ޚަބަރު

ޓްރަކެއް ހައިޖެކްކުރުމަށްފަހު ކޯވިޑް19ގެ ސާމްޕަލްތަކެއް ގެންގޮސްފި!


ކޯވިޑް19ގެ ގިނަ އަދަދެއްގެ ސާމްޕަލްތަކެއް ހިފައިގެން ދަތުރުކުރި ޓްރަކެއް ބަޔަކު ހައިޖެކްކޮށް، އޭގައި ހުރި ސާމްޕަލްތަކެއް ގެންގޮސްފިއެވެ.

މިހާދިސާ ހިނގާފައިވަނީ ސައުތު އެފްރިކާގެ އީސްޓަން ކޭޕް ޕްރޮވިންސްގެ ޕޯޓް އެލިޒަބަތު ސިޓީގައި މިދިޔަ ހޯމަދުވަހުގެރެއެވެ.

ޕޯޓް އެލިޒަބަތު ކަމާބެހޭ އޮފިޝަލުން ވިދާޅުވީ، ޓްރަކް ހައިޖެކްކުރުމަށްފަހު ގެންގޮސްފައިވަނީ ލެބޯރެޓަރީއަކަށް ގެންދިޔަ ސާމްޕަލްތަކެއްކަމަށެވެ. އަދި ހަތިޔާރު އަޅައިގެން ތިބި މީހުން ހައިޖެކްކުރި ޓްރަކް ފަހުން ފެނުނަސް، އޭގައި ހުރި ސާމްޕަލްތައް އަދިވެސް ނުފެންނަކަމަށް އޮފިޝަލުން ބުނެއެވެ.

އޮފިޝަލުން ބުނީ ވަގަށް ގެންދިޔަ ސާމްޕަމް ފޮށީގައި ކޮރޯނާވައިރަސް ހިމެނޭ 40 ލީޓަރުގެ ސާމްޕަލް ހުންނާނެކަމަށެވެ. އަދި މިހާރު އޮތް އެންމެ ބޮޑު ބިރަކީ އެކަމުގެ ސަބަބުން އިތުރު ބަޔަކަށް ކޯވިޑްޖެހި، ބަލި ފެތުރުން އިތުރުވުންކަމަށް އޮފިޝަލުން ބުނެއެވެ.

ޓްރަކް ހައިޖެކްކުރި މައްސަލައިގައި ބަޔަކު ހައްޔަރުކޮށްފައި ނުވާއިރު، އެކަންކުރި މީހުން ހޯދަން ފުލުހުން ދަނީ މިހާރު މަސައްކަތްކުރަމުންނެވެ. އަނެއްކޮޅުން ސިއްހީ އޮފިޝަލުން ދަނީ ގެއްލުނު ސާމްޕަލްތަކަކީ ކޮން ސަރަޙައްދަކުން ނެގި، ކޮން ބައެއްގެ ސާމްޕަލްތަކެއްތޯ ޔަޤީންކުރަމުންނެވެ.

މިއީ ކޯވިޑް ފެތުރެން ފެށި ފަހުން ޕޯޓް އެލިޒަބަތު ސިޓީގައި ހިނގި މިފަދަ 2 ވަނަ ހާދިސާއެވެ. މީގެކުރިން ކޯވިޑްގެ ސާމްޕަލްތަކެއް އެސިޓީގެ މަގެއްގެ މައްޗަށް އުކާލާފައި ހުރި މައްސަލައެއްވެސް ދަނީ ތަހުޤީޤްކުރަމުންނެވެ.