ޚަބަރު

ކޯވިޑް-19 : އިޤްތިޞާދު އާރާސްތު ކުރުމަށް މެދު ރާސްތާގައި އަޅާނެ ފިޔަވަޅުތަކާއި މެދު މަޝްވަރާކުރައްވައިފި


ކޯވިޑް-19ގެ ސަބަބުން ކުރިމަތިވި ހާލަތުން އަރައިގަނެ، އިޤްތިޞާދު ނެގެހެއްޓުމަށް މެދު ރާސްތާގައި ކުރުމަށް ރާވާފައިވާ ކަންކަމާއިގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، "ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް ބިލްޑިންގ އެންޑް އިކޮނޮމިކް ރިކަވަރީ" އާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވަފައިފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، "ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީ" ގައި ހިމެނޭ "ވަރކިންގ ގްރޫޕް އޮން އިކޮނޮމިކް ރިކަވަރީ"ން ރައީސުލްޖުމްހޫރިއްޔާ އާއި ޓާސްކްފޯރސްގެ މެންބަރުންގެ މަޝްވަރާއަށް ދެ ޕްރެޒެންޓޭޝަނެއްވަނީ ހުށަހަޅުއްވާފައެވެ. އޭގެތެރޭގައި ކޯވިޑް-19 ގެ ސަބަބުން މާލީ ގޮތުންނާއި އިޤްތިޞާދީ ގޮތުން އަސަރުކޮށްފައިވާ މީހުންނާއި ކުންފުނިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، ކުރިއަށް ރާއްވަވާފައިވާ ކަންކަން ހިމެނެއެވެ.

މީގެ އިތުރުން، ވިޔަފާރިއާއި ގުޅޭ އަދި ސަރުކާރުގެ ބައެއް ޚިދުމަތްތައް ލާމަރުކަޒުކޮށް، އަތޮޅުތަކުގައި އިޤްތިޞާދީ ހަރަކާތްތައް އިތުރު ކުރާނެ ގޮތްތަކާއި، މީހުންގެ ދިރިއުޅުން އަތޮޅުތަކަށް ބަދަލުކުރުމުގައި އެހީތެރިވެދެވިދާނެ ބައެއް ގޮތްތައް މި ޕްރެޒެންޓޭޝަންގައި ހިމަނާފައިވެއެވެ. މި ކަންކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ޓާސްކްފޯރސްގެ މެމްބަރުންވަނީ، ސަރުކާރުގެ ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން ހިންގުމަށް ރާވާފައިވާ މަޝްރޫޢުތަކާއި، ގެންނަން ނިންމަވާފައިވާ ބަދަލުތައް ހަލުވިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ވަރކިންގ ގްރޫޕް އޮން އިކޮނޮމިކް ރިކަވަރީ އިން ދެވަނައަށް ހުށަހަޅުއްވާފައިވަނީ ސިންދަފާތުވެފައިވާ އިޤްތިޞާދެއްގައި ދަނޑުވެރިކަމުގެ ދައުރު އިތުރަށް ފުޅާކޮށް، ދަނޑުވެރިކަމަކީ އިޤްތިޞާދުގެ މުހިންމު ސިނާޢަތެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ސަރުކާރުން ރާވާފައިވާ ކަންކަމާއި ގުޅޭ ޕްރެޒެންޓޭޝަނެކެވެ.

މިކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ޓާސްކްފޯރސްގެ މެމްބަރުން ވަނީ ދަނޑުވެރިކަމުގެ ސިނާޢަތް ކުރިއަރުވައި، ދަނޑުވެރިންގެ އުފެއްދުންތައް ގަނެ، އެ ތަކެތި މާކެޓްކޮށް ވިއްކުމާއި، ސަޕްލައި ޗެއިން ތަރައްޤީ ކުރުމުގެ މަޤްޞަދުގައި އުފައްދަވާފައިވާ އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތްތަކާއި، އެ މަސައްކަތްތައް ހަލުވިކުރާނެ ގޮތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ.

މީގެ އިތުރުން، މި ސިނާޢަތް ތަރައްޤީ ކުރުމުގައި ދަނޑުވެރިންނާއި، މި ސިނާޢަތުގައި ހަރަކާތްތެރިވާ އަމިއްލަ ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކުރާނެ ގޮތްތަކާއިމެދުވެސް މި ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.