ޚަބަރު

ގުޅީފަޅުން ފްލެޓު ގަތުމަށް ފައިސާ ދެއްކި ފަރާތްތަކަށް ބަދަލު ދިނުމުގެ އެއްބަސްވުމުގަ ސޮއިކުރަން ފަށައިފި


ގުޅީފަޅުން ފްލެޓު ގަތުމަށް ފައިސާ ދެއްކި ފަރާތްތަކަށް ބަދަލު ދިނުމުގެ އެއްބަސްވުންތަކުގައި ސޮއިކުރަން ފަށައިފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މިއަދު ކުރެއްވި ޓުވިޓެއްގައިވާ ގޮތުން ބަދަލުދިނުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުން މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. ގުޅިފަޅުން ފައިސާ ދައްކާ ބަދަލު ނުދެވި 140 ފަރާތެއްވާ ކަމަށް ހައުސިންގ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

ބަދަލު ދިނުމަށް އެއްބަސްވުމުގަ ސޮއިކުރުމަށް މިއަދު 22 ފަރާތަކަށް ފުރުސަތު ދެއްވާފައިވީ ނަމަވެސް ސޮއިކުރަން މިއަދު ދިޔައީ 19 ފަރާތަކުންނެވެ. މީގެ ތެރެއިން 9 ފަރާތަކުން އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް ކުދިކުދި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކޮށް 10 ފަރާތުން އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައި ނުވާ ކަމަށްވެސް އެމިނިސްޓްރީން މަޢުލޫމާތުދެއްވިއެވެ.

ގުޅިފަޅު މަޝްރޫގައި ފްލެޓް ގަންނަން ފައިސާ ދެއްކި ފަރާތްތަކަށް، ގެއްލުމުގެ ބަދަލުގެ ގޮތުގައި 4 ލައްކައަށްވުރެ ގިނަ ރުފިޔާ ދިނުމަށާއި، އަދި އެފަރާތްތަކުން އެދޭނަމަ ހިޔާ މަޝްރޫއުގެ ތެރެެއިން ފްލެޓް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމްވަނީ ވިދާޅުވެފައެވެ.

2010 ވަނަ އަހަރު އިއުލާނު ކުރި ގުޅިފަޅު މަޝްރޫއުގެ ތެރެއިން، ފްލެޓް ގަތުމަށް 140 ފަރާތަކުން ފައިސާ ދައްކާފައިވެއެވެ. ގުޅިފަޅުން ފްލެޓްގަތް ބައެއް މީހުން، ޑައުންޕޭމެންޓްވެސް އަދި އެއަަށްވުރެ އިތުރަށްވެސް ފައިސާ ދައްކާފައި ވާކަމަށްވެސް މިނިސްޓަރ އަސްލަމްވަނީ ވިދާޅުވެފައެވެ.

މިގޮތުން ގުޅިފަޅުން ފްލެޓް ލިބުނު ފަރާތްތަކަށް ބޯހިޔާވަހިކަމާއި ގެއްލުމުގެ ބަދަލު ދިނުމަށް ސަރުކާރުން ނިންމަވާފައި ވާއިރު، ހިޔާ މަޝްރޫއުގެ ތެރެއިން ފްލެޓް ބޭނުން ނުވާ ފަރާތްތަކަށް ފްލެޓް ދޭން ވަނީ ނިންމާފައެވެ، 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2020 ޑިސެމްބަރު މަހާއި ހަމައަށް އެފަރާތްތަކުން ކުއްޔަށް ދިރިއުޅެން ހޭދަކުރި ފައިސާއަށް ބަލައި މަހަކު، 12000 ރުފިޔާގެ ރޭޓުން، 3 އަހަަރަށް، 432000ރ (ހަތަރުލައްކަ ބައްތިރީސްހާސް ރުފިޔާ) ގެއްލުމުގެ ބަދަލުގެ ގޮތުގައި ދިނުމަށް ވަނީ ނިންމާފައެވެ.

އެހެން ނަމަވެސް ހިޔާ މަޝްރޫގެ ތެރެއިން ފްލެޓް ބޭނުންވާ އަދި ސަރުކާރުގެ އެހެން މަޝްރޫއެއްގެ ތެރެއިން 3 ކޮޓަރީގެ ފްލެޓް ގަންނަން ބޭނުންވާ ފަރާތްތަކަށް 2020 ޑިސެމްބަރު މަހުގެ ފަހުން އިތުރަށް ހިނގާ މުއްދަތަށް ފައިސާއެެއް ނުދޭނެ ކަމަށް، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވެވި ބައްދަލު ކުރެއްވުމުގައި މިނިސްޓަރ އަސްލަމްވަނީ ވިދާޅުވެފައެވެ.

އަދި 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރިން 3 ކޮޓަރީގެ ތަންތަން ގަންނަން ބޭނުންވެގެން ހިޔާފްލެޓްތައް ގަތުމުގެ ފުރުޞަތު ދޫކޮށްލާ ފަރާތްތަކަށް އެފުރުޞަތު ނުދެވިއްޖެނަމަ ގެއްލުމުގެ ބަދަލުގެ ގޮތުގައި ކުއްޔަށް މަހަކު 12000 ރުފިޔާގެ މަގުން ފައިސާ ދޭނެ ކަމުގައި މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.