެކު ފުރަތަމަ ތިން ދުވަހު ވެސް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވާ ޤައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނެއެވެ.