ވިޔަފާރި

ހުޅުމާލެގައި ހަދާފައިވާ ވަގުތީ މަސްމާރުކޭޓު ހިންގާނެ ބަޔަކު ހޯދަނީ


ހުޅުމާލޭ ފޭސް 1 ގައި ގާއިމްކޮށްފައިވާ ވަގުތީ މަސްމާރުކޭޓު ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން، އެޗްޑީސީއިން ބުނީ ހުޅުމާލޭ ވަގުތީ މަސްމާރުކޭޓް ހިންގުމަށް އެދި ހުށަހަޅާ ފޯމާއި، މައުލޫމަތު ކަރުދާސް އަދި މިމާރުކޭޓޫ ހިންގުމާއި ބެހޭ އުސޫލާއި ޤަވާއިދު އެޗްޑީސީގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށެވެ. އަދި މިކަމާ ގުޅުން ހުރި ފޯމާއި ލިޔެކިއުންތައް ޕްރޮޕަޓީޒް ޑޮޓް އެޗްޑީސީ ޑޮޓް ކޮމްއިންވެސް ލިބޭނެކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީއިން ވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އޯގަސްޓްމަހުގެ 12 ވަނަ ދުވަހު މިކަމަށް ހާއްސަކުރެވިފައިވާ ފޯމާއި އެހެނިހެން ލިޔެކިއުންތައް ހުށަހަޅަން އެދިފައެވެ. މިތަކެތި ބަލައިގަންނާނީ އޯގަސްޓްމަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 9:30 އިން 11:00 ޖެހުމާއި ހަމައަށް ހުޅުމާލޭގައި ހުންނަ އެޗްޑީސީގެ އެގްޒިބިޝަން ސެންޓަރުންނެވެ.

2325 އަކަފޫޓުގެ މި މާރުކޭޓު ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ 1 އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި މިކަމަށް އެދޭ ފަރާތްތަކުގެ ތެރެއިން މާރުކޭޓު ހިންގަން ހޮވޭ ފަރާތަކުން ހޮވިއްޖެކަން އަންގާތާ 7 ދުވަހުގެ ތެރޭގައި 50 ހާސް ރުފިޔާގެ ސެކިއުރިޓީ ޑިޕޮސިޓެއް އެޗްޑީސީއަށް ދައްކަން ޖެހޭނެއެވެ. އެޗްޑީސީއިން ވަނީ މިތަން ހިންގާ ފަރާތްތަކުން މަސްމާރުކޭޓުގައި ދެވޭނެ ހިދުމަތްތަކާއި އަގުތަކާއި އެހެން ތަފްސީލްތައްވެސް ކަނޑައަޅާފައެވެ.