ޚަބަރު

ރިސޯޓެއް ތަރައްޤީކުރާ ރަށެއްގައި އަނެއްކާވެސް ބިދޭސީން ހަމަނުޖެހުން ހިންގަނީ


ވ އަތޮޅުގައި ތަރައްޤީކުރަމުން ރިސޯޓެއްގައި މަސައްކަތް ކުރާ ބައެއް ބިދޭސީން މަސައްކަތަށް ހުރަސްއަޅާ ހަމަނުޖެހުން ހިންގުމުން ފުޅުހުން އެރަށަށް އަރައިފިއެވެ.

ފުލުހުން ވިދާޅުވީ އެރަށުގައި ބިދޭސީން ހިންގި ހަމަނުޖެހުމުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށެވެ. އެހެންނަމަވެސް އެމީހުންގެ ސްޕައިވައިޒަރު މަސައްކަތް ކުރާ ކޮޓަރިއަށް އެކިވަރުގެ ގެއްލުންދީފައިވާކަމަށެވެ.

އެނގިފައިވާ ގޮތުގައި ބިދޭސީން ހަމަނުޖެހުން ހިންގާފައިވަނީ ވ އަތޮޅުގައި ތަރައްޤީކުރަމުން އަންނަ މޯލްޑިވްސް ކުނާވަށި ރިސޯޓްގައެވެ. ފުލުހުން ވިދާޅުވީ ބިދޭސީންގެ ސްޕޮންސަަރުން އެމީހުންނާއި ވާހަކަ ދައްކަމުން އަންނަކަމަށެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން އެމީހުންނަށް މުސާރަ ނުދޭކަމަށް ބުނެ ކުރަމުން އަންނަ މުޒާހަރާތައް ފަހަކަށް އައިސްވަނީ އިތުރުވެފައެވެ. މިގޮތުން މިމަހުގެ ތިންވަނަ ދުވަހު ބ އަތޮޅުގައި ރިސޯޓް ތަރައްޤީކުރަމުން އަންނަ ބޮޑުފިނޮޅުގައި މަސައްކލަތް ކުރާ ބިދޭސީން ހަމަނުޖެހުން ހިންގާ ދިވެހިންތަކެއް ވަނީ ރަހީނުކޮށްފައެވެ. އަދި އެ ހަމަނުޖެހުން ކޮންޓްރޯލްކުރަން ދިޔަ ފުލުހުންނަށް ހަމަލާދީ ބައެއް ފުލުހުން ޒަހަމްކޮށްލާފައިވެއެވެ. މި މައްސަލާގައި 19 ބިދޭސީއެއް ވަނީ ހައްޔަރުކޮށްފައެވެ. މި އެންމެންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ ދެފަހަރެއްގެ މަތިން އިތުރުކޮށްދީފައެވެ.

މީގެއިތުރުން މުސާރަ ނުލިބިގެން އައިލެންޑް އެކްސްޕާޓުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ބިދޭސީން ކުރި އިހުތިޖާޖުގައި، ފުލުހުންނާއި ކުރިމަތިލައި ހަމަނުޖެހުން ހިންގާ ފުލުހުންގެ ބައެއް ތަކެއްޗަށް ވަނީ ގެއްލުން ދީފައެވެ. މި މައްސަލާގައި 41 ބިދޭސީއަކު ހައްޔަރުކޮށްފައެވެ. އަދި އެމީހުންގެ ބަންދުގެ މުއްދަތަށް 15 ދުވަސް ކްރިމިނަލްކޯޓުން ވަނީ އިތުރުކޮށްދީފައެވެ.