ވިޔަފާރި

ތްރީޖީގެ ހިދުމަތް މިއަހަރު ނިމުމުގެ ކުރިން މުޅި ރާއްޖެއަށް


މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ތްރީޖީގެ ޚިދުމަތް ދޭނެ ކަމަށް ދިރާގުން ބުނެފިއެވެ. ދިރާގް ހެޑް އޮފީހުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ދިރާގުގެ އެސިސްޓެންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް އިމްޖާދު ޖަލީލު ވިދާޅުވީ، ތްރީޖީގެ ޚިދުމަތް ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަށް މިހާރުވެސް އެކި ސަރަހައްދުގައި ޓީމްތައް ހަރަކާތްތެރިވަމުންދާކަމަށާއި، މިހާރުވެސް ބޮޑުބަޔަކަށް ޚިދުމަތް ލިބޭނެ ކަމަށެވެ. މީގެ އިތުރުން ދިރާގުން ވަނީ މިހާރު އެކުންފުނިން ދެމުން އަންނަ މޮބައިލް ބްރޯޑްބޭންޑްގެ ޑޭޓާ ޕްލޭންސްތަކަށް ބައެއް ބަދަލުތައް ގެނެސް އާ ޕެކޭޖްތަކެއް ތައާރަފްކޮށްފައެވެ. އިމްޖާދު ވިދާޅުވީ، ދިރާގުން މިހާރު ދެމުން އަންނަ ޑޭޓާ ޕްލޭންސް ތަކުގެތެރެއިން ބައެއް ޕްލޭންތަކުގެ އަގު ހެޔޮވެ ބައެއް ޕްލޭން ތަކުންލިބޭ ޑޭޓާ އެލަވަންސް އިތުރުކޮށްފައިވާނެ ކަމަށާއި، ކުރިން އޮން އަންލިމިޓެޑް ޕެކޭޖްގެ ބަދަލުގައި 3 ޖީބީ އާއި 5 ޖީބީގެ އާ ދެ ޕެކޭޖް ތައާރަފް ކޮށްފައިވާ ކަމަށެވެ. ދިރާގުން މިހާރު ދެމުން އަންނަ މޮބައިލް ބްރޯޑްބޭންޑް ޑޭޓާ ޕްލޭންސްގެ ތެރެއިން 500 އެމްބީ އިން ފެށިގެން 100 ޖީބީއާ ހަމައަށް ޑޭޓާ އެލަވަންސް ލިބެއެވެ.