ޚަބަރު

ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ނުނިމި 8 އަހަރު، މައްސަލަ ކޮމިޓީއަށް


ސިފައިންނާއި، ފުލުހުންގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް 2013 ވަނަ އަހަރު މަސައްކަތްފެށި ފްލެޓްތައް މިއަދާހަމައަށްވެސް ނިމިފައިނުވާ މައްސަލަ ބަލައި އެކަމުގައި އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ހުށަހެޅި މައްސަލަ ކޮމިޓީއަށް ފޮނުވައިފިއެވެ.

ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބް ޢަބްދުﷲ ހުށަހެޅުއްވި މިމައްސަލަ މަޖިލީހަށް ބަލައިގަނެފައިވަނީ 62 މެމްބަރުންގެ ވޯޓުންނެވެ. މިމައްސަލަ ދިރާސާކުރުމަށް ވަނީ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީއަށް ފޮނުވާފައެވެ.

ޔައުޤޫބު ހުށަހެޅުއްވި މައްސަލާގައި ވިދާޅުވެފައިވަނީ ސިފައިންގެ ކޯޕަރޭޓިވް ("ސިފްކޯ“) އަދި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ ("ޕޮލްކޯ“) މެދުވެރިވެގެން ސިފައިންނާއި ފުލުހުންނަށް ޚާއްޞަކޮށްގެން ސިފައިންނާއި ފުލުހުންގެ ޢާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ހުޅުމާލޭގައި އަޅަމުން ގެންދާ 600 ފްލެޓަކީ 2013 ވަނަ އަހަރުގެ މެދުތެރެއިން ފެށިންގެން ކޮންޓްރެކްޓަރުންނާއި ޙަވާލުކޮށްގެން ތަރައްޤީކުރަމުން އަންނަ ފްލެޓްތަކެއްކަމަށެވެ. ނަމަވެސް މިއަދާއި ހަމަޔަށްވެސް އެތަންތަން ނިމިފައި ނުވާކަމަށާއި، އެ ފްލެޓްތަކުގެ މަސައްކަތް ކުރިއަށްދާ ގޮތުން އަވަސް މުއްދައްތެއްގައި އެ ތަންތަން ނިމޭނެ ކަމަށް ނުބެލެވޭކަމަށެވެ.

މީގެ އިތުރުން މި ފްލެޓްތައް އިމާރާތްކުރަމުންދަނީ ސަރުކާރުން ޚަރަދުކޮށްގެން، ނުވަތަ ލޯނު ނަގައިގެން ކަމުގައިވިޔަސް ފްލެޓްތައް ލިބޭ ސިފައިންނާއި ފުލުހުންވެސް މި ފްލެޓްތަކަށް ޑައުން ޕޭމަންޓްގެ ގޮތުގައި ފައިސާ ދައްކައިފައިވާއިރު، ގިނަ ސިފައިންނާއި ފުލުހުން މި ފައިސާ ދެއްކުމަށްޓަކައި ބޭންކްތަކުން ލޯނު ނަގާފައިވާކަމަށް ބެލެވޭ ކަމަށްވެސް ޔައުޤޫބް ހުށަހެޅުއްވި މައްސަލާގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި އެ ފަރާތްތަކަށް މިހާރު ލޯނު ފައިސާ އަނބުރައި ދައްކަންޖެހިފައިވާއިރު ދިރިއުޅެމުން ގެންދާ ތަނަށް ވެސް ކުލި ދައްކަންޖެހިފައިވުމުން އެ ކަން ބޮޑު ތަކުލީފަކަށްވެ، އެ ޢާއިލާތަކަށް ބޮޑު ނިކަމެތިކަމަކާއި ކުރިމަތި ވެފައިވާކަމަށްވެސް ޔައުގޫބު ހުށައެޅުއްވި މައްސަލާގައި ވަނީ ވިދާޅުވެފައެވެ.

އަދި މި ފްލެޓްތައް ނިންމުމަށްފަހު ޙަވާލުކުރަން ދިން މުއްދަތު އެތައް ފަހަރަކު ލަސްވެ، 24 މަސްދުވަހުގެތެރޭގައި ނިންމުމަށް އޮތް މުއްދަތަށް މިހާރު 8 އަހަރު ވެގެން ގޮސްފައިވާއިރު، 2018 ވަނަ އަހަރުގައި ވެރިކަން ބަދަލުވުމަށްފަހުވެސް، މި ފްލެޓްތައް ނިންމުމަށް ތާރީޚެއް ކަނޑައެޅިނަމަވެސް، އެ މުއްދަތު ފާއިތުވެ ދިޔައިރުވެސް، މި ފްލެޓްތައް ނުނިމުމަކީ ކަންބޮޑުވާކަމެއްކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ޔައުގޫބުގެ މައްސަލާގައި ސަރުކާރުން އަދި/ނުވަތަ ޕޮލްކޯ އާއި ސިފްކޯއިން މި ޕްރޮޖެކްޓަށް ފައިސާ ދައްކަމުން ގެންދަނީ ކޮން އުސޫލެއްގެ ދަށުންތޯ އާއި، މަސައްކަތް ނިންމާފައިވާ މިންވަރާ ނުބައްދަލު އަދުދަކަށް ފައިސާ ދޫކޮށްފައިވޭތޯ އަދި ދޫކޮށްފައި ވާނަމަ، އެއީ ކީއްވެތޯ ބެލުމަށްވެސް ހުށަހަޅާފައިވެއެވެ.

ސިފައިންނާއި، ފުލުހުންނަށް ހަވާލުކުރެއްވި މިމަޝްރޫޢުގެ މަސައްކަތް ކޮށްފައި ވަނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި)އާއިއެވެ. އަދި އެކުންފުނިން ވަނީ ޑައުންޕޭމަންޓަށް ބޮޑު އަދަދަކުން ފައިސާ ނަގައި މަސައްކަތް ހަވާލުކުރި ނޫމަޑިއާއިއެކު ވެފައިވާ އެއްބަސްވުން ސަރުކާރުން ވަނީ އުވާލާފައެވެ.

ހައުސިިން ޔުނިޓްތަކެއް އެޅުމަށް ނޫމަޑިއާއެކު ހެދި އެއްބަސްވުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބާތިލް ކުރި މައްސަލައިގައި ބަދަލަށް 155 މިލިއަން ޑޮލަރު ހޯދަން ނޫމަޑިން އާބިޓްރޭޝަނަށް ހުށަހެޅުމުން ސަރުކާރުން ވަނީ އާބިޓްރޭޝަނުން ބޭރުގައި މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ނޫމަޑި އަށް ދީފަ އެވެ. އެ ފައިސާ އެ ކުންފުންޏަށް މިހާރު ވަނީ ދައްކައިފައެވެ.