ޚަބަރު

މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދަނީ


ހުވަދު އަތޮޅު ދެކުނުބުރީ މަޑަވެއްޔާއި ހޯޑެއްދޫ ގުޅާލުމަށް ހަދާ ކޯޒްވޭގެ މަސައްކަތް ކުރި ކުންފުނިން ތިމާވެއްޓަށް ގެއްލުންވާގޮތަށް ކޮށްފައިވާ މަސައްކަތްތަކުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދަންޖެހޭކަމަށް ކަނޑައަޅައިފިއެވެ.

މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭ ހަދާފައިވާގޮތުން އެ ދެރަށަށް ލިބެމުންދާ ގެއްލުންތަކާއި އުދައެރުމުގެ މައްސަލަ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ގައި ބުނެފައިވަނީ ކޯޒްވޭ ހަދާފައިވާގޮތުން އެ ދެ ރަށަށް ލިބެމުންދާ ގެއްލުންތަކަކީ މަޝްރޫޢު ކުރިއަށް ގެންދިޔަ ފަރާތުގެ ބޮޑެތި އިހުމާލުތަކެއް އެކަމުގައި އެކުލެވުމުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކަށެއް ކަމަށާއި އެކަމުގެ ބަދަލު ލިބެންޖެހޭކަމަށެވެ.

މި ރިޕޯޓް މަޖިލީހުން ފާސްކޮށްފައިވަނީ 61 މެމްބަރުން ވޯޓުންނެވެ. ރިޕޯޓްގައިވަނީ މި މަޝްރޫޢުގެ ސަބަބުން، ތިމާވެއްޓަށް ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދަންޖެހޭ ކަމަށް ކަނޑައަޅައި، އެ ސަރަޙައްދަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތައް ޙައްލު ކުރުމަށް މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭ އަލުން ފަރުމާކޮށް ޢަމަލީ މަސައްކަތް އަވަހަށް ކުރިއަށް ގެންދިއުމަށް ސަރުކާރަށް ގޮވާލާކަމަށެވެ.

އެއް ފަޅެއްގައި އޮންނަ ހޯޑެއްދު އާއި މަޑަވެލި ގުޅުވައިދޭ ކޯޒްވޭގެ މަސައްކަތް ފެށީ 2016 ގައެވެ. އެ ކޯޒްވޭ ނިމުނުތާ މަހެއްހާ ދުވަސް ފަހުން 2018 ގައި ކޯޒްވޭގެ ސަބަބުން ދެ ރަށަށް އުދަ އަރާ ކަމަށް ބެލެވިގެން ރައްޔިތުން ނުކުމެ، ކޯޒްވޭ ކަނޑާލިއެވެ. އަދި އެއަށް ފަހު މިހާރު ވަނީ އަލުން ވެލި އަޅައި އެތަން ބައްދާލާފައެވެ.

ދައުލަތުގެ ބަޖެޓުން 29 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން، ހެދި ކޯޒްވޭގެ ދިގުމިނުގައި 440 މީޓަރު އަދި ފުޅާމިނުގައި 7 މީޓަރު ހުރެއެވެ. މަޑަވެއްޔާއި ހޯޑެއްދޫ ގުޅާލާފައި ވަނީ، އެ ދެމެދުގައި އޮންނަ ހާދޫ ކިޔާ ފަޅުރަށެއް ހިމަނައިގެން، އެ ރަށާއެކުއެވެ. ނަމަވެސް، ވިއްސާރަ މޫސުމުގައި އޮއިބާރު އަދި ވަރަށް ބޮޑަށް އޮއިދެމޭ އެ ސަރަހައްދު ބައްދާލައި، ވެލީގެ ފާލަމެއް އެޅުމުން، މޫސުން ގޯސްވާ ދުވަސްތަކުގައި، ފެން ދައުރުވާނެ ގޮތެއް ނެތި، ހޯޑެއްދޫގެ ހުރިހާ ފަރާތަކަށް ވެސް ރާޅު އަރައެވެ.

އޭރުގެ ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މިމަޝްރޫއު ކުރިއަށްދިޔައިރުވެސް ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ތޮއްޓެއްލައި ތިމާވެއްޓަށްލިބޭ ގެއްލުންކުޑަ ކުރަން އެދުނުނަމަވެސް އެކަންވެސް ކޮށްފައިނުވެއެވެ. މިމައްސަލާގައި ކުރީގެ ހައުސިން މިނިސްޓަރާއި، ކުރީގެ އެމްޓީސީސީގެ ވެރިން މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުވެސް ކޮށްފައިވެއެވެ.