ވިޔަފާރި

ހާފިޒް : ލިޔެލާޖެހުމުގައި ކުޅަދާނަ ޒުވާނެއް


ބ. އަތޮޅު ތުޅާދޫއޭ ބުނުމުން އެންމެ ފުތަރަމަވެސް ހިތަށް އަންނާނީ ލިޔެލާޖެހުމުގެ މަސައްކަތެވެ. މިއީ އަތްތެރި މަސައްކަތަށް ކުޅަދާނާ ބަޔަކު ދިރިއުޅޭ ރަށެކެވެ. އަދި ލިޔެލާޖެހުމުގެ މަސައްކަތް އެރަށު މީހުން ކުރަމުން އަންނަތާ ގިނަ އެތައް އަހަރެއް ވަނީ ވެފައެވެ.

ތުޅާދޫގައި ލިޔެލާޖެހުމުގެ މަސައްކަތުގައި ގިނައިން ޝާމިލްވެ އުޅެނީ އެރަށުގެ ހަރު އުމުރުފުރާގެ މީހުންނެވެ. ނަމަވެސް ބ. ތުޅާދޫ، ފިނިވާދީ އުމުރުން 30 އަހަރުގެ ހާފިޒް އަބްދުލް ރަހީމްއަކީ މި މަސައްކަތް ތުޅާދޫގައި ކުރަމުން އަންނަ މަދު ޒުވާނުންގެ ތެރޭގައި ހިމެނޭ އެކަކެވެ.

ހާފިޒްގެ ލިޔެލާޖެހުމުގެ ދަތުރު ފެށީ ސްކޫލް ނިންމާލުމަށްފަހު އޭނާގެ އުމުރުން އެންމެ 18 އަހަރުގައެވެ. ލިޔެލާޖެހުމުގެ މަސައްކަތް ފެށުމަށްފަހު 3 އަހަރުފަހުން އެކަށީގެންވާ އާމްދަނީއެއް މި މަސައްކަތުން ލިބެމުން ނުދާތީ އޭނާވަނީ ލިޔެލާޖެހުމުގެ މަސައްކަތް ދޫކޮށްލުމަށްފަހު ރިސޯޓް ވަޒީފާގެ މާހައުލަށް ނިކުމެފައެވެ. އެއަށްފަހު ރިސޯޓްގައި ދުވަސްކޮޅެއް ހޭދަކުރުމަށްފަހު އަނެއްކާވެސް ލިޔެލާޖެހުމުގެ މަސައްކަތަށް އޭނާ ނިކުތެވެ.

"ސްކޫލް ނިންމާލިގޮތައް އުމުރުން 18 އަހަރުގައި މި މަސައްކަތްކުރަންފެށީ. 3 އަހަރުކޮށްފައި ދެން ދިޔައީ ރިސޯޓަކަށް އެއިރު އެހާ ރަނގަޅު އާމްދަނީއެއް ނުލިބޭތީ. ރިސޯޓުގައި ގާތްގަނޑަކަށް 3 އަހަރެއްހާ ދުވަހެއްކޮށްފައި ދެން އައިގޮތަށް މިއުޅެނީ މިމަސައްކަތުގައި." ހާފިޒް ބުންޏެވެ.

ލިޔޭލާޖެހުމުގެ މަސައްކަތުގައި މިއަދު ހާފިޒްއަކީ ހުނަރުވެރި ޒުވާނެކެވެ. ތުޅާދޫގައި މި މަސައްކަތްކުރާ އެންމެ ޒުވާން މީހަކީވެސް އޭނާއެވެ. ހާފިޒްގެ ލިޔެލާޖެހުމުގެ މަސައްކަތުގައި އުޅޭތާ މިހާރު 8 އަހަރު ވަނީއެވެ.

ލިޔެލާޖެހުމުގެ މަސައްކަތުން އޭރު ރަނގަޅު އާމްދަނީއެއް ނުލިބުނު ނަމަވެސް މިހާރު މި މަސައްކަތުން ރަނގަޅު އާމްދަނީއެއް ލިބޭކަމަށް އޭނާ ބުންޏެވެ. އެވްރެޖްކޮށް މަހެއްގެ މައްޗަށް ލިޔެލާޖެހުމުގެ މަސައްކަތުން ގާތްގަނޑަކަށް 14000 ރުފިޔާ ލިބޭކަމަށް އޭނާ ބުނެއެވެ. ރަށުގައި ލިޔެލާޖެހުމުގެ މަސައްކަތްކުރާ މީހެއްގެ ކައިރީގައި މުސާރައަށް މި މަސައްކަތްކުރުމަށްފަހު ލިބޭ ހުސްވަގުތުގައި އަމިއްލަގޭގައިވެސް އޭނާ މިހާރު އަންނަނީ ލިޔެލާޖެހުމުގެ މަސައްކަތްކުރަމުންނެވެ.

ހާފިޒްގެ ހުނަރުން އޭނާ އަންނަނީ ލިޔެލާޖަހައިގެން ތަފާތު ތަކެތި ތައްޔާރުކުރަމުންނެވެ. ހާފިޒްގެ ލިޔެލާޖެހުމުގެ މަސައްކަތުގެ ތެރެއިން އަޅުގަނޑުގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަތީ ލިޔެލާޖަހައިގެން އޭނާ ދާދިފަހުން ތައްޔާރުކޮށްފައިވާ ކެމެރާ ލެންސްއެއްގެ މަތިގަނޑަކަށެވެ. ވަރަށް ގިނަ ބަޔަކަށް މިއުފެއްދުން ވަނީ ކަމުގޮސްފައެވެ.

މި މަސައްކަތާއި ބެހޭގޮތުން ސުވާލުކޮށްލުމުން ހާފިޒް ބުނީ މިއީ ރަޙުމަތްތެރިއެއްގެ އެދުމުގެ މަތިން ތައްޔާރުކޮށްލި އެއްޗެއްކަމަށެވެ. ކެމެރާގެ ލެންސްގެ މަތިގަނޑު ދިނުމުން 2 ދުވަހެއްގެ ތެރޭގައި ތައްޔާރުކޮށްލެވޭނެކަމަށް އޭނާ ބުނެއެވެ.

ލިޔެލާޖެހުމުގައި އޭނާ ހޭދަކުރި 8 އަހަރުގެ ތެރޭގައި އެންމެ ބޮޑު ތަރުޙީބެއް ލިބިފައިވަނީ ދާދިފަހުން ތުޅާދޫގައި ބޭއްވި އަންހެނުންގެ ފުޓްސަލް މުބާރާތަކަށް ލިޔެލާޖަހައިގެން ތައްޔާރުކުރި ތައްޓަށްކަމަށް އޭނާ ބުނެއެވެ. މިއީ ހާފިޒް މަސައްކަތްކުރާ ތަނުން ތައްޔާރުކުރި އެއްޗެކެވެ. މި ތަށި ތައްޔާރުކުރުމުގައި ހާފިޒްގެ އިތުރުން އިތުރު 2 މީހަކުވެސް ބައިވެރިވިއެވެ. ތަށީގެ މަސައްކަތް ހާފިޒްއާއި އޭނާގެ ބައިވެރިންވެގެން ނިންމާލާފައިވަނީ 5 ދުވަހުގެ ތެރޭގައެވެ.

ޤައުމީ ފެންވަރުގެ މުބާރާތްތަކުގައި ބައިވެރިވެގެންވެސް ހާފިޒްވަނީ އޭނާގެ ހުނަރު ދައްކާލާފައެވެ. އަދި އޭނާގެ މަސައްކަތްތަކަށް ވަނަތައްވެސް ލިބިފައި އެބަހުއްޓެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ބޭއްވި ދިވެހި އުފެއްދުންތެރިންގެ ޤައުމީ މައުރަޒު ނުވަތަ "ފަންނު އެކްސްޕޯ" ގައި ބައިވެރިވެގެން ލިޔެލާޖެހުމުގެ ބައިން އޭނާ ލިޔެލާޖަހާފައިވާ އުފެއްދުމަކަށް ވަނީ 2 ވަނަ ލިބިފައެވެ.

ހާފިޒް ބުނީ ލިޔެލާޖަހައިގެން ތައްޔާރުކުރާ ތަކެތި ވިއްކަނީ މާލޭގެ ޓޫރިސްޓް ބައެއް ފިހާރަތަކަށާއި ބައެއް ރިސޯޓްތަކަށްކަމަށެވެ. ލިޔެލާޖެހުމުގެ މަސައްކަތަކީ ރަށުގައި ހުރެގެން ކުރަން ރަނގަޅު މަސައްކަތެއްކަން ހާފިޒް ފާހަގަކުރިއެވެ. އަދި ޒުވާނުން މިދާއިރާއަށް ނެރުމަށްވެސް ހާފިޒް އަންނަނީ މަސައްކަތްކުރަމުންނެވެ.