ވިޔަފާރި

މުހިއްމު 5 ޓެކުހެއްގެ ސުންގަޑި ހަމަވާން 2 ދުވަސް


މުހިންމު 5 ޓެކުހެއްގެ ސުންގަޑި އަންނަ ބުރާސްފަތި ދުވަހު ހަމަވާތީ މިކަމަށް ސަމާލުވުމަށް މީރާއިން އިލްތިމާސްކޮށްފިއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ, މީރާއިން ވިދާޅުވީ މާރޗު، އޭޕްރީލް، މޭ އަދި ޖޫންމަހުގެ ނޮން ރެސިޑެންސް ވިތު ހޯލްޑިންގ ޓެކްސްއާއި އެއަރޕޯޓު ޓެކްސް އަދި ފީތައް ދެއްކުމުގެ ސުންގަޑި ބުރާސްފަތިދުވަހު ހަމަވާނެކަމަށެވެ. އަދި މާޗު، އޭޕްރީލް، މޭ އަދި މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ޖީއެސްޓީ ދެއްކުމުގެ ސުންގަޑިވެސް ބުރާސްފަތިދުވަހު ހަމަވާނެކަމަށް މީރާއިން ބުނެއެވެ.

ބުރާސްފަތިދުވަހަށް ސުންގަނޑި ހަމަވާ އެހެން ޓެކްސްތަކުގެ ތެރޭގައި މާރޗު، އޭޕްރީލް އަދި މޭމަހުގެ ގްރީން ޓެކްސް އާއި އޭޕްރީލް، މޭ އަދި ޖޫން މަހުގެ އެމްޕްލޯއީ ވިތު ހޯލްޑިންގ ޓެކްސް ހިމެނެއެވެ.

ކޯވިޑް19އާ ގުޅިގެން މީރާގެ ކައުންޓަރުތައް ބަންދުކޮށްފައިވަނީ އެޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. އަދި މީރާގެ ކައުންޓަރުތަކުން އަލުން ޙިދުމަތްދޭން ފަށާފައިވަނީ މިދިޔަމަހުގެ 5 ވަނަ ދުވަހުއެވެ.

މީރާއިން ވަނީ އެ އިދާރާއިން ބަލައިގަންނަ ހުރިހާ ޓެކުހާއި ފައިސާ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައެވެ. ޓެކުހުގެ އިތުރުން މީރާއަށް ބަލައިގަންނަމުންދާ އެހެނިހެން ފައިސާގެ ތެރެއިން އޮންލައިންކޮށް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިނުވާ ފައިސާވެސް މިހާރު އޮންލައިންކޮށް ދައްކާލެވޭނެއެވެ. މިފަދަ ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޓެކްސް ފިޔަވައި އެހެނިހެން ފައިސާ ބަލައިގަތުމަށް ޙާއްސަކޮށްފައިވާ މީރާގެ "ވާރުޕޭ" މެދުވެރިކޮށެވެ.

ވާރު ޕޭ މެދުވެރިކޮށް މީގެކުރިންވެސް ކުންފުނިތަކުގެ އަހަރީ ފީއާއި، އެއްގަމު އުޅަނދު އަދި ކަނޑު އުޅަނދުގެ އަހަރީ ފީއާއި، ޓްރެފިކްއާއި ގުޅޭގޮތުން ކުރާ ޖޫރިމަނާއާއި، މުދަލު ޒަކާތާއި މިނޫންވެސް ބައެއް ފައިސާ ދިޔައީ ބަލައިގަންނަމުންކަމަށް މީރާއިން ބުނެއެވެ.

މީރާއިން ބަލައިގަންނަ ހުރިހާ ޓެކުހާއި ފައިސާ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމާއި ގުޅިގެން އިޖްތިމާއީ ގައިދުރުކަން އިސްކޮށް މީރާގެ ޙިދުމަތްތައް އޮންލައިންކޮށް ހޯދުމަށް މީރާއިން އިލްތިމާސްކުރެއެވެ.