ޚަބަރު

ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ނުނިމި 8 އަހަރު، މައްސަލަ މަޖިލީހަށް


ސިފައިންނާއި، ފުލުހުންގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް 2013 ވަނަ އަހަރު މަސައްކަތްފެށި ފްލެޓްތައް މިއަދާހަމައަށްވެސް ނިމިފައިނުވާ މައްސަލަ ބަލައި އެކަމުގައި އަޅަންޖެހޭ ފިޔަވަޅު އެޅުމަށް މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲއެވެ. އޭނާ ހުށަހެޅުއްވި މައްސަލާގައި ވިދާޅުވެ ވަނީ ސިފައިންގެ ކޯޕަރޭޓިވް ("ސިފްކޯ“) އަދި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ ("ޕޮލްކޯ“) މެދުވެރިވެގެން ސިފައިންނާއި ފުލުހުންނަށް ޚާއްޞަކޮށްގެން ސިފައިންނާއި ފުލުހުންގެ ޢާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ހުޅުމާލޭގައި އަޅަމުން ގެންދާ 600 ފްލެޓަކީ 2013 ވަނަ އަހަރުގެ މެދުތެރެއިން ފެށިންގެން ކޮންޓްރެކްޓަރުންނާއި ޙަވާލުކޮށްގެން ތަރައްޤީކުރަމުން އަންނަ ފްލެޓްތައް މިއަދާއި ހަމަޔަށްވެސް ނިމިފައި ނުވާކަމަށެވެ. އަދި ފްލެޓްތަކުގެ މަސައްކަތްދާ ގޮތުން އަވަސް މުއްދައްތެއްގައި އެ ތަންތަން ނިމޭނެ ކަމަށް ނުބެލެވޭކަމަށްވެސް އެ މައްސަލައިގައި ވަނީ ވިދާޅުވެފައެވެ.

މި ފްލެޓްތައް ހަދަމުންގެން ދަނީ ސަރުކާރުން ޚަރަދުކޮށްގެން ނުވަތަ ލޯނު ނަގައިގެން ކަމުގައިވިޔަސް ފްލެޓްތައް ލިބޭ ސިފައިންނާއި ފުލުހުންވެސް މި ފްލެޓްތަކަށް ޑައުން ޕޭމަންޓްގެ ގޮތުގައި ފައިސާ ދައްކައިފައިވާއިރު، ބެލެވޭ ގޮތުން ގިނަ ސިފައިންނާއި ފުލުހުން މި ފައިސާ ދެއްކުމަށްޓަކައި ބޭންކްތަކުން ލޯނު ނަގާފައިވާ އިރު، އެ ފަރާތްތަކަށް މިހާރު ލޯނު ފައިސާ އަނބުރައި ދައްކަންޖެހި އަދި ދިރިއުޅެމުން ގެންދާ ތަނަށް ވެސް ކުލި ދައްކަންޖެހިފައިވުމުން އެ ކަން ވަނީ ބޮޑު ތަކުލީފަކަށްވެ، އެ ސިފައިންނާއި ފުލުހުންނަށް އަދި އެ މީހުންގެ ޢާއިލާތަކަށް ބޮޑު ނިކަމެތިކަމަކާއި ކުރިމަތި ވެފައިވާކަމަށް ޔައުގޫބު ހުށައެޅުއްވި މައްސަލާގައި ވަނީ ވިދާޅުވެފައެވެ.

މި ފްލެޓްތައް ނިންމުމަށްފަހު ޙަވާލުކުރަން ދިން މުއްދަތު އެތައް ފަހަރަކު ލަސްވެ، 24 މަސްދުވަސްތެރޭ ނިންމުމަށް އޮތް މުއްދަތަށް މިހާރު 8 އަހަރު ވެގެން ގޮސްފައިވާއިރު، 2018 ވަނަ އަހަރުގައި ވެރިކަން ބަދަލުވުމަށްފަހުވެސް، މި ފްލެޓްތައް ނިންމުމަށް ތާރީޚެއް ކަނޑައެޅި ނަމަވެސް، އެ މުއްދަތު ފާއިތުވެ ދިޔައިރުވެސް، މި ފްލެޓްތައް ނުނިމުމަކީ ކަންބޮޑުވާކަމެއްކަމަށް މައްސަލާގައި ބުނެފައިވެއެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވި މެމްބަރުން ވަނީ މިމައްސަލަބަލައި މިތަންތަން ނުނިމި ލަސްވާ މައްސަލަ ބަލައި ދިނުމަށް ގޮވާލާފައެވެ. އަދި މިއީ ސަލާމަތީ ބާރުތަކުގައި ހިދުމަތް ދެމުންދާ ދިވެހި ރައްޔިތުންގެ އަސާސީ ހައްޤަކަށްވާއިރު މިކަން ނުނިމި 8 އަހަރުވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށެވެ. އަދި ސިފައިންނާއި ފުލުހުން އަތުން ފައިސާ ނަގައިގެން މިތަން ހަދާފައިވައިރު މިއީ ދައުލަތުގެ ކަމާއި ގުޅުންހުރި ފަރާތްތަކުން ބަލަންޖެހޭ މައްސަލައެއްކަމަށް މެމްބަރުން ވިދާޅުވިއެވެ.

ޔައުގޫބުގެ މައްސަލާގައި ސަރުކާރުން އަދި/ނުވަތަ ޕޮލްކޯ އާއި ސިފްކޯއިން މި ޕްރޮޖެކްޓަށް ފައިސާ ދައްކަމުން ގެންދަނީ ކޮން އުސޫލެއްގެ ދަށުންތޯ އާއި، މަސައްކަތް ނިންމާފައިވާ މިންވަރާ ނުބައްދަލު އަދުދަކަށް ފައިސާ ދޫކޮށްފައިވޭތޯ އަދި ދޫކޮށްފައި ވާނަމަ، އެއީ ކީއްވެތޯ ބެލުމަށްވެސް ހުށަހަޅާފައިވެއެވެ.

ސިފައިންނާއި، ފުލުހުންނަށް ހަވާލުކުރެއްވި މިމަޝްރޫޢުގެ މަސައްކަތް ކޮށްފައި ވަނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި)އާއި އެވެ. އަދި އެކުންފުނިން ވަނީ ޑައުންޕޭމަންޓަށް ބޮޑު އަދަދަކުން ފައިސާ ނަގައި މަސައްކަތް ހަވާލުކުރި ނޫމަޑިއާއިއެކު ވެފައިވާ އެއްބަސްވުން ސަރުކާރުން ވަނީ އުވާލާފައެވެ.

ހައުސިިން ޔުނިޓްތަކެއް އެޅުމަށް ނޫމަޑިއާ އެކު ހެދި އެއްބަސްވުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބާތިލް ކުރި މައްސަލައިގައި ބަދަލަށް 155 މިލިއަން ޑޮލަރު ހޯދަން ނޫމަޑިން އާބިޓްރޭޝަނަށް ހުށަހެޅުމުން ސަރުކާރުން ވަނީ އާބިޓްރޭޝަނުން ބޭރުގައި މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ނޫމަޑި އަށް ދީފަ އެވެ. އެ ފައިސާ އެ ކުންފުންޏަށް މިހާރު ވަނީ ދައްކައިފައެވެ.

ޢިއްސެ

ގެއްލުމުގެ ބަދަލު ލިބޭނެ ކަމަށް އުންމީދު ކުރަން

ފުލެޓް ލިބިފަ ނުލިބިފަ ވާ ސޮރެއް

މީ ހުން އަތުން ސަލާން ޖަ ހާގެން 92000 ރުފިޔާ ދެއްކީ މި ފުލެޓު 2016 ގަ ލިބޭނެ ކަމަށް. އޭރުން ސުރެއް މިއުޅެނީ ކުޔަށް ބޮޑު އަގު ދައްކާގެން. ސިފައިންގެ މި ފުލެޓް ލިބުނު ގިނަ ސިފައިން އުޅެނީ ވަރަށް ހާލުގަ މި ވާ ހަކަ ދައްކާނެ ގޮތެއް ދައްކާނެ ތަނެއް ނޭގެ. ޥަރަށް ދެރަ.