ވިޔަފާރި

ޑިއުޓީފްރީ ފިހާރަތައް ހިންގާ އުސޫލުން "ދޮވެމި އެރައިވަލް ޝޮޕް" ހިންގުމަށް އަންގައިފި


ޑިއުޓީ ފްރީ ފިހާރަތައް ހިންގާ އުސޫލުތަކާ އެއްގޮތަށް "ދޮވެމި އެރައިވަލް ޝޮޕް" ހިންގުމަށް އެސްއޯއީ ކޮމިޓީން އެމްއޭސީއެލްއަށް އަންގައިފިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަސައްކަތްތައް ވިލަރެސްކުރާ "އެސް.އޯ.އީ" ކޮމިޓީން އެމްއޭސީއެލްއަށް މިގޮތަށް އެންގީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަ ދޮވެމި އެރައިވަލް ޝޮޕް ހިންގަނީ ޑިއުޓީ ފްރީ ފިހާރަތައް ހިންގާ އުސޫލާ ޚިލާފަށްކަމަށް ބުނެ އެކޮމިޓީއަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެނެވެ.

އެސްއޯއީ ކޮމިޓީއަށް ހުށަހެޅުނު މައްސަލައިގައި އޮތީ، ޑިއުޓީ ފްރީ ފިހާރަތަކަކީ ރާއްޖެއިން ބޭރުން އަންނަ، އަދި ފުރާ ފަރާތްތަކަށް ހާއްސަ ފިހާރަތަކަކަށްވާއިރު، ދޮވެމި އެރައިވަލް ޝޮޕް ހިންގަނީ އެ އުސޫލުތަކުގެ ބޭރުންކަމަށެވެ.

އެމްއޭސީއެލްއިން މިކަމާ ގުޅޭގޮތުން އެސްއޯއީ ކޮމިޓީއަށް ފޮނުވި ސިޓީގައި ބުނީ، ރާއްޖެ ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ހުޅުވާފައިވާ ދޮވެމި އެރައިވަލް ޝޮޕްއަކީ އެކުންފުނީގެ ކޮމާޝަލް ޑިޕާޓްމަންޓުގެ ޑިއުޓީ ފްރީ ސެކްޝަނުން ހިންގާ ފިހާރައެއްކަމަށެވެ. އަދި އޮންލައިންކޮށް ވިޔަފާރިކުރުން މިވަގުތު ކުރިއަށް ނުގެންދިޔަސް، މުސްތަޤްބަލުގައި އޮންލައިންކޮށްވެސް ވިޔަފާރިކުރުމަށް މަސައްކަތްކުރަމުންދާކަމަށް އެމްއޭސީއެލްއިން ކޮމިޓީއަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

މިމައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެސްއޯއީ ކޮމިޓީގެ މެމްބަރުން ވިދާޅުވީ ދޮވެމި ޝޮޕްއަކީ ރާއްޖެ އަންނަ ފަރާތްތަކަށް ޚާއްސަކޮށްފައިވާ ފިހާރައެއްނަމަވެސް އެފިހާރައިން ވިޔަފާރިކުރުން އާއްމުކޮށް އެންމެންނަށް ހުޅުވާލާފައިވާކަމަށެވެ. މީގެއިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއަށްވެސް އެފިހާރައިން ވަންނަމުންދާކަމަށްވެސް ކޮމިޓީގެ މެމްބަރުން ފާހަގަކުރެއްވިއެވެ.

"ފޭސްބުކް ޕޭޖްތައް މެދުވެރިކޮށް މުޅި މާލެއަށް އެ ފިހާރައިން ވިއްކާ ތަކެތި އެބަ އިޝްތިހާރުކުރޭ. 1 ފުޅި ސެންޓް ގަތީމަ ކުދި 10 ފުޅި ސެންޓް ހިލޭ ލިބޭ. 1 ޗޮކްލެޓް ގަތީމަ 10 ޗޮކްލެޓް ލިބޭ. މިހިރީ ފޭސްބުކް ޕޭޖުން ފެންނަން. ސަރުކާރު ކުންފުނިތަކުން މިފަދަ ވިޔަފާރިތަކަށް ވަދެގެން ނުވާނެ. ސަރުކާރުގެ ސިޔާސަތަކީވެސް އެފަދަ ކުދި ވިޔަފާރިތަކަށް ނުވަނުން" ކޮމިޓީއަށް މައްސަލަ ހުށަހެޅުއްވި ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވިއެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވީ އެއަރޕޯޓް ހިންގަން ޙަވާލުކޮށްފައި އޮންނަ ކުންފުންޏަކުން ކުރަންނުޖެހޭ ކަންކަން އެމްއޭސީއެލްއިން ކުރަމުންގެންދާކަމަށެވެ. އަދި އެއަރޕޯޓުގެ އެރައިވަލް ގޭޓް ކައިރީ ފިހާރަ ހުޅުވައިގެން އާދައިގެ ކުދި ވިޔަފާރިތަކުން ވިއްކާ ތަކެތި އެމްއޭސީއެލްއިން ވިއްކުމަކީ ޤަބޫލުކުރެވޭ ކަމެއްނޫންކަމަށް އޭނާ ވިދާޅުވިއެވެ.

"މާލޭ އިންޓަނޭޝަނަލް އެއަރޕޯޓުގެ އެރަވައިލް ގޭޓް ކައިރީގައި ފިހާރަ ހުޅުވައިގެން ފޭސްބުކްއިން އިޝްތިހާރުކޮށްގެން އެމްއޭސީއެލްއިން ކުދި ގުޅައާއި ޕާސްތާ ވިއްކުންފަދަ ކުދިކުދި ވިޔަފާރިކުރުމަކީ އާއްމު ރައްޔިތުންގެ ވިޔަފާރިތަކަށް ގެއްލުންވާނޭކަމެއް" އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

ކޮމިޓީގެ ބައެއް މެމްބަރުން ވިދާޅުވީ އެމްއޭސީއެލްގެ އިތުރުން ސަރުކާރުގެ އެހެން ބައެއް ކުންފުނިތަކުންވެސް އާއްމު ވިޔަފާރިވެރިންގެ ވިޔަފާރިތަކަށް ވަންނަމުންދާކަމަށެވެ. އަދި މިއީ ހުއްޓުވަންޖެހޭ ކަމެއްކަމަށް މެމްބަރުން ފާހަގަކުރެއްވިއެވެ.

"ޑޮމެސްޓިކް މާކެޓަކަށް ނުވިއްކޭނެ، އެކަމަކު ފުރާ މީހުން އަންނަ މީހުންނަށް ގަނެވޭނެ، ޑިއުޓީ ފްރީކޮށް އެތަކެތި މާލެ ތެރެއަށް ވިއްކައިގެން ނުވާނެ، އެގޮތަށް ވިއްކާކަމަށްވާނަމަ ޑިއުޓީ ނަގަންޖެހޭނެ" މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

މިމައްސަލައިގައި ބަހުސްކުރުމަށްފަހު ކޮމިޓީން ނިންމީ، ދޮވެމި އެރައިވަލް ޝޮޕް ހިންގަންޖެހޭނީ ޑިއުޓީ ފްރީ ފިހާރަތައް ހިންގާ އުސޫލުން، ހަމައެކަނި ރާއްޖެއަށް އަންނަ ފަރާތްތަކަށް ވިޔަފާރިކުރެވޭ ގޮތަށް އެކަނިކަމަށެވެ. އަދި އޮންލައިންކޮށް އޯޑަރު ނަގައިގެން އެހެން ތަންތަނަށް މުދާ ޑެލިވަރީކުރުމުގެ މަސައްކަތް އެއްވެސް ގޮތަކަށް ނުކުރުމަށްވެސް ކޮމިޓީން އެމްއޭސީއެލްއަށް އެންގުމަށް ވަނީ ނިންމާފައެވެ.

ދޮވެމި އެރައިވަލް ޝޮޕްއަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މިހާރު ބޭނުންކުރާ އިންޓަރނޭޝަލް ޓަރމިނަލްގައި އެމް.އޭ.ސީ.އެލްއިން 2014 ވަނަ އަހަރު ހުޅުވި ފިހާރައެކެވެ. މި ފިހާރަ ޙާއްސަކޮށްފައިވަނީ ދުނިޔޭގެ ނަން މަޝްހޫރު ލަގްޒަރީ ބްރޭންޑްތަކުގެ ރީތިވާ ސާމާނާއި ސެންޓާއި އަވި އައިނާއި އަތުކުރި ގަޑިފަދަ އުފެއްދުންތަކަށެވެ.