ވިޔަފާރި

އުކާލާ މަހުގެ ބާވަތްތަކުން އެންސިސްއިން ގަސްކާނާއެއް އުފައްދައިފި


އެންސިސްއިން ގަސް ހައްދާ ފަރާތްތަކަށް ޙާއްސަ ގަސްކާނާއެއް ތަޢާރަފްކޮށްފިއެވެ.

"އެންސިސް ގްރީން ގަސްކާނާ"ގެ ނަމުގައި ތަޢާރަފްކުރި މި ގަސްކާނާއަކީ ތިމާވެއްޓާއި ރަށްޓެހި މުޅިންވެސް ގުދުރަތީ ތަކެތި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ.

މިއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސް އެކްސްޕޯޓްކޮށް، މަހުގެ އެކި ބާވަތްތައް ބާޒާރަށް ނެރޭ އެންސިސް ކުންފުނީގެ ޒީރޯ ވޭސްޓް ޕޮލިސީގެ ދަށުން ނެރުނު އުފެއްދުމެކެވެ. މި ގަސްކާނާ ތައްޔާރުކޮށްފައިވަނީ އެންސިސްގެ ފިޝް މީލް ޕްލާންޓުން އުކާލާ މަހުގެ ބާވަތްތައް ބޭނުންކޮށްގެންނެވެ. ކެމިކަލް ނުހިމަނާ ތައްޔާރުކޮށްފައިވާ މި ގަސްކާނާގައި ހިމެނެނީ މަހުގެ ކައްޓާއި، މަހުން އުކާލާ އެހެނިހެން ބައިތަކުގެ އިތުރުން އަޅިއެވެ.

"އެންސިސް ގްރީން ގަސްކާނާ" މިވަގުތު ބާޒާރުން ލިބެންހުރީ 1 ކިލޯގެ ޕެކެޓެވެ. އެއީ 25 ރުފިޔާއަށެވެ. މިވަގުތު 1 ކިލޯގެ ޕެކެޓް ވިއްކިނަމަވެސް ކުރިއަތްއޮތްތަނުގައި 25 ކިލޯގެ ޕެކެޓްވެސް ބާޒާރަށް ނެރޭނެކަމަށް އެންސިސްއިން ބުނެއެވެ.

އެންސިސްއިން ވިއްކާ ގަސްކާނާ ލިބެން ހުންނާނީ ހުޅުމާލެއާއި މާލޭގެ އެ ކުންފުނީގެ ބޭކަރީ ފިހާރަތަކުންނާއި އޮންލައިންކޮށެވެ. އެންސިސްއިން މި ގަސްކާނާ ބާޒާރަށްނެރެ ވިއްކަން ފަށާފައިވަނީ މިމަހުގެ ތެރޭގައެވެ. އެންސިސްއިން ބުނީ ކަސްޓަމަރުންގެ ފަރާތުން މި އުފެއްދުމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށެވެ.

ގަސްހެއްދުމަކީ މިހާރު ގިނަ ބަޔަކު ކުރަމުން އަންނަ މަސައްކަތަކަށްވުމުން ގަސްހައްދާ ފަރާތްތަކަށް މިއީ ރަނގަޅު އުފެއްދުމަކަށްވާނެކަމަށް އެންސިސްއިން ބުނެއެވެ.