ޚަބަރު

ކޯވިޑް-19އަށް ތަހުލީލުކުރާ މިންވަރު ބަންގްލަދޭޝުގައި ވަރަށް ބޮޑަށް ދަށަށް


ކޯވިޑް-19އަށް ތަހުލީލުކުރާ މިންވަރު ބަންގްލަދޭޝުގައި ވަރަށް ބޮޑަށް ދަށަށް ގޮސްފިއެވެ.

ޖޫން މަހުގެ ތެރޭގައި ބަންގްލަދޭޝުގައި ދުވާލަކު 18،000 މީހުން ކޯވިޑް-19އަށް ތަހުލީލުކުރިއެވެ. ނަމަވެސް ފާއިތުވި ދެ ހަފުތާގެ ތެރޭގައި އެ ޢަދަދުވަނީ 10،000އަށް ދަށަށް ގޮސްފައެވެ. ތަހުލީލުކުރާ މިންވަރު ދަށްވެފައިވަނީ ތަހުލީލު ނުކޮށް ބަލި ނުޖެހޭކަމަށް ބުނެ އެތައް ހާސް ބަޔަކަށް ބަންގްލަދޭޝުގެ ބައެއް ހަސްފަތާލުތަކާއި ތަހުލީލުކުރާ މަޒުކަޒުތަކުން ލިޔުންދިންކަން ހާމަވެފައިވާ ދަނޑިވަޅެއްގައެވެ.

ބަންގްލަދޭޝުގެ ޞިއްޙަތާބެހޭ ވުޒާރާގެ ތަރުޖަމާނެއްކަމަށްވާ ނަސީމާ ސުލްޠާން ވިދާޅުވީ ބަލިމަޑުކަމާމެދު މީހުން މިހާރު ޖެހިލުންނުވާކަމަށެވެ. މޫސުމީ ބޯވާރޭގެ ސަބަބުން ދަތިތަކަކާ ޢާންމުންނަށް ކުރިމަތިލާންޖެހުމުން 2.40 އެމެރިކާ ޑޮލަރު ޚަރަދުކޮށްގެން ކޯވިޑް-19އަށް ތަހުލީލުކުރުންވަނީ ގިނަ ޢަދަދެއްގެ މީހުންނަށް ދަތިކަމަށްވެފައިކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ކަރަންޓީނު ކޮށްފާނެކަމުގެ ބިރަށް ތަހުލީލުކުރަން ބޭނުންނުވާ ގިނަ ޢަދަދެއްގެ މީހުން ތިބިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޯވިޑް-19ގެ ސަބަބުން ބަންގްލަދޭޝުގައި މަރުވާ މީހުންގެ ޢަދަދު ވަރަށް ދަށެވެ. އެ ޤައުމުގައި މަރުވާ މީހުންގެ ނިސްބަތަކީ ބަލި ޖެހޭ މީހުންގެ 1.28 އިންސައްތައެވެ. އޭގެ ސަބަބުން ތަހުލީލުތަކުގެ ނަތީޖާތަކުގެ ސައްޙަކަމާމެދު ސުވާލު އުފެދުމުގެ އިތުރުން ބަލީގެ ޢަލާމާތްތައް ފެންނަ ގިނަ ޢަދަދެއްގެ މީހުން ބައްޔަށް ތަހުލީލުނުކޮށް ގޭގައި މަޑުކުރަމުންދާކަމުގެ ކަންބޮޑުވުންވަނީ އިތުރުވެފައެވެ.

ތަހުލީލުކުރުމުގައި މަކަރު ހަދާފައިވާތީ ދެ ހަސްފަތާލަކާއި ތަހުލީލު މަރުކަޒެއްވަނީ ބަންދުކޮށްފައެވެ. ޢާންމު ބަލިތަކާބެހޭ މާހިރެއްކަމަށްވާ މުޒާހިރުލްޙައްޤު ވިދާޅުވީ ބައްޔަށް ތަހުލީލުކުރުމުގައި ބައެއް މަރުކަޒުތަކުން މަކަރުހަދާތީ ތަހުލީލުތަކާމެދު ޢާންމުންގެ އިތުބާރު ގެއްލިފައިވާކަމަށެވެ. އެ ހާދިސާތަކުގެ ސަބަބުން އެހެން ހަސްފަތާލުތަކުގެ ތަހުލީލުތަކާމެދު ސުވާލު އުފެދި ތަހުލީލުކުރުމަށް ގިނަ ޢަދަދެއްގެ މީހުން ޖެހިލުންވެފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ތަހުލީލުކުރުން އިތުރުކުރުން ވަރަށް މުހިންމުކަމަށާއި އެ ނޫންގޮތަކަށް އެ ޤައުމުގައި ބަލި ފެތުރިފައިވާ ހަޤީޤީ މިންވަރު ދެނެނުގަނެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

168 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބަންގްލަދޭޝުގައި މިހާތަނަށް 204،525 މީހުންނަށް ކޯވިޑް-19 ޖެހި، 2،618 މީހުންވަނީ މަރުވެފައެވެ. ބަލި ޖެހިފައިވާ މީހުންނާއި ބަލީގައި މަރުވި މީހުންގެ ހަޤީޤީ ޢަދަދުތައް ރަސްމީ ޢަދަދުތަކަށްވުރެ އެތައް ގުނައެއް އިތުރުވާނެމަށް ކަމާބެހޭ މާހިރުން ޤަބޫލުކުރެއެވެ.