ޚަބަރު

ވިލިމާލޭ ކުޑަކުދިންގެ ހިޔާއިން ކުއްޖަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ


ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި އުޅޭ ކުއްޖަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިކަން ޖެންޑަރ މިނިސްޓްރީންވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މިކަމާ ގުޅިގެން ޖެންޑަރ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުން ޕޮޒިޓިވްވި މިކުއްޖާއަކީ ބޭސްފަރުވާއަށް އިންޑިޔާގެ ކޮޗިންއަށް ދިއުމަށްފަހު 30 ޖޫންގައި އެނބުރި ރާއްޖެ އައި އެހިޔާގެ ދެ ކުދިންގެ ތެރެއިން ކުއްޖެކެވެ. އުމުރުން 12 އަހަރުގެ މި ކުއްޖާއަކީ އުފެދުމުގައި ވެސް ބަލި ކުއްޖެއްކަމުންނާއި، އޭނާގެ ބަލީގެ ބާވަތުން، އޭނާއަށް ގަވާއިދުން ރާއްޖޭން ބޭރުން ބޭސްފަރުވާ ކުރަން ޖެހޭކަން އެ މިނިސްޓްރީއިން ފާހަގަކުރެއެވެ.

މިކުއްޖާ 30 ޖޫން 2020 ގައި އެނބުރި ރާއްޖެ އައުމަށްފަހު އޭނާވަނީ 16 ދުވަސް ވަންދެން ކުޑަކުދިންގެ ހިޔާގައި ކަރަންޓީނު ކޮށްފައެވެ. އަދި، ކޯވިޑް-19 އަށް ޓެސްޓު ކުރުމަށްފަހު، 16 ޖުލައި 2020 ގައި ލިބުނު ޓެސްޓުގެ ނަތީޖާ ވަނީ ނެގެޓިވްވެފައެވެ.

ނަމަވެސް، ކުއްޖާއަށް ޞިއްޙީ އިތުރު މައްސަލަތަކެއް ކުރިމަތިވެ، 18 ޖުލައި 2020ގައި އޭނާވަނީ ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދައްކާފައެވެ. އަދި، އެ ހޮސްޕިޓަލުން އިރުޝާދު ދީފައިވަނީ އިތުރު ފަރުވާ ކުރުމަށް އޭނާ އައި.ޖީ.އެމް.އެޗް އަށް ދެއްކުމަށް ކަމަށްވާތީ އެ ހޮސްޕިޓަލަށް އެކުއްޖާ ބަދަލުކުރުމަށްފަހު، 19 ޖުލައި 2020 ދުވަހުގެ ރޭ ހެދި ކޯވިޑް-19 ޓެސްޓުގެ ނަތީޖާ މިއަދު ހެނދުނު ލިބުނުއިރު، ޕޮޒިޓިވްވެފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

މި ބަޔާނުގައި ޖެންޑަރ މިނިސްޓްރީއިން ވަނީ، އެ މިނިސްޓްރީން މިހާރު ކަމާގުޅޭ އިދާރާތަކާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާކަން ހާމަކޮށްފައެވެ. އެ މިނިސްޓްރީން ވަނީ ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުންދާ ކުދިންނާއި، އެ ތަނުގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗް.ޕީ.އޭ.ގެ ގަވާއިދުތަކާ އެއްގޮތަށް ފުރިހަމަކޮށްފައިވާ ކަމުގެ ޔަޤީންކަން އަރުވާފައެވެ. އަދި، ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވާ ކުއްޖާގެ ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަން ވެސް އެ މިނިސްޓްރީން ހާމަކުރައްވައެވެ.