ޚަބަރު

ކޯވިޑް-19އާ ދެކޮޅަށް ތައްޔާރުކުރާ ވެކްސިންތަކުގެ ތަހުލީލުތަކުން އުންމީދީ ނަތީޖާތަކެއް


ކޯވިޑް-19ން ރައްކާތެރިވުމަށް ތައްޔާރުކުރަމުންދާ ވެކްސިންތަކުގެ ތެރެއިން ތިން ވެކްސިނެއްގެ އިބްތިދާޢީ ތަހުލީލުތައް ކާމިޔާބުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ އެސްޓްރެޒެނަކަ ކުންފުންޏާއި އޮކްސްފޯޑު ޔުނިވަސިޓީން ގުޅިގެން ތައްޔާރުކުރުމަށް މަސައްކަތްކުރާ ވެކްސިންގެ ތަހުލީލުތަކުގައި އެ ވެކްސިންގެ ދެ ޑޯޒު ދިން މީހުންގެ ހަށިގަނޑަށް އެއްވެސް ނޭދެވޭ އަސަރެއް ކޮށްފައިވާކަމުގެ ނިޝާނެއް ފެނިފައެއް ނުވެއެވެ. ވެކްސިން ދިނުމުން އެމީހުންގެ ހަށިގަނޑުގެ ދިފާޢީ ނިޒާމުންވަނީ ކޯވިޑް-19އާ ދެކޮޅަށް މަސައްކަތްކޮށްފައެވެ.

އޭގެ އިތުރުން ޗައިނާގެ ކެންސިނޯބިޔޮލޮޖިކްސްއާއި އެ ޤައުމުގެ އަސްކަރީ ދިރާސާ މަރުކަޒަކުން ކުރަމުންދާ ތަހުލީލުތަކުންވެސްވަނީ އުންމީދީ ނަތީޖާތަކެއް ފެނިފައެވެ. އެގޮތުން އެ ތަހުލީލުތަކުގައި ބައިވެރިވި 508 މީހުންގެ ތެރެއިން ގިނަ މީހުންގެ ހަށިގަނޑުން ވެކްސިންގެ އެންމެ ޑޯޒު ދިނުމުން ދިފާޢީ މަސައްކަތް ފަށައިފައިވާކަމަށް ދިރާސާތަކުގެ ނަތީޖާއިންވަނީ ދައްކާފައެވެ. އެ ވެކްސިނަކީވެސް ރައްކާތެރި ވެކްސިނެއްގެ ގޮތުގައިވަނީ ޤަބޫލުކުރެވިފައެވެ. ތަހުލީލުގައި ބައިވެރިވި މީހުންގެ 77 އިންސައްތަ މީހުންނަށް ހުން އައުންފަދަ ކުދިކުދި އުނދަގޫތަކެއްވަނީ ކުރިމަތިވެފައެވެ. ނަމަވެސް ވެކްސިންގެ ސަބަބުން ކަންބޮޑުވާވަރުގެ އެއްވެސް އަސަރެއްކޮށްފައެއް ނުވެއެވެ.

ވެކްސިނެއް ތައްޔާރުކުރުމަށް އެސްޓްރަޒެނެކައާއި ކެންސިނޯއިންވެސް ބޭނުންކުރަނީ އެޑެނޯވައިރަހެވެ. ރޯގާ ޖައްސާ އެ ވައިރަސް މެދުވެރިކޮށް ކޯވިޑް-19 ޖައްސާ ކޮރޯނާވައިރަސް އިންސާނުންގެ ހަށިގަނޑަށް ތަޢާރަފުކުރެއެވެ. ކޮރޯނާވައިރަސް ހަށިގަނޑަށް ތަޢާރަފުކުރުމަށް ބޭނުންކުރާ އެޑީނޯވައިރަހުގެ އަސަރު ކުރިން ހަށިގަނޑަށް ކޮށްފައިވާ މީހުންގެ ހަށިގަނޑުން ކޯވިޑް-19އާ ދެކޮޅަށް މަސައްކަތްކުރާ މިންވަރު ދަށްކަމަށް ކެންސިނޯގެ ވެކްސިން ތަހުލީލުކުރުމުގައި ބައިވެރިވާ ސައިންސުވެރިންވަނީ ފާހަގަކޮށްފައެވެ. އެއީ ވެކްސިނެއް އުފެއްދުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމުގެ ގޮތުގައި ސައިންސުވެރިން ސިފަކުރެއެވެ.

ޖަރުމަނުވިލާތުގެ ބަޔޯއެންޓެކާއި އެމެރިކާގެ ޕުފިޒާއިން ތައްޔާރުކުރުމަށް މަސައްކަތްކުރާ ވެކްސިންގެ ތަހުލީލުތަކާގުޅޭ މަޢުލޫމާތުވެސް ފާއިތުވި ހަފުތާގެ ތެރޭގައިވަނީ ދީފައެވެ. ޖަރުމަނުވިލާތުގައި ކުރި ދިރާސާތަކުގައި ބޭނުންކޮށްފައިވަނީ އެޑީނޯވައިރަހުގެ ބަދަލުގައި ރިބޯނިއުކްލެއިކު އެސިޑު، އާރުއެންއޭކިޔާ މާއްދާއެކެވެ. އާރުއެންއޭ މެދުވެރިކޮށް ވައިރަހާ ދެކޮޅަށް ހަށިގަނޑުން އުފައްދަންވީ ޕްރޮޓީނުތަކާބެހޭ އިރުޝާދު ހަށިގަނޑަށް ފޯރުކޮށްދެއެވެ. އެގޮތުން ކޮރޯނާވައިރަހުގެ ބޭރު ފަށަލައިގައި ހުންނަ ޕްރޮޓީނުތަކެއް ހަށިގަނޑުން އުފެއްދުމަށް އެއިން އިރުޝާދު ދެއެވެ. އަދި އެ ޕްރޮޓީނުތަކަކީ ހަށީގަނޑުގެ ދުޝްމަނެއްކަމަށް ދެނެގަތުމަށް އެ ވެކްސިނުން ބުނެދީ އަސްލު ވައިރަހާ ދެކޮޅަށް ހަނގުރާމަކުރުމަށް ދިފާޢީ ނިޒާމަށް އިރުޝާދު ދެއެވެ. އެމެރިކާގެ މޮޑަނާއިން ތައްޔާރުކުރުމަށް މަސައްކަތްކުރަމުންދާ އެމްއާރުއެންއޭއޯ ވެކްސިންގެ ތަހުލީލުތަކުގެ ނަތީޖާއަށް އެ ހޯދުންތަކުން ބާރުދެއެވެ. މޮޑަނާއިން ތައްޔާރުކުރުމަށް މަސައްކަތްކުރާ ވެކްސިނުގައިވެސް ބޭނުންކުރަނީ އާރުއެންއޭއެވެ.

ކޯވިޑް-19ން ރައްކާތެރިވުމަށް ތައްޔާރުކުރާ ވެކްސިންތަކުގެ ތަހުލީލުތަކުން އުންމީދީ ނަތީޖާތަކެއް ފެނުނުނަމަވެސް އެއްވެސް ވެކްސިނެއް ފުރިހަމައަށް ކާމިޔާބުވެ ބަލިން ރައްކާތެރިވުމަށް ބޭނުންކުރެވިދާނެކަމުގެ ޔަޤީންކަން ކަށަވަރުކުރަން އިތުރު ވަގުތު ނަގާނެއެވެ. ވެކްސިންތަކުގެ ކާމިޔާބުކަން ޔަޤީންކުރުމަށް ގިނަ ޢަދަދެއްގެ ތަހުލީލުތަކެއް ކުރަންޖެހޭނެއެވެ. ނަމަވެސް ހަށިގަނޑަށް އިތުރު ގެއްލުންތަކެއް ނުލިބި ދިފާޢީ ނިޒާމުން ކޮރޯނާވައިރަހާ ދެކޮޅަށް މަސައްކަތްކުރުމަށް އެހީތެރިވެދޭ ވެކްސިނެއް އުފެއްދިދާނެކަމުގެ އުންމީދުވަނީ ބޮޑުވެފައެވެ،