ޚަބަރު

މި މަހު އިންޑިޔާގައި 600،000 މީހުންނަށް ކޯވިޑް-19 ޖެހިއްޖެ


އިންޑިޔާގައި އެންމެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ ޖުލައި މަހުގެ ތެރޭގައިކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ޖުލައި މަހުގެ ފުރަތަމަ ތިން ހަފުތާގެ ތެރޭގައި އިންޑިޔާގައި 600،000އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ. އެއީ ޖުލައި މަހުގެ ކުރިން އެ ޤައުމުގައި ބަލި ޖެހުނު މީހުންގެ ޖުމްލަ ޢަދަދަށްވުރެ އިތުރު ޢަދަދެކެވެ.

އެމެރިކާއާއި ބުރެޒިލަށްފަހު އެންމެ ހަލުވިކޮށް ކޯވިޑް-19 ފެތުރެނީ އިންޑިޔާގައެވެ. އެ ޤައުމުގައި މިހާތަނަށް 1.1 މިލިއަން މީހުންނަށް ބަލި ޖެހި، 28،771 މީހުންވަނީ މަރުވެފައެވެ. ޖުލައި މަހުގެ ކުރިން އިންޑިޔާގައި ކޯވިޑް-19 ޖެހިފައިވަނީ 590،000 މީހުންނަށެވެ. ނަމަވެސް ފާއިތުވި 21 ދުވަހުގެ ތެރޭގައި 600،000 މީހުންނަށްވަނީ ބަލި ޖެހިފައެވެ. މި މަހުގެ ތެރޭގައި މަރުވި މީހުންގެ ޢަދަދުވެސްވަނީ 11،000އަށްވުރެ އިތުރުވެފައެވެ. އެއީ ކޯވިޑް-19 ޖެހިގެން އެ ޤައުމުގައި މަރުވި މީހުންގެ 40 އިންސައްތައެވެ.

އެއް ދުވަހުގެ ތެރޭގައި އިންޑިޔާގައި އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 38،444 މީހުންނަށްވަނީ ބަލި ޖެހިއެވެ. އެއާއެކު އިންޑިޔާގައި ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ ޢަދަދުވަނީ 1.1 މިލއަނަށް އިތުރުވެފައެވެ. އޭގެ ތެރެއިން 410،000 މީހުންނަކީ މިހާރުވެސް ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19 ޖެހިގެން އިންޑިޔާގައި 670 މީހުންވަނީ މަރުވެފައެވެ. އެއާއެކު އެ ޤައުމުގައި މަރުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 28،723އަށް އިތުރުވެފައެވެ. ކޯވިޑް-19 ޖެހިގެން ދުނިޔޭގައި ހަތްވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އިންޑިޔާގައެވެ.