ވިޔަފާރި

ޝިޕިންގ އެޖެންޓުންނަށް މިހާރު އޮންލައިންކޮށް ރަޖިސްޓްރީ ކުރެވޭނެ


ޝިޕިން އޭޖެންޓުން ރަޖިސްޓްރީ ކުރުމަށް ހާއްސަ އޮންލައިން ޕޯޓަލްއެއް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ތައާރަފްކޮށްފިއެވެ.

ޝިޕިންގ އެޖެންޓުން ގޮތުގައި ރަޖިސްޓަރކުރަން ބޭނުންވާ ފަރާތްތަކުން eportal.mta.gov.mv މެދުވެރިކޮށް އެކަންކުރުމުގެ ފުރުސަތު މިއަދުން ފެށިގެން ވަނީ ހުޅުވާލާފައެވެ.

ދިވެހިރާއްޖޭގައި ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދު 16 ޖުލައި 2020ގައި ގެޒެޓް ކުރުމާއި ގުޅިގެން މިގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން ޝިޕިންގ އޭޖެންސީގެ ޚިދުމަތްދޭ ކުންފުނިތައް ރަޖިސްޓަރީ ކުރުމަށްވަނީ 30 ދުވަހުގެ މުއްދަތެއް ދީފައެވެ. މިމުއްދަތު ހަމަވާ ތާރީޚަކީ 16 އޮގަސްޓަވެ.

މިތާރީހުގެ ކުރިން ޝިޕިންގ އޭޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކުން ޓްރާންސްޕޯޓު އޮތޯރިޓީގައި ރަޖިސްޓަރ ކުރަންޖެހޭއިރު، މިކަމަށް ފަސޭހަކަމާއެކު އެދުމުގެ ފުރުސަތު އެއޮތޯރިޓީން ވަނީ ފަހިކޮށްދީފައެވެ. އެގޮތުން eportal.mta.gov.mv މެދުވެރިކޮށް ޝިޕިން އެޖެންޓަކަށްވުމަށް ރަސްޖިސްޓްރީކުރުމަށް އެޕްލިކޭޝަން މިހާރު ހުށަހެޅޭނެކަމަށް ޓްރާންސްޕޯޓުން މައުލޫމާތުދެއެވެ.

ޤަވާއިދު ކުރިން އޮންނަ ގޮތުން އިކޮނޮމިކް މިނިސްޓްރީ ދަށުން ރަޖިސްޓްރީކޮށްފައިވާ ކޮންމެ ކުންފުންޏަކަށް ޝިޕިން އެޖެންޓުންގެ ގޮތުގައި ވަކި ހާއްސަ ލައިސަންސަކާއި ނުލާ ހަރަކާތްތެރިވެވޭނެއެވެ. މިއީ ބައިނަލްއަޤްވާމީ ގޮތުން މިކަން އޮންނަ ގޮތެއް ނޫންކަމަށް ބުނެ ޝިޕިންގ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވީ 17 އޮގަސްޓުން ފެށިގެން އައު ގަވައިދާ އެއްގޮތަށް ޝިޕިން އެޖެންޓުން ނުވަތަ ފުރައިޓު ފޯވާޑަރުން އަމަލުކުރަމުން ގެންދޭތޯ ބަލަމުން ގެންދާނެކަމަށެވެ. އަދި ގަވާއިދާ ޚިލާފުވާ ފަރާތްތައް 10 ހާސް ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި ތަކުރާރުކޮށް ގަވައިދާ ހިލާފުވާނަމަ އެޖެންސީއަށް ދޫކޮށްފައިވާ ހުއްދަ ބާތިލް ކުރާނެކަމަށް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ދިވެހިރާއްޖޭގައި ޝިޕިންގ އޭޖެންސީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދަކީ ބަނދަރުތަކަށް ވަދެ، ނިކުމެ ހަދާ އާގުބޯޓުފަހަރަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ޝިޕިންގ އޭޖެންޓުންގެ ޚިދުމަތް ޕްރޮފެޝަނަލް ފެންވަރެއްގައި ޒިންމާދާރުކަމާއެކު ދިނުމަށް މަގުފަހިކޮށްދިނުމަށް އެކުލަވާލާފައިވާ ޤަވާއިދެކެވެ.