އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ޚިޔާނާތުގެ ދަޢުވާއާގުޅޭ ޝަރީޢަތުގެ އަޑުއެހުން އަންނަ ޖަނަވަރީ މަހަށް ތާވަލުކޮށްފިއެވެ. މިއީ އިސްރާއީލުގައި ބޮޑުވަޒީރުކަމުގެ މަޤާމުގައި ހުންނެވި ބޭފުޅަކާ ދެކޮޅަށް ދަޢުވާކޮށް، ޝަރީޢަތަށް ހާޒިރުކުރެވޭ ފުރަތަމަ ފަހަރެވެ.
މުއްސަނދި ވިޔަފާރިވެރިން ދީފައިވާ ހަދިޔާ ޤަބޫލުކުރައްވާފައިވާކަމުގެ ތުހުމަތުކުރެވޭ ނަތަންޔާހޫއާ ދެކޮޅަށް ކޮރަޕްޝަނުގެ ދަޢުވާކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. ނަތަންޔާހޫއާ ދެކޮޅަށް ރަސްމީކޮށް ޝަރީޢަތް ފަށައިފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގައި ޤުދުސްގެ ޑިސްޓްރިކްޓު ކޯޓުގައެވެ. އެ އަޑުއެހުމުގައި އޭނާއާ ދެކޮޅަށް ކުރާ ރިޝްވަތާއި އޮޅުވާލުމާއި މަކަރުހެދުމާއި ޚިޔާނާތުގެ ތުހުމަތުތަކަށް ނަތަންޔާހޫވަނީ އިންކާރުކުރައްވާފައެވެ.
ޖުލައި މަހުގެ 19ވަނަ ދުވަހު ބޭއްވި އަޑުއެހުމެއްގައި ނަތަންޔާހޫގެ ވަކީލުންވަނީ ޝަރީޢަތަށް ތައްޔާރުވުމަށް 6 މަސް ދުވަހުގެ މުހުލަތެއް ދިނުމަށް ކޯޓުގައި އެދިފައެވެ. ކޯވިޑް-19 ފެތުރޭތީ މާސްކު އެޅުން ލާޒިމުކޮށްފައިވާ ދަނޑިވަޅެއްގައި ހެކިވެރިންގެ ހެކިބަސް ނެގުމުގައި ހުރަސްތަކެއް ދިމާވާކަމަށް ވަކީލުންވަނީ ބުނެފައެވެ. ކޯޓުން ނިންމީ ޖަނަވަރީ މަހު ޝަރީޢަތް ފަށައި ހަފުތާއަކު ތިން ދުވަހު އަޑުއެހުންތައް ބާއްވައި ހެކިންގެ ހެކިބަސް ނެގުމަށެވެ. އެ އަޑުއެހުންތަކަށް ބޮޑުވަޒީރު ނަތަންޔާހޫ ހާޒިރުވެވަޑައިގަންނަވަން ޖެހޭކަމެއް އަދި ސާފެއް ނުވެއެވެ.
ރިޝްވަތުގެ ދަޢުވާ ނަތަންޔާހޫގެ މައްޗަށް ސާބިތުވެއްޖެނަމަ ގިނަވެގެން 10 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އަންނާނެއެވެ. އަދި މަކަރުހެދުމާއި ޚިޔާނާތުގެ ދަޢުވާތައް ސާބިތުވެއްޖެނަމަ ތިން އަހަރުގެ ޖަލު ޙުކުމެއް އައުން އެކަށީގެންވެއެވެ.