ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ބަޢާތު ޕާޓީން އެ ޤައުމުގެ ޢާންމު އިންތިޚާބު ކާމިޔާބުކޮށްފިއެވެ.
ޖުލައި މަހުގެ 19ވަނަ ދުވަހު ހަނގުރާމައާއި ބަލިމަޑުކަމުގެ ތެރޭގައި ސޫރިޔާގައި ބޭއްވި ޢާންމު އިންތިޚާބުގައި ގިނައިން ވާދަކޮށްފައިވަނީ ބައްޝާރަށާއި އޭނާގެ ބަޢާތު ޕާޓީއަށް ވަފާތެރި މީހުންނެވެ. އެހެންކަމުން އިންތިޚާބު ކާމިޔާބުކުރާނީ ބަޢާތު ޕާޓީކަން ކުރިންވެސްއޮތީ ބެލެވިފައެވެ. ޤަނޫނުހަދާ މަޖިލީހުގެ 250 ގޮނޑީގެ ތެރެއިން 177 ގޮނޑި ކާމިޔާބުކުރީ ބައްޝާރަށާއި ބަޢާތު ޕާޓީއަށް ވަފާތެރި މީހުންނެވެ.
ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ސޫރިޔާގެ އެކި ސަރަޙައްދުތަކުގައި 7،000އަށްވުރެ ގިނަ ވޯޓުލާ މަރުކަޒު ޤާއިމްކޮށް، ބޭއްވި އިންތިޚާބުގައި 2000އަށްވުރެ ގިނަ މީހުންވަނީ ވާދަކޮށްފައެވެ. ވޯޓުލާ މަރުކަޒުތައް ޤާއިމްކުރި ސަރަޙައްދުތަކުގެ 70 އިންސައްތައަކީ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރުގެ ބާރުގެ ދަށުގައި އޮންނަ ސަރަޙައްދުތަކެވެ. ކޯވިޑް-19ގެ ސަބަބުން ދެ ފަހަރެއްގެ މަތިން ފަސްކޮށްފައިވާ އިންތިޚާބުގައި ވޯޓުލާފައިވަނީ ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ 33 އިންސައްތަ މީހުންނެވެ. 2016ވަނަ އަހަރު ބޭއްވި ޢާންމު އިންތިޚާބުގައި 57 އިންސައްތަ މީހުން ވޯޓުލާން ނުކުތެވެ.
ޤައުމުން ބޭރުގައި ޙަރަކާތްތެރިވާ ބައްޝާރުގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުންވަނީ އިންތިޚާބަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ނޫންކަމަށް ބުނެފައެވެ. މިނިވަން ކެންޑިޑޭޓުންވެސް ހިމެނޭގޮތަށް އިންތިޚާބުގައި ބައިވެރިވި މީހުންނަކީ ސަރުކާރުން ކަނޑައަޅާފައިވާ ބައެއްކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.
ސޫރިޔާގެ ޢާންމު އިންތިޚާބާ ގުޅޭގޮތުން އެމެރިކާއިން ބުނީ އެއީ މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ނޫންކަމަށާއި ސޫރިޔާގެ ރައްޔިތުންގެ އިތުރުން ދުނިޔޭގެ އެއްވެސް ބަޔަކު ބައްޝާރުގެ އުކުޅުތައް ބަލައިނުގަންނަކަމަށެވެ.
އައު ޤާނޫނުހަދާ މަޖިލިސް އިންތިޚާބުކުރުމަށްފަހު ސޫރިޔާގައި އައު ޤާނޫނު އަސާސީއެއް އެކުލަވާލައި ބޮޑުވަޒީރެއް ޢައްޔަނުކުރާނެކަމަށް ބެލެވެއެވެ. ދެން އޮންނަ ރިޔާސީ އިންތިޚާބެއްގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅާނީވެސް ޤާނޫނުހަދާ މަޖިލީހުންކަމަށް ބެލެވެއެވެ.