ޚަބަރު

އެންއައިސީން ސުލައިމާން ވަކިކުރުމަށް ފާސްކޮށްފި


ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސްކަން ކުރައްވަމުންދާ އަހުމަދު ސުލައިމާން އެމަޤާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

ސުލައިމާން މަޤާމުން ވަކިކޮށްފައިވަނީ މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 58 މެމްބަރުންގެ ވޯޓުންނެވެ. ސުލައިމާން ވަކިކުރުމަށް ފާސްވުމާއެކު އޭނާ ވަކިކުރުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާނެ ކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސްކަން ކުރިން ކުރެއްވި އަޙުމަދު ސުލައިމާން އެންއައިސީގެ މެންބަރުކަމަށް އައްޔަން ކުރައްވާފައިވަނީ 2018 ވަނަ އަހަރުގެ މާރޗް މަހުގެ ފުރަތަމަ ދުވަހުގައެވެ. ކޮމިޝަނުން ސުލައިމާން ވަކިކޮށްފައިވަނީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭތީއާއި މަސައްކަތުގައި އިހުމާލުވުން ބޮޑުވެގެންކަމަށް ކޮމިޓީގެ ރިޕޯޓްގައި ވެއެވެ.

ކޮމިޝަނުން ސުލައިމާން ވަކިކުރަން ނިންމާފައިވާއިރު، ކޮމިޝަނުން ވަކިކުރުމަށް ނިންމާފައިވާ ކޮމިޝަނުގެ ނައިބު ރައީސް ޙައްސާން ހަމީދު އާއި، މެމްބަރު އަޙްމަދު އަމީންގެ އިތުރުން މެންބަރު ޚަދީޖާ ޢަބްދުﷲ ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާ މަތިކޮށްފައިވާ މަސްޢޫލިއްޔަތު އަދާކުރުމަށް އިހުމާލުވެފައިވާ މައްސަލަ ދިރާސާކުރުމުގެ މަސައްކަތުގެ ތެރޭގައި ޤާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުންނާ ގުޅޭގޮތުން، އެ ކޮމިޝަނަށް ހުށަހެޅި ބައެއް މައްސަލަތައް ނުވަތަ ޝަކުވާތައް އެ ކޮމިޝަނުން ބަލާފައިނުވާކަން ސަބް ކޮމިޓީއަށް ފާހަގަކުރެވިފައިވާކަން އެ ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ، ކަސްޓަމްސް ސަރވިސްއާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި، މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުން ކުރާ ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލުތައް ބަލައި ތަޙްޤީޤުކުރުމާއި، އެފަދަ ޢަމަލެއްކަމަށް ތުހުމަތުކުރެވޭ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގާފައިވާނަމަ ނުވަތަ ހިންގަން އުޅޭކަމަށް ތުހުމަތުކޮށް މައްސަލައެއް ހުށަހަޅައިފިނަމަ، އެކަމެއް ބަލައި ތަޙްޤީޤުކުރުމަށް އުފައްދަވާފައިވާ މުވައްސަސާއެކެވެ.