މާލެއިން ރަށަށް ގޮސް ބ ހިތާދޫގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި ހިތާދޫއިން ކޯވިޑް-19އަށް ޕޮޒިޓިވް ވެފައި ވަނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިއީ ހިތާދޫއިން ފެނުނު ކޯވިޑް-19ގެ ފުރަތަމަ ކޭހެވެ. މި މީހާގެ ޓެސްޓް ހަދާފައި ވަނީ، ބ އަތޮޅު ހޮސްޕިޓަލުގައި ޤާއިމްކޮށްފައިވާ، ކޯވިޑް-19ގެ ސެންޓަރުގައެވެ.
ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްތައް އަތޮޅުތެރޭގެ ރަށްރަށުންވެސް މިހާރު ދަނީ ފެންނަމުންނެވެ. އަދި މާލެއިން ރަށްރަށަށްދާ މީހުން ހޯމް ކަރަންޓީން ވާންޖެހޭއިރު އެމީހުންގެ ކަރަންޓީންގެ މުއްދަތުގައި ކޯވިޑް-19އަށް ޓެސްޓް ކުރެއެވެ.
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީޙުންގެ އަދަދު 3044އަށް އަރާފައިވާއިރު، މިބައްޔަށް ޕޮޒިޓިވްވާ ދިވެހިންގެ އަދަދުތައް ދަނީ މަތިވަމުންނެވެ.