ޚަބަރު

އަދީބު މިނިވަންވި މައްސަލައިގެ އިސްތިއުނާފު ޝަރީއަތް މާދަމާ


ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް ދަައުލަތުން އުފުލި ދައުވާތައް ކުރިމިނަލް ކޯޓުން ބާތިލުކުރި މައްސަލަގައި ޕީޖީ އޮފީހުން ހައިކޯޓަށް ހުށައެޅި އިސްތުއުނާފު މައްސަލައިގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މާދަމާއަށް ތާވަލުކޮށްފިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން އަދީބާއި ދެކޮޅަށް ދައުލަތުން އުފުލި 7 ދައުވާއެއް ކުރިމިނަލް ކޯޓުން ބާތިލުކޮށްފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.

އެ ނިންމެވުމަށް ޕީޖީ ފާޑު ވިދާޅުވެ މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، މީގެތެރޭގައި ހިމެނެނީ، މަނީލޯންޑްރިންގއާއި ޚިޔާނާތްތެރިވުމުގައި ބައިވެރިވުމާއި މަޤާމުގެ ނުފޫޒުބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ އިތުރުން ރަސްމީ ޙައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެވެ.

މާދަމާ ބޭއްވުމަށް ތާވަލްކޮށްފައިވާ މި މައްސަލައިގެ ޝަރީޢަތުގެ މަޖިލިސް އޮންނާނީ މެންދުރުކުރި 11:15ގައެވެ.

ކުރިމިންލް ކޯޓުން އަދީބުގެ މައްސަލަ ބޭރުކޮށްލާފައިވަނީ ތަހުގީގުގެ ތެރެއިން ކުށަށް އިއުތިރާފުވުމާއި ގުޅޭގޮތުން އަދީބާއިއެކު ދައުލަތުން ހަދާފައިވާ އެއްބަސްވުމަކީ ޤާނޫނު އަސާސީއާއި ޚިލާފް އެއްބަސްވުމެއްކަމަށް ނިންމުމަށްފަހުގައެވެ. އެ ނިންމެވުމަކީ އަދީބަށް ބޭސްފަރުވާގެ ޝަރުތުކޮށް ކުށަށް އިއުތިރާފުވުމަށް މަޖުބޫރުކޮށް އެކުލަވާލި އެއްބަސްވުމެއްކަމުން އެއީ ޓޯޗާކުރުންކަމަށް އެ މައްސަލައިގައި ކުރިމިނަލް ކޯޓުގެ ޤާޒީ އިސްމާޢީލް ރަޝީދު ވަނީ ވިދާޅުވެފައެވެ. އަދި އެ ދައުވާތަކަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ މުއްދަތު ހަމަވި ފަހުން ކުރި ދައުވާތަކެއްކަމަށްވެސް ޤާޒީ ރަޝީދުގެ ނިންމެވުމުގައި ވަނީ ވިދާޅުވެފައެވެ.

ކުރިމިނަލް ކޯޓްގެ ޤާޟީ އިސްމާޢީލް ރަޝީދުގެ މި ނިންމެވުމާއި އެކު ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވަނީ އެ ނިންމެވުމަށް ފާޑު ވިދާޅުވެ މައްސަލަ ބެއްލެވި ޤާޟީގެ ސުލޫކީ މައްސަލަ ޖޭއެސްސީއަށް ހުށައަޅުއްވާފައެވެ.

ޖޭއެސްސީން ވަނީ މި މައްސަލަ ބެއްލެވި ކުރިމިނަލް ކޯޓުގެ ޤާޟީ އިސްމާޢީލް ރަޝީދު، 2 މަސްދުވަހަށް ސަސްޕެންޑްކޮށްފައެވެ. ޖޭއެސްސީން ވިދާޅުވީ ޤާޟީ އިސްމާޢީލް ރަޝީދު ސަސްޕެންޑްކުރީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ފާޅުކަންބޮޑު ގޮތެއްގައި ކަނޑައެޅިގެން ޚިލާފަށް އޭނާ ޢަމަލުކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އެކޮމިޝަނުން ތަޙްޤީޤުކުރަމުންދާތީކަމަށެވެ.