ޚަބަރު

އިންޑިޔާއާއި ނޭޕާލުގައި ފެންބޮޑުވެ 4 މިލިއަން މީހުންގެ ގެދޮރު ގެއްލިއްޖެ


މޫސުމީ ބޯވާރޭގެ ސަބަބުން ކުރިމަތިވި ފެންބޮޑުވުމުގެ ޙާދިޘާތަކުގައި އިންޑިޔާއާއި ނޭޕާލުގެ 4 މިލިއަނަށްވުރެ ގިނަ މީހުންގެ ދެގޮރު ގެއްލިއްޖެއެވެ.

ޓިބެޓާއި އިންޑިޔާއާއި ބަންގްލަދޭޝުގެ ސަރަޙައްދުތަކުން ދަތުރުކުރާ ބްރާހިމަޕުތުރާ ކޯރުގެ ފެންގަނޑުވަނީ ބޯވާރޭގެ ސަބަބުން ވަރަށް ބޮޑަށް އުފުލި ބަންޑުންވެފައެވެ. ރަސްމީ އިދާރާތަކުން ބުނީ އެ ޙާދިޘާތަކުގެ ސަބަބުން ގިނަ ޢަދަދެއްގެ ދަނޑުބިންތައް ހަލާކުވެ، ޗަކަފޭބުމުގެ ނުރައްކާތެރި ޙާދިޘާތައް ކުރިމަތިވެފައިވާކަމަށެވެ. އެ ހާދިޘާތަކުގެ ސަބަބުން އެތައް މިލިއަން މީހުންގެ ގެދޮރު ގެއްލުމުގެ އިތުރުން 189 މީހުން މަރުވެ، ގިނަ ޢަދަދެއްގެ މީހުންވަނީ ގެއްލިފައެވެ.

މެއި މަހުން ފެށިގެން 30 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިޔާގެ އައްސާމުގައި 2.75 މިލިއަން މީހުންގެ ގެދޮރުވަނީ ގެއްލިފައެވެ. އެ ޙާދިޘާތަކުގައި 79 މީހުންވަނީ މަރުވެފައެވެ. ކޯވިޑް-19ގެ ސަބަބުން މިހާރުވެސް ޙާލަތު ގޯސްވެފައިވާ އައްސާމުގެ ފެނާބެހޭ ވަޒީރު ކޭޝަބް މަހަންތާ ވިދާޅުވީ ހުރިހާ ކޯރެއްގެ ފެންގަނޑުގެ އުސްމިން ހުރީ އިންޒާރުގެ މިންވަރަށްވުރެ މަތީގައިކަމަށެވެ. އޭގެ ސަބަބުން ވަރަށް ނުރައްކާތެރި ޙާލަތެއް ކުރިމަތިވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އައްސާމުގެ 33 ޑިސްޓްރިކްޓުގެ ތެރެއިން 25 ޑިސްޓްރިކްޓަށްވަނީ ފެންބޮޑުވުމުގެ އަސަރުކޮށްފައެވެ.

ނޭޕާލުގެ ދެކުނުގެ ބައެއް ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުން ސަމާލުވެ ތިބުމަށް އެ ޤައުމުގެ ސަރުކާރުންވަނީ އިލްތިމާސްކޮށްފައެވެ. ފަރުބަދަމަތީ ޤައުމެއްގެ ގޮތުގައި އުފެދިފައި އޮންނަ ނޭޕާލަށް ކުރިއަށް އޮތް ދުވަސްތަކުގައި މޫސުމީ ބޯވާރޭގެ އަސަރު ވަރަށް ބޮޑަށް ކުރާނެކަމަށް ބެލެވޭކަމަށް ސަރުކާރުންވަނީ ބުނެފައެވެ.

ޖޫން މަހުން ފެށިގެން ނޭޕާލުގައި ހިނގާފައިވާ ނުރައްކާތެރި ޙާދިޘާތަކުގައި 100އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. ގޭގެއާއި މަގުތަކާއި ފާލަންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށާއި ގިނަ ޢަދަދެއްގެ މީހުން ޒަޚަމްވެފައިވާކަމަށް އެ ޤައުމުން ބުނެއެވެ. އެ ޤައުމުގެ 77 ޑިސްޓްރިކްޓުގެ ތެރެއިން 26 ޑިސްޓްރިކްޓުގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ މީހުންގެ ގެދޮރު ގެއްލިފައިވާކަމަށް އެ ޤައުމުން ބުނެއެވެ. ގިނަ ޢަދަދެއްގެ މީހުން ގެއްލުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި މަރުވި މީހުންގެ ޢަދަދު އިތުރުވާނެކަމަށް ބެލެވޭކަމަށް ނޭޕާލުގެ ދާޚިލީ ވުޒާރާއިން ބުނެއެވެ.

މޫސުމީ ބޯވާރޭގެ ސަބަބުން ކޮންމެ އަހަރެއްގެ ޖޫން މަހުން ފެށިގެން ސެޕްޓެންބަރު މަހާ ދެމެދު ފެންބޮޑުވުމުގެ ގިނަ ޙާދިޘާތަކެއް ނޭޕާލާއި އިންޑިޔާގެ އައްސާމު އަދި ބިހާރު ސްޓޭޓަށް ކުރިމަތިވެއެވެ.