ވިޔަފާރި

ކުޅުދުއްފުށްޓާއި އައްޑޫއާ ދެމެދު ކުރާ ދަތުރުތަކުގެ ޑިމާންޑު ރަނގަޅު: މޯލްޑިވިއަން


ރާއްޖޭގެ އެންމެ އުތުރާއި ދެކުނު ވައިގެ މަގުން ގުޅުވާލަދިނުމަށް އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީއާ ދެމެދު ފަށާފައިވާ ސީދާ ދަތުރުތަކަށް ރަނގަޅު ޑިމާންޑެއް އޮތްކަން ފާހަގަކުރެވޭކަމަށް މޯލްޑިވިއަނުން ހާމަކޮށްފިއެވެ.

މޯލްޑިވިއަންއިން އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީ އާއި ދެމެދު ދަތުރުތައް ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ.

ކުޅުދުއްފުށްޓާއި އައްޑޫއާ ދެމެދު ހަފްތާއަކު ދެ ދަތުރު ކުރަމުންދާއިރު، މި ދަތުރުގެ ޓިކެޓްގެ އަގަކީ ކޮޅަކަށް 1444 ރުފިޔާއެވެ. މި ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ހަފްތާގެ ބުރާސްފަތި ދުވަހު ކުޅުދުއްފުށި ސިޓީން އައްޑޫ ސިޓީ ގަމަށް، އަދި ހޮނިހިރު ދުވަހު އައްޑޫސިޓީ ގަމުން ކުޅުދުއްފުށި ސިޓީއަށެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން މޯލްޑިވިއަންގެ މެނޭޖަރ ޕީއާރް އެންޑް ކޮމިއުނިކޭޝަންސް މޫސާ ވަސީމް ވިދާޅުވީ އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީ އާއި ދެމެދު ކުރާ ދަތުރުތަކަށް ކުރިމަގުގައި މިހާރު އޮތް މިންވަރަށްވުރެ ޑިމާންޑު ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"މި ދަތުރުތަކަށް ހުޅުވާލުމާއި އެކު ފާހަގަކުރެވުނީ ވަރަށް ބޮޑު ޑިމާންޑެއް އޮތްކަން، ދެ ސަރަޙައްދަށް ބަލާލާއިރު، އިޤްތިސާދީ ވަރަށް އެކްޓިވް ދެ ސަރަޙައްދަށްވާތީ، ޤަބޫލްކުރެވެނީ މިހާރު މިއޮތް ހާލަތު ނޫން ހާލަތަކަށް ބަދަލުވާ ހިސާބުން ފެށިގެން ޑިމާންޑު އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ،" ވަސީމް ވިދާޅުވިއެވެ.

މި ދަތުރުގައި ބޯޓަށް ތެޔޮ އަޅަން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޓްރާންސިޓެއް ކުރާނެއެވެ. މޯލްޑިވިއަނުން ބުނީ ތެޔޮ އަޅަން ވިއްސަކަށް މިނެޓް ޓްރާންސިޓްކުރާއިރު ފަސިންޖަރުން ބޯޓްގައި މަޑުކުރާނެ ކަމަށެވެ. މިއީ އިކޮނޮމިކް މިނިސްޓްރީގެ އިސްނެންގެވުމުގެ މަތިން މި ދެ ސަރަހައްދުގައި އިޤްތިޞާދީ ހަރަކާތްތަކެއް ހިންގޭނެ މަގު ފަހިކުރުމުގެ ގޮތުން ޝެޑިއުލްކުރާ ދަތުރުތަކެކެވެ.

ކޯވިޑް19އާ ގުޅިގެން އެތެރޭގެ އުދުހުންތައް މެދުކަނޑާލާފައި އޮތުމަށްފަހު އަލުން ފަށާފައިވާއިރު، އެތެރޭގެ އެއް އެއަރޕޯޓުން އަނެއް އެއަރޕޯޓަށްވެސް މޯލްޑިވިއަނުން ދަނީ ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ. އެގޮތުން ދަރަވަންދޫން ހަނިމާދޫއަށް، ތިމަރަފުށިން ކައްދުއަށްވެސް ވަނީ މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ބާއްވައެވެ.

މި ދަތުރުތަކަށްވެސް ރަގަޅު ޑިމާންޑެއް އޮތްކަން މޯލްޑިވިއަނުން ފާހަގަކުރެއެވެ.