ވިޔަފާރި

ޓީޓީއެމް ފެއަރގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި


ޓްރެވަލް ޓްރޭޑް މޯލްޑިވްސް، ޓީޓީއެމް ފެއަރގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އޯރކާ މީޑިއާ ގްރޫޕުން ބާއްވާ އިންތިޒާމް ކުރާ މިފެއަރ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރ 24 އިން 26 ވަނަ ދުވަހަށެވެ. އޯކާ މީޑިއާއިން ބުނީ މިފެއަރގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކަށް ސެޕްޓެންބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓަރކުރުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އަދި މިކަމުގެ އިތުރު މައުލޫމަތާއި ރަޖިސްޓްރޭޝަނަށް [email protected] މެއިލް މެދުވެރިކޮށް ކުރެވޭނެކަމަށް އޯކާއިން ބުނެއެވެ. މީގެއިތުރުން ފެއަރއަށް ޒިޔާރަތްކުރަން ބޭނުންވާ ފަރާތްތަކުން https://traveltrademaldives.com/register/ މެދުވެރިކޮށް ދުރާލާ އޮންލައިންކޮށް ރަޖިސްޓަރ ކުރެވޭނެއެވެ.

ޓީޓީއެމް ފެއަރއަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަގުވާމީ ޓްރެވަލް ޓްރޭޑު ޝޯއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމާއި އިޤްތިޞާދަށްވެސް ބޮޑު ކުރިއެރުންތަކެއް ކޮންމެ އަހަރަކުވެސް ގެނުވާ ފެއަރއެކެވެ. މިއީ ޓީޓީއެމް ފެއަރ ބާއްވާ 4 ވަނަ އަހަރެވެ.

މިއަހަރުގެ ޓީޓީއެމް ފެއަރ ފުރަތަމަ ބާއްވަން ނިންމީ ޖޫންމަހުގެ ތެރޭގައެވެ. ނަމަވެސް ކޯވިޑް19ގެ ސަބަބުން ފެއަރ ވަނީ ފަސްކޮށްފައެވެ. އޯކާ މީޑިއާއިން ބުނީ ނޮވެމްބަރ މަހުގެ 24 ވަނަ ދުވަހު އޮންނާނީ ޓީޓީއެމް ޓްރެވެލް ސަމިޓެވެ. އަދި ޓީޓީއެމް މޯލްޑިވްސް އޮންނާނީ ނޮވެމްބަރ 25 އަދި 26 ވަނަ ދުވަހުއެވެ. މިއަހަރުގެ ޓީޓީއެމް ފެއަރގައި 30 ޤައުމަކުން 150 ރިޒޯޓާއި، ހޮޓެލް، 200 އަށްވުރެ ގިނަ ޓުއަރ އޮޕަރޭޓާޒް ބައިވެރިވާނެކަމަށް ލަފާކުރެވޭކަމަށް އޯކާ މީޑިއާއިން މައުލޫމާތުދެއެވެ.

އޯރކާ މީޑިއާ ގްރޫޕުން ބުނީ މިފެއަރގެ ތެރެއިން ޓީޓީއެމް ޓްރެވަލް ސަމިޓް، ގާލާ ނައިޓް، ވަން އޮން ވަން ބައްދަލުވުންތައް ކުރިޔަށްދާނެކަމަށެވެ. އަދި ފެއަރގައި ބައިވެރިވާ އެގްޒިބިޓަރުންނަށް އެހެން ވިޔަފާރިތަކާއެކު ވަކިން ބައްދަލުވުންތައް ބެއްވުމަށް ޝެޑިއުލްކުރެވޭނެކަމަށެވެ. ގިނަ ރިސޯޓްތަކާއި ހޮޓާތަކުގެ ޖެނެރަލް މެނޭޖަރުން ބައިވެރިވާ މި އެކްސްޕޯގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވާނެ ގޮތްތަކާއި ބެހޭގޮތުން ރާއްޖެއާއި އަދި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު ބޭފުޅުން މަޝްވަރާކުރާނެއެވެ.