ޚަބަރު

މުއިވެޔޮދޮށު މައިޒާން ތަރައްޤީ ކުރުމަށް ސްޓެލްކޯއާއި ހަވާލުކޮށްފި


މުއިވެޔޮދޮށު މައިޒާން ތަރައްޤީ ކުރުމަށް ސްޓެލްކޯއާއި ހަވާލުކޮށްފިއެވެ.މިމައިޒާން ތަރައްޤީ ކުރާއިރު ޖުމްހޫރީ ބިނާވެސް އެތަނަށް ބަދަލުކުރަން ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓްރީން މަޢްލޫމާތު ދެއްވައެވެ.މި މަސައްކަތް ސްޓެލްކޯއާއި ހަވާލުކުރުމަށް މިއަދު ސްޓެލްކޯގައި އޮތް ރަސްމިއްޔާތުގައި ހައުސިން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒުއެވެ. އަދި ސްޓެލްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުއް ޝުކޫރުއެވެ.މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މުއިވެޔޮ ދޮށު މައިޒާން ތަރައްޤީ ކުރުމަކީ މާލެ ތަރައްޤީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ޕްލޭންގެ ދަށުން ކުރައްވާ މަސައްކަތެއްކަމަށެވެ.މި މަސައްކަތުގެ ދަށުން މިހާރު އެތަނުގައި ޕާކެއްގެ ސިފައިގައި އޮތް ބުރު އަލުން ޑިޒައިންކޮށް އަލުން ތަރައްޤީ ކުރާއިރު އެޕާކަށް ޖުމްހޫރީ ބިނާވެސް ބަދަލުކުރެވިގެންދާނެކަމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޖުމްހޫރީ ބިނާ މުއިވެޔޮދޮށު މައިޒާނަށް ބަދަލުކުރާއިރު ބިނާގެ ސްޓޭންޑް ބަދަލުކޮށް ބޮޑު ބަދަލެއް ފެންނާނެކަމަށެވެ. އަދި މި ޕާކް ތަރައްޤީކުރުމަށް ޑިޒައިންކޮށްފައިވަނީ މިހާރު އެތަނުގައި ހުރި ބޮޑެތި ގަސްތައް ހިމަނައިގެންކަމަށާއި މިތަން ހުޅުވޭއިރު އިށީންނާނެ ގޮނޑިއާއި، ކުޑަ ކުދިންނަށް ކުޅެ އުޅެވޭނެ ގޮތަކަށް އެތަން ތަރަށްޤީކުރެވިގެންދާނެކަމަށެވެ. އަދި މިގޮތަށް މިތަން ތަރައްޤީ ކުރެވިގެން ދިއުމުން މުޅި ސަރަހައްދަށް އާ ދިރުމެއް އަންނާނެކަމަށާއި ރައީސުލް ޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ މާލެއަކީ ހުރިހާ ރައްޔިތުން ހިތްހަމަޖެހިލައިގެން އުޅެވޭ މާހައުލަކަށް ހެދުން ކަމަށް މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަބްދުއް ޝުކޫރު ވިދާޅުވީ، ސްޓެލްކޯއިން މި ޕާކް ތަރައްޤީ ކުރާނީ ކޮންޓްރެކްޓް އުސޫލުން ބަޔަކާއި ހަވާލުކޮށްގެންކަމަށާއި އަންނަ އޮކްޓޫބަރ މަހުގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެކަމަށް އުންމީދު ކުރައްވާކަމަށެވެ.މުއިވެޔޮދޮށު މައިޒާން ތަރައްޤީ ކުރުމަށް ސްޓެލްކޯއާއި ހަވާލުކުރީ އެއްވެސް އަގަކާ ނުލާކަމަށްވެސް ހައުސިން މިނިސްޓްރީން މައުލޫމާތުދެއްވައެވެ.