ޚަބަރު

ދަރަވަންދޫގައި އެމަޖެންސީ މެޑިކަލް ސެންޓަރެއް ޤާއިމް ކުރަން ބަޔަކާ ޙަވާލުކޮށްފި


ބ.ދަރަވަންދޫގައި އިމަޖެންސީ މެޑިކަލް ސެންޓަރެއް ޤާއިމް ކުރުމަށް އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ މިއަދު ހަވާލުކޮށްފިއެވެ. މިޕްރޮޖެކްޓަކީ އިންޑިޔާ ސަރުކާރުގެ އެހީއާއި ދިވެހި ސަރުކާރުން ޚަރަދު ކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮޖެކްޓެކެވެ.

މި މަޝްރޫޢުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީނެވެ. އަދި އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުއްލަޠީފެވެ.

8 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ މަސައްކްތްކޮށް 200 ދުވަހުގެ ތެރޭ ނިންމަންޖެހެއެވެ.

މި މަޝްރޫޢުއަށް އިންޑިޔާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ހަތްމިލިޔަން ހަތަރުސަތޭކަ ފަސްދޮޅަސް ނުވަ ހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ އައްޑިހަ ނުވަލާރި އަދި ދިވެހި ސަރުކާރުގެ ބަޖެޓުން ނުވަ ލައްކަ އައްޑިހަ ހާސް އަށް ސަތޭކަ ތިރީސް ރުފިޔާ ފަސްލާރި ޚަރަދު ކުރާކަމަށް ހެލްތް މިނިސްތްރީން ވިދާޅުވެއެވެ.

ބ.ދަރަވަންދޫގައި ހެލްތު ސެންޓަރުގައި އެމަޖެންސީ ފަރުވާދޭ ބައެއް ހެދިފައި ނެތުމުގެ ސަބަބުން ޢިމަޖެންސީގައި ފަރުވާދޭން ޖެހޭ މީހުންނަށް ފަރުވާ ދިނުމުގައި ވަރަށް ބޮޑަށް ދަތިވެއެވެ.

އަދި ބ.އަތޮޅަކީ ގިނަ ޢަދަދެއްގެ ރިސޯޓް ހިމެނޭ އަތޮޅަކަށް ވުމާއި، ދަރަވަންދޫގައި ޑޮމެސްޓިކް އެއަރޕޯރޓެއް އޮތުމުން އިމަޖެންސީގައި ފަރުވާ ދޭން ޖެހޭ ފަރާތް ތަކަށް މިހާރު ދިމާވާ ދަތި މިޢިމާރާތް ހެދުމުން ޙައްލުވެ ޚިދުމަތް ދިނުމުގައި ވަރަށް ބޮޑަށް ފަސޭހަ ވެގެން ދާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި މަޝަރޫއުގެ ދަށުން ދަރަވަންދޫ ޞިއްޙީ މަރުކަޒުގައި ފުލްފްލެޖް އިމަޖެންސީ ސެންޓަރަކާއި، ޓްރެއިނިން ދެވޭނެ ފެސިލިޓީސް އަކާއި، އޮފީސް ޖާގަ އިތުރުވެގެން ދާނެކަމަށްވެސް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.