ޚަބަރު

ޤައިދީންގެ ރިހިބިލިޓޭޝަން ޕްރޮގްރާމްތައް އޮންލައިންކޮށް

ދީނީ ގޮތުން ކަންކަން އޮޅުން ފިލުވައިދިނުމަށް ޤައިދީންނަށް ކުރިއަށްގެންދާ ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ދަށުން މިހާތަނަށް އޮންލައިންކޮށް 12 ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން ކުރިއަށްގެންދާ ރިހެބިލިޓޭޝަން ޕްރޮގްރާމެކެވެ.

ރިހެބިލިޓޭޝަން ފްރޭމްވޯރކްގެ ތެރެއިން އެކި މަރުހަލާތަކުގައި ޤައިދީންގެ ހިތުގައި ދީނީ ކަންތައްތަކަށް ލޯބިޖެއްސުމަށާއި ދީނީ ކަންތައްތަކަށް އަހުލުވެރިކުރުވުމުގެ ގޮތުން ކުރިއަށް ގެންދާ ދީނީ ދަރުސްތަކާއި، ދީނީ ކައުންސެލިންގެ ޚިދުމަތް ޤައިދީންނަށް ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް ގެންދާ މި ޕްރޮގްރާމް ކޯވިޑް-19 އާ ގުޅިގެން މެދުކަނޑާލުމަށްފަހު އޮންލައިންކޮށް ކުރިޔަށް ގެންދަން ފެށީ މިމަހުގެ 5 ވަނަ ދުވަހުން ފެށިގެންނެވެ.

ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 10:00 އިން 11:00 އަށް އޮންލައިންކޮށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ޤައިދީންނަށް ދީނީ ދަރުހާއި ފިލާވަޅުތައް ނަންގަވައި ދެއްވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވާޢިޡުންނެވެ. މިގޮތަށް ކުރިއަށް ގެންދާ ދީނީ ފިލާވަޅުތަކާއި ދަރުސްތަކުގައި ހިމެނެނީ، އިސްލާމީ ޢަޤީދާ އާއި ފިޤުހާއި މުޢާމަލާތާއި އަޚްލާޤު ބައިތަކެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކުގައި ކުރިއަށް ގެންދާ ރިހެބިލިޓޭޝަން ޕުރޮގުރާމަކީ ދިވެހިރާއްޖޭގެ ޖަލުތަކާއި ބެހޭ ޤާނޫނުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް ހިންގުމަށް ލާޒިމްކުރާ ޙަރަކާތްތަކެއްގެ މައްޗަށް ބިނާކޮށް ހިންގާ ޕުރޮގުރާމެކެވެ. މި ޕުރޮގްރާމު ކުރިއަށް ގެންދިއުމުގެ މަޤްސަދަކީ ޙުކުމް ތަންފީޛު ކުރުމަށް ޖަލުގައި ބަންދުކުރެވޭ ޤައިދީން އަނބުރާ މުޖުތަމަޢަށް ނެރުމުގެ ކުރިން އެ މީހުންނަކީ މުޖުތަމަޢު ބަލައިގަންނަ، ބޭނުންތެރި ބަޔަކަށް ހެދުމާއި، އެމީހުން މުޖުތަމަޢުއަށް ނިކުތުމަށްފަހުގައި އަމިއްލަ ދިރިއުޅުން ބިނާކުރުމަށް ބޭނުންވާނެ ޢިލްމާއި ފަންނާއި ހުނަރު ދަސްކޮށްދިނުންކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.