ޚަބަރު

ޕޮޒިޓިވްކަމަށް ދެއްކި 92 އަހަރުގެ މީހާގެ ނަތީޖާ ފަހުން، ދެފަހަރުވެސް ނެގެޓިވް - އެޗްއީއޯސީ


ކޯވިޑް-19އަށް ޕޮޒިޓިވްވިކަމަށް ކުރިން ދެއްކި ނ.ކުޑަފަރިއަށް ނިސްބަތްވާ ޢުމުރުން 92 އަހަރުގެ ފިރިހެންމީހާގެ ފަހުން ކުރި 2 ޓެސްޓުންވެސް ނަތީޖާ ނެގެޓިވްވަފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

ފައިބިނދިގެން ނ.މަނަދޫ ހޮސްޕިޓަލަށް ދެއްކުމުން އެމަރޖެންސީގައި މާލެގެނެސް އައި.ޖީ.އެމް.އެޗް ހޮސްޕިޓަލުގައި އެޑްމިޓްކުރުމަށްފަހު ޓެސްޓް ހެދުމުން ޕޮޒިޓިވްކަމަށް ދެއްކިނަމަވެސް މިރޭ ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ އެމީހާގެ ފުރަތަމަ ސާމްޕަލް ޕޮޒިޓިވްވި ނަމަވެސް ދެވަނައަށް ނެގި ސާމްޕަލް ނެގެޓިވްކަމަށާއި، އަދި އޭގެ ފަހުންވެސް ހެދިޓެސްޓުގެ ނަތީޖާ ނެގެޓިވްވެފައިވާކަމަށެވެ.

ނަޒްލާ ވިދާޅުވީ އޭނާގެ ނަތީޖާ ޑަބަލް ނެގެޓިވްވުމުން އޭނާގެ ސިއްޙީ ފަރުވާގެ ކަންކަން ކުރިއަށްގެންދިއުމަށް އައިޖީއެމްއެޗަށް ބަދަލުކުރެވޭނެކަމަށެވެ.

ދެވަނަ ޓެސްޓްހެދީވެސް ހައެއްކަ ދުވަސްފަހުންކަމަށްވުމުން ފުރަތަމަ ލިބުނު ނަތީޖާއަކީ "ފޯލްސް ޕޮޒިޓިވް"އަކަށްވެސް ވެދާނެކަމަށާ، ނޫންނަމަ ބަލިޖެހިފައި ރަނގަޅުވެފައިހުރީކަމަށްވެސް ވެދާކަމަށެވެ. އެހެން ކަމުން ޕޮޒިޓިވް ކޭސްއަކާ ގުޅިގެން އަމަލުކުރާ އުސޫލުން އޭނާއާ ކޮންޓެކްޓްވި މީހުން ދެނެގަނެ ކަރަންޓީންކުރުމަށްފަހު މުއްދަތު ފުރިހަމަވުމުން ދޫކޮށްލާނީ ޓެސްޓްހެދުމަށްފަހުކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

އޭނާއާ ޑައިރެކްޓް ކޮންޓެކްޓްވި 30 މީހަކު ދެނެގަނެ، އެމީހުން އެކަހެރިކޮށްފައިވާކަމަށް ކުޑަފަރީ ކައުންސިލުން ވިދާޅުވެއެވެ. އަދި މިހާރު އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސް ރަށަށް އަަރާ ފޭބުން ވަގުތީގޮތުން ހުއްޓާލާފައިވާކަމަށް ކުޑަފަރީ ކައުންސިލުން ކުރިންވަނީ މަޢުލޫމާތުދެއްވާފައެވެ.