މަސްމާރުކޭޓު ހުޅުވާފައި ހުންނަ ވަގުތު ކުޑަވުމުން މަސްވިއްކޭ މިންވަރު މަދުވެ، ގެއްލުންވާކަމަށް މާލޭ މަސްމާރުކޭޓުގައި މަސްވިއްކާ ފަރާތްތަކުން ބުނެފިއެވެ.
މާލޭ މަސް މާރުކޭޓުގައި މަސް ވިއްކާ ފަރާތްތަކުން ބުނީ އެފަރާތްތަކުން ބުނީ ކޯވިޑް-19ގެ ސަބަބުން މަސް ގަންނަން އަންނަ މީހުންގެ އަދަދުވެސް ވަރަށް ބޮޑުތަނުން މަދުވެފައިވާކަމަށެވެ.
ޕީއެސްއެމް ނިއުސްއާއި ވާހަކަ ދައްކަމުން މާލޭ މަސްމާރުކޭޓުގައި މަސްވިއްކާ ފަރާތްތަކުން ބުނީ ކޯވިޑް-19ގެ ފުރަބަންދުގެ ފިޔަވަޅުތައް ލުއިކޮށް، އަލުން މަސްމާރުކޭޓު ހުޅުވާފައިވާއިރު އެތަނުގައި މަސްވިއްކޭ ގަޑިއަކަށް ހަމަޖައްސާފައިވަނީ ހެދުނު 8:00 އިން ފެށިގެން ހަވީރު 5:30ގެ ނިޔަލަށް ކަމަށެވެ. ނަމަވެސް އެވަގުތުކޮޅަކީ ވިޔަފާރިކުރުމަށް އެކަށޭނެ ވަގުތުކޮޅެއް ނޫންކަމަށާއި އެކަމުގެ ސަބަބުން ގެއްލުންވަމުންދާކަމަށެެވެ.
"ކުރީގައި ވިއްކޭވަރަކަށް ނުވިއްކޭ. ކުރީގައި ޓަނެއް، ބާރަސްތޭކަ، އައްސަތޭކަ ކިލޯ މަސްވިކޭ. މިހާރު ހަވީރު 5:30 ވާންވާއިރަށް ބަންދުކުރަންޖެހޭ. 5:30 ވާއިރު ވިކެނީ 250-300 ކިލޯގެ މަސް." މާރުކޭޓުގައި މަސްވިއްކާ މީހަކު ބުންޏެވެ.
"މަސް ގަންނަން އަންނަ މީހުން ވަރަށް ދަށްކޮށްދަނީ. މަސްވިއްކުންވެސް ދަށްވެފައި މިއޮތީ. ކުރީގައި ލޮކްޑައުންގެ ކުރިން ޓަނެއް، 800 ކިލޯ ވިއްކޭ. ނަމަވެސް މިހާރު ގަދަކަމުން މިވިއްކެނީ 150 ކިލޯ މަސް. ވަރަށް ދަށް." މާރުކޭޓުގައި މަސްވިއްކަން ހުރި އެހެން މީހަކުވެސް ބުންޏެވެ.
މާރުކެޓުގައި މަސް ވިއްކާ ފަރާތްތަކުން ބުނި ގޮތުގައި މަސް ވިކޭވަރު މަދުވުމުން މަހުގެ އަގުވެސް ހިފަހައްޓަން ދަތިކަމަށެވެ. އަދި އާޢްމު ފަރާތްތަކުން މަސް ގަންނަ މިންވަރު މަދުއިރު، ރެސްޓޯރެންޓުތަކާއި، ކެފޭތަކުންވެސް މަސް ގަންނަ މިންވަރު މަދުކަމަށާއި އެކަމުގެ ސަބަބުން ގެއްލުންވަމުންދާކަމަށް މަސް ވިއްކާ ފަރާތްތަކުން ބުންޏެވެ.
"ތަންކޮޅެއް މަދު މީހުން އަންނަލެއް. އެހެންވެ މަސްވިކޭލެއް މަދުވީމަ އަގުވެސް ދައްކުރަންޖެހޭ. ކުރީގައި 30 ރުފިޔާއަށް ވިއްކާ މަސް މިހާރު ވިއްކަން މިޖެހެނީ 20-25 ރުފިޔާއަށް." މަސްވިއްކާ މީހަކު ބުންޏެވެ.
މަސް ވިއްކާ ފަރާތްތަކުން ބުނި ގޮތުގައި ސިޓީ ކައުންސިލުން މަސްމާރުކޭޓުގައި އައިސްފޮށި ބަހައްޓާފައި ހުރުމުން މަސް ތާޒާކޮށް ބަހައްޓަން ފުރުސަތު ލިބޭކަމަށެވެ. ނަމަވެސް އިޖްތިމާއީ ގައިދުރުކަން ދަމަހައްޓަން މާރުކޭޓުގެ ބޮޑު ބައެއް ހުސްކޮށް ބާންވަން ޖެހޭތީ މަސް ވިއްކަން ތިބެވޭ މީހުން މަދުވުމުން ގެއްލުންވާކަން އެފަރާތްތަކުން ފާހަގަކުރިއެވެ.
ކޯވިޑް-1 ގެ ސަބަބުން މާލޭ ފުރަބަންދަށް ދިއުމާއިއެކު މަސްމާރުކޭޓު ބަންދުކޮށް، އަލުން ފުރަބަންދުގެ ލުއިތައް ދިނުމުން މާރުކޭޓު ހުޅުވީ މަސް ވިއްކާ ގަޑި ކުޑަކޮށް، އިޖްތިމާއީ ގައިދުރުކަން ދެމެހެއްޓުމަށް މަސް ވިއްކަން ތިބެވޭ މީހުންގެ އަދަދު ދަށްކޮށްފައެވެ.
ޢަލިބެ
މަސް އެކައްޏެއްނޫން ވިކުންމަދުވީ ހުރިހާ އެއްޗެއްވެސް ވިކުންދައް.