ޚަބަރު

އުނގޫފާރު އިސްލާމީ މަރުކަޒުގައި ލަރނިންގ ސެންޓަރއެއް ޤާއިމުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި


ރ. އުނގޫފާރު އިސްލާމީ މަރުކަޒުގައި ލަރނިންގ ސެންޓަރެއް ޤާއިމުކުރުމާއި ބެހޭގޮތުންނާއި، އިސްލާމިކް މިނިސްޓަރާއި އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރއާ މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުވުމަކީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އިން ރ. އުނގޫފާރު އިސްލާމީ މަރުކަޒުގައި ލަރނިންގ ސެންޓަރއެއް ޤާއިމުކުރުމާއި ބެހޭގޮތުންނާއި، ކީރިތި ޤުރުއާނާއިބެހޭ ޤައުމީ މަރުކަޒުގެ މަސައްކަތްތަކާއި ބެހޭގޮތުންނާއި އަދި ކިންގ ސަލްމާން މިސްކިތުގެ ކަންކަމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުވުމުގެ ވާހަކަދައްކަވަމުން ޑރ.އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ އިސްލާމިކް މިނިސްޓްރީ އާއި މިނިސްޓްރީގެ މުވައްޒަފުންގެ ކުރިއެރުމަށް އިސްލާމީ ޔުނިވަސިޓީ އަކީ ވަރަށް މުހިއްމު ތަނެއްކަމަށެވެ. މިގޮތުން އިމާމުން ތަމްރީނު ކުރުމަށް އިސްލާމީ ޔުނިވަރސިޓީގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މި ފުރުޞަތުގައި އައިޔޫއެމްގެ ފަރާތުން މިނިސްޓްރީއަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އެކަމަށް މިނިސްޓަރ ވަނީ ޝުކުރު ދަންނަވާފައެވެ.

ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ.އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވި ގޮތުގައި އިސްލާމީ ޔުނިވަރސިޓީގެ މަސައްކަތްތައް ފުޅާކުރުމުގެ ގޮތުން ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރިއަށްދާކަމުގައި ވިދާޅުވިއެވެ. މިގޮތުން ރ.އުނގޫފާރު އިސްލާމީ މަރުކަޒުގައި ލާރނިން ސެންޓަރެއް ޤާއިމްކުރުމަކީ ވަރަށް މުހިއްމުކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ކަންކަން ހަރުދަނާކޮށް ހަރުދަނާ ނިޒާމެއްގެ ދަށުން ހިންގުމާއި އަދި ކިންގް ސަލްމާން މިސްކިތުގައި އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން އަދާކުރެވިދާނެ ދައުރަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވެއެވެ.

މިނިސްޓްރީން މިސްކިތްތަކުގެ އިމާމުން ތަމްރީނުކުރުމަށް ނިންމާފައިވުމާއި އެކު، އައިޔޫއެމްގައި އިމާމުންނަށް ޑިގްރީ ފެންވަރަށް ކިޔަވައިދިނުމަށް ހަމަޖައްސަންޖެހޭ މަސައްކަތްތަކުގެ ވަރަށް ބޮޑު ބައެއް ނިމިފައިވާ ކަމަށް ޑރ.އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވިއެވެ. އަދި މިފަދަ ތަމްރީނުތަކަށް އައިޔޫއެމްގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން މިނިސްޓަރަށް ވަނީ ދެއްވާފައެވެ.