ޚަބަރު

ކޯވިޑް-19 : ރާއްޖޭގެ 5 ސަރަޙައްދެއްގައި ފަރުވާދޭ ފެސިލިޓީތައް ޤާއިމުކޮށްފި


ލ.ގަމު ރީޖަނަލް ހޮސްޕިޓަލާއި ގއ.ވިލިނގިލީ ހޮސްޕިޓަލްގައި ޤާއިމުކުރި ކޯވިޑް-19އަށް ފަރުވާދޭ ފެސިލިޓީގެ މަސައްކަތް ނިންމާލައިފިއެވެ. ސަރުކާރުން އަމާޒުކުރީ ރާއްޖެ 5 ޒޯނެއްގައި ކޯވިޑް-19އަށް ފަރުވާދޭ ފެސިލިޓީތަށް ޤާއިމުކުރުމަށެވެ. އަލަށް ޚިދުމަތް ފެށި ފެސިލިޓީތަކާއިއެކު ރާއްޖޭގެ 5 ސަރަޙައްދުގައި މިބައްޔަށް ފަރުވާދޭ ފެސިލިޓީ ޤާއިމުކޮށް މިވަނީ ނިމިފައެވެ.

ކޯވިޑް-19އަށް ފަރުވާދޭ މަރުކަޒުތަކާއި، ޓެސްޓް ކުރެވޭނެ އިންތިޒާމް އަތޮޅުތަކުގައި ހަމަޖެއްސުމަކީ ރަށްރަށާ ގާތުން ޚިދުމަތް ދެވޭނެ މަގުފަހިކުރުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ. ފެސިލިޓީގެ މަސައްކަތް ނިންމައި ޚިދުމަތްފެށި ލ.ގަމު ރީޖަލް ހޮސްޕިޓަލާއި ވިލިނގިލީގައި ހުންނަ ގއ.އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކުރި ފެސިލިޓީތަކުގައި ބައްޔަށް ޓެސްޓްކުރުމާއި، އައިސީޔޫގެ ޚިދުމަތާއި، އައިސޮލޭޝަނާއި ކަރަންޓީނު އެނދު ހިމެނެއެވެ.

ޒޯންތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގައި ޤާއިމުކުރި ލ.ގަމު ފެސިލިޓީ ޚާއްސަކޮށްފައިވަނީ މ.ފ.ދ.ތ.ލ މި އަތޮޅުތަކުގެ ރަށްތަކަށެވެ. އަދި ގއ.ވިލިނގިލީގައި ޤާއިމުކުރި ފެސިލިޓީއަކީ ހުވަދު އަތޮޅު އުތުރު ބުރިޔާއި ދެކުނު ބުރިއަށް ޚާއްސަކޮށްގެން ޤާއިމުކުރި ފެސިލިޓީއެކެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލްގައި ޤާއިމުކުރި ފެސިލިޓީއަކީ 47އެނދުގެ ފެސިލިޓީއެކެވެ. ފެސިލިޓީގައި 20 އައިސީޔޫ އެނދާއި، އައިސޮލޭޝަން 15 އެނދާއި ކަރަންޓީނު 12 އެންދު ހިމެނެއެވެ.
ވިލިނގިލީގައި ހުންނަ ގއ.އަތޮޅު ހޮސްޕިޓަލުގެ ފެސިލިޓީއަކީ 23 އެނދުގެ ކެޕޭސިޓީގެ ފެސިލިޓީއެކެވެ.

މި ފެސިލިޓީތަކުގެ ޚިދުމަތް ފަށާއިރު ކޯވިޑް-19އަށް ޓެސްޓް ހެދުމާއި، ބަލީގައި ޙާލުބޮޑުވާ މީހުންނަށް ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެވޭނެ ވަސީލަތްތައްވެސްވަނީ ޤާއިމުކޮށްފައެވެ. އަދި ކޯވިޑް-19އާ ގުޅޭ މަސައްކަތުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި، އެހެނިހެން ސިއްހީ އެހީތެރިންނަށް ބޭނުންވާ ތަމްރީނުތައްވެސް ވަނީ ދީފައެވެ. އަދި ކޯވިޑް-19ގެ ކޭސްއެއް ފެނިއްޖެނަމަ އެކަމާގުޅިގެން މަސައްކަތް ކުރާ ސިއްޙީ އެހީތެރިންނާއި އެހެނިހެން މީހުން އެކަހެރިކޮށް ތިބެވޭނެ އިންތިޒާމްތައްވެސް ފެސިލިޓީ ޤާއިމުކުރާ ރަށްތަކުގައިވަނީ ހަމަޖައްސާފައެވެ.

ފެސިލިޓީތަކުގެ މަސައްކަތް ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ވާޗުއަލްކޮށެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާޢީލެެވެ. މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީންގެ އިތުރަށް ފެސިލިޓީތަށް ޤާއިމުކުރި ދާއިރާތަކުގެ މެންބަރުންނާއި، ސިއްޙީ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިމަހުގެ 16ވަނަ ދުވަހު ވަނީ ހއ، ހދ، ށ، މިއަތޮޅުތަކަށް ޚާއްސަކޮށްގެން ށ.ފުނަދޫގައި ގާއިމުކުރި ފެސިލިޓީއާއި، ނ.ރ.ބ.ޅ އަށް ޚާއްސަކޮށްގެން ބ.އޭދަފުށީގައި ޤާއިމުކުރި ކޯވިޑް ފެސިލިޓީގެ މަސައްކަތް ނިންމައި ޚިދުމަތް ފަށާފައެވެ.

މީގެއިތުރަށް ހއ.އިހަވަންދުއާއި، ޏ.ފުވައްމުލަކުގައި ކޮވިޑަށް ޚާއްސަކޮށްގެން 3 އެނދުގެ އައިސީޔޫ ފެސިލިޓީވަނީ ހަދާފައެވެ. އައްޑު އަތޮޅުއަތޮޅުގައިވެސް މިހާރުވަނީ ކޮވީޑަށް ފަރުވާދިނުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށްފައެވެ.