ވިޔަފާރި

ބައިނަލްއަޤްވާމީ ދަތުރުތައް ފެށުމަށް މޯލްޑިވިއަން ތައްޔާރު


ބައިނަލްއަޤްވާމީ ދަތުރުތައް ފެށުމަށް ޤައުމީ އެއަރލައިން، މޯލްޑިވިއަން އޮތީ ތައްޔާރަށްކަމަށާއި ޤައުމުތަކުގެ ބޯޑަރުތައް ހުޅުވަމުންދާ ވަރަކަށް ދަތުރުތައް ފަށަމުންދާނެކަމަށް އެ އެއަރލައިނުން ބުނެފިއެވެ.

ކޯވިޑް-19އާ ގުޅިގެން ދުނިޔޭގެ ގިނަ ޤައުމުތަކަކުން ވަނީ ބޯޑަރުތައް ބަންދުކޮށްފައެެވެ. ފުރަބަންދުގެ ފިޔަވަޅުތަކާއެކު 27 މާރޗުގައި ރާއްޖޭގެ ބޮޑަރުވެސް ބަންދުކޮށްފައި އޮތުމަށްފަހު މިމަހުގެ 15 ވަނަ ދުވަހުވަނީ ހުޅުވާލާފައެވެ. އެހެން ނަމަވެސް މޯލްޑިވިއަންއިން ދަތުރުތައް ބާއްވާ ޤައުމުތައްކަމަށްވާ އިންޑިއާ، ބަންގުލަދޭޝްގެ ބޯޑަރުތައް އަދި ހުޅުވާނުލާއެވެ. އަދި ޗައިނާގެ ވަކި ސަރަޙައްދުތައް ހުޅުވަމުން ދިޔަނަމަވެސް މޯލްޑިވިއަންއިން ދަތުރުތައް ބާއްވަމުން އަންނަ މަންޒިލްތައް ބައިނަލްއަޤްވާމީ ދަތުރުތަކަށް ހުޅުވާލާފައިނުވާކަމަށް މޯލްޑިވިއަންއިން ބުނެއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން މޯލްޑިވިއަންގެ މެނޭޖަރ ޕީއާރް އެންޑް ކޮމިއުނިކޭޝަންސް މޫސާ ވަސީމް ވިދާޅުވީ މޯލްޑިވިއަނުން ދަތުރުތައް ބާއްވަމުން ދިޔަ މަންޒިލްތަކުގެ ބޯޑަރުތައް ހުޅުވާލުމާއެކު ޝެޑިއުލް ދަތަރުތައް ފަށާނެކަމަށެވެ.

"އިންޓަރނޭޝަނަލް ދަތުރުތަކަށް ތައްޔާރު، ދަތުރުކުރާ މަންޒިލްތަކުގައި މިހާރު އަމަލުކުރަމުންދާ ނޫނީ އަމަލު ކުރާނެ ގައިޑްލައިންތަކާއި މިކަންކަމަށް އެކޮމޮޑެޑޭޓު ކުރަމުން މިދަނީ،" ވަސީމް ވިދާޅުވިއެވެ.

ކޯވިޑްގެ ކުރިން މޯލްޑިވިއަންއިން ދިޔައީ ބައިނަލްއަޤްވަމީ 9 މަންޒިލަކަށް ޝެޑިއުލް ދަތުރުތައް ބާއްވަމުންނެވެ. އޭގެތެރޭގައި ހިމެނެނީ ޗައިނާގެ 6 މަންޒިލަކާއި އިންޑިއާގެ ޗެނާއީ އަދި ޓްރެވެންޑުރަމް އަދި ބަންގްލަދޭޝްގެ ޑާކާއެވެ. މޯލްޑިވިއަނުން ދަތުރުކުރާ ޗައިނާގެ 6 ސިޓީއަކީ، ޗޮންގްޕިން، ވުހާން، ޝިއާން، ނަންޖިންގ އަދި ޗަންގޝާއެވެ.