ޚަބަރު

އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި


ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުށަހެޅުމުގެ މުއްދަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިތުރުކޮށްފިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ހަތަރު މެންބަރުންގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރުން ޢައްޔަނު ކުރެއްވުމަށްޓަކައި އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އިތުރުކުރައްވާފައި ވަނީ 5 އޯގަސްޓު 2020 ވާ ބުދަ ދުވަހުގެ 12:30 ގެ ނިޔަލަށެވެ.

މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ޖުލައި މަހުގެ 23 ވަނަދުވަހާއި، އޯގަސްޓު މަހުގެ 4 ވަނަދުވަހުގެ އިތުރުން އޮގަސްޓް 5 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންކަމަށާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ލިބެންހުންނާނެކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަން، އެޗްއާރުސީއެމްގައި ފަހު މެންބަރެއްގެ ގޮތުގައި އެންމެފަހުން ހުރި އެކޮމިޝަނުގެ ނައިބް ރައީސް މުހައްމަދު ޒާހިދު އެ ކޮމިޝަނުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރުމާއެކު އެކޮމިޝަން ޤާނޫނީ ހުސްކަމެއްގެ ތެރެއަށްވަނީ ގޮސްފައެވެ.