މައްސަލަތައް ނިންމުމުގައި ފައިސާ ނަގާ ހދ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމްގެ އެކައުންޓަށް މިލިއަނަށްވުރެ ގިނަ ފައިސާ ވަދެފައިވާކަމަށް ޖުޑީށަލް ސާރަވިސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ޖޭއެސްސީން މިކަން ހާމަކޮށްފައިވަނީ ހދ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމް މަޤާމުން ވަކިކޮށްދިނުމަށް އެދި ރައްޔިތުން މަޖިލީހަށް ފޮނުއްވި މައްސަލާގައެވެ.
ޖޭއެސްސީން މި މައްސަލަ ބެލި ކޮމެޓީން ނިންމި ނިމުމުގައި ވަނީ މުޙައްމަދު މަޢުޞޫމް ރިޝްވަތު ނަގާކަމަށް ހުށައެޅި މައްސަލަ ބެލިބެލުމުގައި ވަޒީފާގެ އިތުރުން އެއްވެސް އާމްދަނީގެ ލިބިފައިނުވާކަމަށް ހާމަކުރިނަމަވެސް 3 އަހަރާއި 8 މަސްދުވަހުގެ ތެރޭގައި މައުސޫމްގެ އެކައުންޓަށް 1.4 މިލިއަން ރުފިޔާ ވަދެފައިވާކަމަށެވެ. އަދި މިފައިސާ އިސް މެޖިސްޓްރޭޓަށް ލިބުނު ގޮތެއް ސާފުކޮށްދެވިފައިނުވާކަމަށްވެސް ޖޭއެސްސީގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން ވަކި މަސްމަހުގައިވެސް ބޮޑެތި އަދަދުން އިސްމެޖިސްޓްރޭޓްގެ އެކައުންޓަށް ފައިސާ ވަދެފައިވުމާއި އެކޯޓުގެ ބައެއް މުވައްޒަފުންގެ އެކައުންޓަށް ފައިސާ ފޮނުވާ އެކި ދުވަސްދުވަހުން އެ ފައިސާ ނަގާފައިވާކަމަށްވެސް ޖޭއެސްސީގެ ރިޕޯޓްގައިވަނީ ފާހަގަކޮށްފައެވެ. އަދި މި މައްސަލަ ބެލިބެލުމުގައި ހެކިބަސް ދިން ފަރާތަކުން އިސް މެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމް މައްސަލަ ބެލުމުގައި ރިޝްވަތުނަގާކަން ހާމަކޮށްފައިވާކަމަށްވެސް ޖޭއެސްސީގެ ރިޕޯޓްގައިވެއެވެ.
ހއ.ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާއެއް ނިންމުމުގައި އިސް މެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމް ރިޝްވަތުގެ ގޮތުގައި ފައިސާ ނަގާފައިވާކަމާއި، އަދި ކުޅުދުށްފުށީ ކޯޓްގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި މައްސަލާގައި ފަނޑިޔާރެއްގެ ކިބައިގައި މަސައްކަތު މާހައުލުގައި ހުރެގެން ނުވާނެ ކަންކަން ތަހުގީގަށް އިސްމެޖިސްޓްރޭޓްގެ ވާހަކައިންނާއި ހެކިންގެ ހެކިބަހުން ސާބިތުވާކަމަށްވެސް ޖޭއެސްސީގެ ރިޕޯޓްގައިވެއެވެ.
ކޮރަޕްޝަނާއި، ޖިންސީ ފުރައްސާރައާ ގުޅިގެން ޖޭއެސްސީން ކުރި ތަޙުޤީޤު ސާބިތުވެ ހދ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުޙައްމަދު މަޢުޞޫމް މަޤާމުން ވަކިކުރުމަށް މަޖީލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.